ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ ކިޔެވުމުގެ ހަރަދު ކަންޔޭގެ ފަރާތުން

މިދިޔަ މަހު އެމެރިކާ ފުލުހުންގެ އަނިޔާގައި މަރުވި އެމެރިކާގެ ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ ކިޔެވުމުގެ ހުރިހާ ހަރަދެއް މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ދޭން ނިންމައިފި އެވެ.


ކިމް ކާޑޭޝަންގެ ފިރިމީހާ ކަމަށްވާ ކަންޔޭގެ ފަރާތުން އޭނާ ތަރުޖަމާނު ބުނި ގޮތުގައި ފްލޮއިޑް، 42، ގެ އަންހެން ދަރިފުޅު ޖިއާނާ ފްލޮއިޑް، 6، ގެ ކިޔެވުމަށް ހުރިހާ ހަރަދެއް ބިލިއަނަރު ކަންޔޭގެ ފަރާތުން ހަމަޖައްސައިދޭނެ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް ފަންނާނުންނާ އެކު ފޯބްސް އެންމެ ފަހުން އާންމުކުރި ލިސްޓްގައިވާ ގޮތުން ކަންޔޭ، 46، އަކީ ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދީއެއް ލިބުނު ފަންނާނެވެ. އަދި އޭނާ އަކީ ފާއިތުވި އެއް އަހަރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އެވެ. އެއީ 170 މިލިއަން ޑޮލަރާ އެކީގަ އެވެ.

ވެސްޓްގެ މިލްކިއްޔާތު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

ފްލޮއިޑްގެ ދަރިފުޅުގެ ކިޔެވުމުގެ ހަރަދާ އެކު، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގައި ދޮން ނަސްލުގެ ދެ މީހަކުވެގެން މަރައިލި ކަޅު ނަސްލުގެ އަހުމޯދު އާބެރީ، 25، އާއި ފުލުހުންތަކެއް މިދިޔަ މާޗް މަހުގެ ތެރޭގައި ބަޑިން ހަމަލާދީ މަރައިލި ކަޅު ނަސްލުގެ އަންހެނެއް ކަމަށްވާ ބެރޯނާ ޓޭލާ، 26، އާއިލާ އަށް އެހީވާން ކަންޔޭ ވަނީ ދެ މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފަ އެވެ.

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު ފްލޮއިޑްގެ ކަރަށް ފައިން އަރައި، އޭނާ ނޭވާ ހާސްކޮށްލައިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރައިލި ހާދިސާއާ ގުޅިގެން އެމެރިކާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފަ އެވެ.

މިއާ އެކު އޭނާ މަރައިލުމުގައި ބައިވެރިވި ހަތަރު ފުލުހުންގެ މައްޗަށް ވަނީ މީހަކު މެރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.