އުމުރުން 90، އަދިވެސް ވީޑިއޯ ގޭމް ކުޅުމުގައި

މިއީ ޖަޕާނަށް އުފަން މޯރީ ހަމާކޯ އެވެ. މަޝްހޫރު ނަމުން ނަމަ ގޭމާ ގްރޭންޑް މާ އެވެ. އޭނާގެ އުމުރުން މިހާރު 90 އަހަރެވެ. އެ އުމުރުގެ އެހެން އަންހެނުންނާ ހިލާފަށް މޯރީ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ވީޑިއޯ ގޭމް ކުޅެގެންނެވެ.


އޭނާ ވީޑިއޯ ގޭމް ކުޅޭތާ މިހާރު 39 އަހަރުވެއްޖެ އެވެ. އަދިވެސް ހުއްޓައިލުމުގެ ވިސްނުމެއް ނެތެވެ. މި ސަބަބާ ހުރެ ގިނިސް ވޯލްޑް ރެކޯޑުން މޯރީ ސިފަކުރަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ވީޑިއޯ ގޭމް ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޔޫޓިއުބް ގޭމިން ކޮމިއުނިޓީގެ ތެރޭގައި ވެސް އުޅޭ މޯރީ ކުޅޭ ގޭމްތަކުގެ ތެރޭގައި ކޯލް އޮފް ޑިއުޓީ: މޮޑަން ވޯފެއާ އާއި ގްރޭންޑް ތެފްޓް އޮޓޯ 5 (ޖީޓީއޭ 5) ގެ އިތުރުން ރެޒިޑެންޓް އިވިލް ހިމެނެ އެވެ. އަދި އޭނާ އަށް އެންމެ ފުރަތަމަ ކުޅެން ލިބުނު ގޭމަކީ "ކެސެޓް ވިޝަން" އެވެ. މޯރީ ވަނީ އޭނާ އަށް މިހާތަނަށް ލިބުނު ހުރިހާ ގޭމްތަކެއް ރައްކާ ވެސް ކޮށްފަ އެވެ.

"އެއީ ހަނދާނާއި ތާރީހަށްޓަކައި. މިހާރު އެތަކެއް ގޭމިން ކޮންސޯލެއް އަހަރެންގެ އަތުގައި ހުންނާނެ،" މޯރީ ބުންޏެވެ. "މިހާރު އަހަރެން އާންމުކޮށް ކުޅޭ ގޭމްތަކުގެ ތެރޭގައި ޕްލޭސްޓޭޝަން ހަތަރެއް ހިމެނޭނެ. އެ ކުޅެން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވާނެ. އެކަމަކު އެ ގޭމް އަހަންނަށް ތަންކޮޅެއް އުނދަގޫ."

އޭނާގެ ޔޫޓިއުބް ސަބްސްކްރައިބަރުންގެ އަދަދު މި މަހުގެ ތެރޭގައި ވަނީ 274،000 އަށް އަރައިފަ އެވެ. އެއާ އެކު ގިނިސް އިން ވަނީ އެންމެ ދުވަސްވީ ވީޑިއޯ ގޭމް ޔޫޓިއުބާގެ މަގާމު ވެސް ދީފަ އެވެ.

އެކަމާ ގުޅިގެން މޯރީ ވަނީ އޭނާ ފޮލޯކުރާ އެންމެންނަށް ޝުކުރު އަދާކޮށް، އެ ރެކޯޑް ހާސިލުކުރެވުނީ ފޭނުންދޭ ސަޕޯޓްގެ ސަބަބުން ކަމަށް ބުނެފަ އެވެ.

ގިނިސް ވޯލްޑް ރެކޯޑަށް ދިން އިންޓަވިއުގައި މޯރީ ކިޔައިދިން ގޮތުގައި މީގެ 40 ވަރަކަށް އަހަރު ކުރިން ވީޑިއޯ ގޭމް ކުޅެން ފެށި ހަމަ ވަރަށް އާދައިގެ ގޮތަކަށެވެ. އޭރު ގޭމްތަކާ ބެހޭ ގޮތުން މާ ބޮޑު ހުނަރުތަކެއް ޓެކްނިކެއް ނެތް ކަމަށް ބުންޏެވެ.

"އެކަމަކު ކުޅެން އާދަވިފަހުން ވަރަށް ބޮޑު ކުރިއެރުމެއް އައިސް އަސްލު މިކަމަށް ފަހުން ދެވިހިފީ،" މޯރީ ބުންޏެވެ. "މި ހިސާބަށް އާދެވުނީ ވަރަށް ގިނަ ނާކާމިޔާބީތަކާ ވެސް އެކީގައި."

އޭނާ ކިޔައިދިން ގޮތުގައި ވީޑިއޯ ގޭމްތައް ކުޅުމަކީ ފޫހިކަމެއް ނެތް ޝައުގުވެރި ކަމެކެވެ. އަދި ބައެއް ގޭމްތަކުގެ ތެރެއަށް ވަދެވުމަކީ ފިލްމެއް ބެލުން ކަހަލަ ކަމެއް ކަމަށް ބުންޏެވެ.

"އަހަރެންގެ އެންމެ ފެވަރިޓަކީ ޖީޓީއޭ ފައިވް. އޭގެ ގްރެފިކްސް ވަރަށް ކަމުދޭ،" މޯރީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން ދުވަސްވުމަކީ ވީޑިއޯ ގޭމް ކަހަލަ ކަންކަމާ ދުރުވާން ޖެހޭ ސަބަބެއް ނޫނެވެ. އެހެންވެ އުމުރުން ދުވަސްވީ މީހުން މި ކުޅިވަރުގެ ތެރެއަށް ވަނުމަކީ އުންމީދެއް ކަމަށް ބުންޏެވެ.

"މިއީ ބޭކާރު ހިޔާލުތަކާއި ފިކުރުތަކުން ދުރުކޮށްދޭ، އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމެއް،" މޯރީ ބުންޏެވެ. "އަދި މިކަމުގެ ތެރޭގައި އުޅޭ އިރު، ލިބޭ ކޮމެންޓްތައް އަބަދު ވެސް ބަލައިގަންނަން. އަހަރެންގެ ގޭމިން ޔޫޓިއުބްގެ މަގުބޫލުކަން ބޮޑުކުރުން އަދިވެސް ހުވަފެނަކީ."