ލަފަޔަކީ ދެ އަހަރު ނުވާ ކުދިން މާސްކް ނޭޅުވުން

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން މިހާރު ފޭސް މާސްކް އެޅުން މިއޮތީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށްވެފަ އެވެ. އެކަމަކު ހަމަ ހުރިހާ އުމުރުފުރައެއްގެ ބަޔަކު ވެސް މާސްކް އަޅަން ޖެހޭ ހެއްޔެވެ؟


މިކަމާ ބެހޭ ގޮތުން ޖަޕާނުގެ ޕީޑިއަޓްރިކް އެސޯސިއޭޝަނުން ވަނީ ހާއްސަ އިލްތިމާސެއް ކޮށްފަ އެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކް ނޭޅުވުމެވެ. އެތަނުގެ ތަޖުރިބާކާރުންގެ ޓީމަކުން ބުނި ގޮތުގައި އެ އުމުރުގެ ކުދިން މާސްކް އެޅުވުމަކީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އޭގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި ނޭވާލާ ހޮޅި ބެދުމާއި ފުއްމާމެއަށް އުނދަގޫތައް ކުރިމަތިވުމާއި ހީޓް ސްޓްރޯކް ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެސޯސިއޭޝަނުން ނެރުނު ލީފްލެޓެއްގައި ފާހަގަކޮށްފައިވެ އެވެ.

އޭގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގެ ދެ އަހަރުން ދަށުގެ ކުދިން މާސްކް އަޅުވާ ނަމަ އެ ކުދިންނަށް ދިމާވާ ކަންކަން ދެނެގަންނަން ވެސް މަބައިންފައިންނަށް އުނދަގޫވާނެ އެވެ. ސަބަބަކީ ކުދިންގެ މޫނު ކުޑަވެފައި، މާސްކުން މޫނުގެ ބޮޑުބައި ނިވާވެފައި ހުންނާނެތީ އެވެ.

"އެހެންވެ އެއްވެސް ވަރަށް ރައްކާތެރިއެއް ނޫން އެހާ ކުޑަކުދިން މާސްކް އަޅުވާފައި ބައިތިއްބާކަށް،" އެސޯސިއޭޝަނުން ބުންޏެވެ.

އެތަނުން ބުނިގޮތުގައި އެހާ ކުޑަކުދިންނަކީ ކޮވިޑް-19 ގެ ނުރައްކާ ވެސް އެހާ ބޮޑު ބަޔަކަށް ނުވާތީ މާސްކަކީ މަޖޫބުރު އެއްޗެއް ނޫނެވެ. ފަރުވާއެއް އަދި ނެތް ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރާ އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

ނަމަވެސް ބައެއް ގައުމުތަކުން ވަރަށް ތުއްތު ކުދިންނަށް ވެސް ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެ އެވެ.