21 އެޕްރީލް 2020 - 08:04
ޝާހީ ޒިންމާތައް ދޫކޮށްލެވުމަށް ޝާހީ އާއިލާއާ މުޅިން ވަކިން މިހާރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫސްތަކަކާ އޮތް ގުޅުން ކަނޑުއްވާލައްވައި އެ ނޫސްތައް ބޮއިކޮޓްކުރައްވައިފި އެވެ.
އޭގެ ތެރޭގައި ސަން އާއި މިރާ އާއި މެއިލް އެކްސްޕްރެސް އާއި އެ ތަންތަން ތަމްސީލުކުރާ މީހުން ހިމެނެ އެވެ. އަދި މިކަން ވަނީ އެ ނޫސްތަކުގެ އެޑިޓަރުންނަށް ވެސް މިހާރު ސިޓީއަކުން އަންގައިފައި ކަމަށް ބީބީސީން ބުންޏެވެ. ބީބީސީން ބުނީ ސިޓީގައި ޑެއިލީ ސްޓާގެ ނަން ހިމެނިފައި ނެތަސް، އެ ނޫހަކީ ވެސް ހެރީ އާއި މޭގަން ގުޅުން ކަނޑުއްވާލެއްވި ލިސްޓްގައި ހިމެނޭ ނޫހެއް ކަމަށެވެ.
ލޮސް އެންޖެލިސްގައި މިހާރު ދިރިއުޅުއްވާ ހެރީ އާއި މޭގަން އެފަދަ ނިންމެވުމެއް ނިންމެވި މައިގަނޑު ސަބަބަކީ އެ ބޭފުޅުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ތަކުރާރުކޮށް ފަތުރަމުން ދިއުން ކަމަށް ދެ ބޭފުޅުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަހުސިއްޔަތާއި އަބުރުކަތިލެވޭ ކަހަލަ ވާހަކަތައް އެ ނޫސްތަކުން ގެނެސްދީފައި ހުރުމަކީ ހެރީ އާއި މޭގަންގެ އިންސާނީ ކަރަމާތަށް ވެސް އަރައިގަތުމުގެ އަމަލުތަކެކެވެ.
އެހެންވެ ކުރިއަށް އޮތް ތަނުގައި އެ ނޫސްތަކާ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި އެއިން ނޫހަކަށް ދެ ބޭފުޅުން ދެން ދުވަހަކު ރަސްމީކޮށް އިންޓަވިއުތަކެއް ވެސް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. އިނގިރޭސި ޓެބްލޮއިޑް ނޫސްތަކެއް ހެރީ އާއި މޭގަން ބޮއިކޮޓްކުރައްވަން ނިންމެވި އިރު، މިދިޔަ އަހަރު ވަނީ ދޮގު ވާހަކަތަކާއި ޒާތީ މައުލޫމާތުތަކެއް ހިމެނޭ އާއިލީ ސިޓީތަކެއް ލީކްކޮށްލި މައްސަލަތަކެއްގައި ވެސް ނޫސްތަކަކަށް ދައުވާކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑެއިލީ މެއިލްގެ ދަށުން ހިންގާ މެއިލް ސަންޑޭ އާއި ސަން އާއި ޑެއިލީ މިރާގެ އިތުރުން 2011 ގައި ހުއްޓާލާފައިވާ ނިއުސް އޮފް ދަ ވޯލްޑެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ނޫސްތަކެއް ބޮއިކޮޓްކުރެއްވި ނަމަވެސް، ޒިންމާދާރުކަމާ އެކު މަސައްކަތްކުރައްވާ ހަރުދަނާ ނޫސްތަކާ އެކު އަދިވެސް ހެރީ އާއި މޭގަން ގުޅުން ބާއްވަވާނެ އެވެ. އަދި އަރަމުން އަންނަ ޒުވާން ނޫސްވެރިންނާ ވެސް ދެ ބޭފުޅުމް ގާތް ގުޅުމެއް ބާއްވަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއީން އެލޒް
21 April 2020
މިދެމީހުންގެ ޑްރާމާ ބޮޑުކަމުން ބޯހަލާކު.