ޕީޕީއީގެ ދަތިކަމުގެ ވާހަކަ ދެއްކި އިންޑިއާ ޑޮކްޓަރަކު ނަފުސާނީ ބަލީގެ ތަނަކަށް

ކޮރޯނާވައިރަހާ އިންޑިއާ އިން ހަނގުރާމަކުރަމުން އަންނަ އިރު، މާސްކާއި އެ ނޫން ވެސް ރައްކާތެރިކަމުގެ އާލާތްތަކުގެ ދަތިކަން ހުރި ވާހަކަ ދެއްކި ޑޮކްޓަރަކު ނަފުސާނީ މައްސަލަ ހުރި މީހެއް ކަމަށް ނިންމައި، އެފަދަ މީހުންނަށް ފަރުވޭ ތަނެއްގައި ބުދަ ދުވަހު އެޑްމިޓްކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާލު ޖެހުނީ އެނެސްތެޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާތާ 20 އަހަރުވީ ޑރ. ސުދާކަރް ރާއޯއަށެވެ. އޭނާ އަކީ އިންޑިއާގެ ދެކުނު ސިޓީއެއް ކަމަށްވާ ވިސާކާޕަޓްނަމަށް ނިސްބަތްވާ މީހެކެވެ.

ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންނަށް ފަރުވާ ދޭ ތަނެއްގައި ޑޮކްޓަރު އެޑްމިޓްކޮށްފައިވާ އިރު، ފުލުހުން އޭނާ ހައްޔަރުކުރީ ރިކްޝާއެއްގައި ގެއަށް ދަނިކޮށް މަގުމަތިން ކަމަށް ނޫސްތަކުން ބުނެ އެވެ. އަދި ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދިޔައީ ފުރަގަހަށް ބިޑި ވެސް އަޅުވައިގެންނެވެ.

ފުލުހުން ޑޮކްޓަރު ހައްޔަރުކުރަނީ.

މި މަންޒަރު ފެން ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ، ވަރަށް ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދިފައިވެ އެވެ. ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އިންޑިއާގެ ޑޮކްޓަރުންނަށް ވަރަށް ދެރަ ގޮތްތައް ދަނީ ދިމާވަމުންނެވެ.

މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ފާޑުކިޔުންތައް ވަނީ ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި ގައުމު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވައި ވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މަސައްކަތްކުރަނީ ހަގީގަތް ފޮރުވައި، މީހުންގެ ދޫބަންދުކުރަން ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ޑޮކްޓަރު ހައްޔަރުކުރަނީ.

ސަރުކާރުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ ޑރ. ރާއޯ ހައްޔަރުކޮށް، ނަފުސާނީ ބަލީގެ މީހުން ތިބޭ ތަނެއްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 3 ގައި އޭނާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަމާބެހޭ ފަރާތްތަކުން، ކޮވިޑް-19 ފެތުރޭ މި ހާލަތުގައި އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޝަން އިކްޕްމަންޓް (ޕީޕީއީ) ފޯރުކޮށް ނުދޭ ކަމަށް ބައްދަލުވުމެއްގައި ވިދާޅުވުމުން އެ ބައްދަލުވުމުން ވެސް ބޭރުކޮށް، ވަޒީފާ އިން ސަަސްޕެންޑް ވެސްކޮށްފައި ވަނިކޮށެވެ.

މި ހާދިސާއާ ބެހޭ ގޮތުން ވިސާކާޕަޓްނަމްގެ ޕޮލިސް ކޮމިޝަނަރު އާރްކޭ މީނާ މީޑިއާތަކަށް ވިދާޅުވީ ޑޮކްޓަރު ހައްޔަރުކުރީ މަސްތުވެގެން މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި ހައްޔަރުކުރި އިރު، އެއީ ޑރ. ރާއޯކަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ޑޮކްޓަރު ހައްޔަރުކުރަނީ.

ނަމަވެސް އޭނާގެ ފަރާތުން ނަފްސާނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުމުން އެފަދަ މީހުންނަށް ފަރުވާ ދޭ ތަނަށް ގެންދިޔައީ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއޯ ވަނީ ފުލުހުންގެ މަސައްކަތަށް ވެސް ހުރަސް އަޅައި، ފުލުހުންނާ މާރާމާރީ ވެސް ހިންގައިފައި ކަމަށެވެ.

ރާއޯ އަށް އެޑްމިޓްކޮށްފައި އޮތް ތަނުގެ ސުޕްރިންޑެންޓް ޑރ. ރާދާ ރާނީ ވިދާޅުވީ އޭނާގެ ހާލަތު މި ވަގުތު ރަނގަޅުކަމަށާއި އޮބްޒަވޭޝަނަށް ދެ ހަފުތާ އަށް ބާއްވަން ޖެހޭ ކަމަށެވެ.