ކުރީގެ ކޮންޓެންޓް ފޭސްބުކްގައި ޝެއާ ނުކުރަން ބުނާ ފީޗާއެއް

ކުރީގެ ކޮންޓެންޓެއް ފޭސްބުކްގައި ޝެއާކުރާ ނަމަ އެ އެއްޗަކީ މިހާރުގެ ހާލަތާ ގުޅޭ އެއްޗެއްތޯ ވިސްނާލަން ފުރުސަތުދޭ ފީޗާއެއް ފޭސްބުކުން ތައާރަފުކޮށްފި އެވެ.


އެގޮތުން ތިން މަސް ދުވަހުގެ ކުރީގެ އެއްޗެއް އެއީ މިހާރުގެ ހާލަތަށް ކަމުދާ އެއްޗެއްތޯ ވިސްނާލައި، އެ އެއްޗެއް ޝެއާކުރުމާއި ނުކުރުމުގެ އިހުތިޔާރު ފޭސްބުކުން ދޭނެ އެވެ. އެގޮތުން އެ އެއްޗެއް ޝެއާކުރަން ބޭނުން ނަމަ އެ ފުރުސަތާއި ބޭނުން ނޫން ކަމަށް ވާ ނަމަ "ގޯ ބެކް" ގެ އޮޕްޝަން ފޭސްބުކުން ދޭނެ އެވެ.

މީގެ ބޭނުމަކީ ރަނގަޅު ނޫން މައުލޫމާތު ފެތުރުން މަދުކުރުމާއި ހާލަތާ ނުގުޅޭ އަދި ސައްހަކަމާ ދޭތެރޭ ސުވާލު އުފެދޭ ކަހަލަ ކޮންޓެންޓްތަކުން ފޭސްބުކް ބޭނުންކުރާ މީހުން ރައްކާތެރިކޮށްދިނުމެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކްގެ ފީޑް އެންޑް ސްޓޯރީޒްގެ ވައިސް ޕްރެޒިޑެންޓް ޖޯން ހެޖްމަން ވިދާޅުވީ ފޭސްބުކްގެ ޓައިމްލައިނަކީ އަބަދު ވެސް ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެހެންވެ އޭގައި ދައުރުކުރާ އެއްޗިއްސަކީ ސައްހަ އަދި "ރެލަވަންޓް" އެއްޗިއްސަށްވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"މިއީ އަހަރެމެންގެ އިންޓާނަލް ރިސާޗް ޓީމަކުން ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ ހޯދުންތަކަކަށް ފަހު ގެންނަން ނިންމި ބަދަލެއް." ޖޯން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުން ފޭސްބުކްގައި މާ ކުރީގެ އެއްޗެހި، ހާއްސަކޮށް އެކި ކަހަލަ އާޓިކަލްތައް ޝެއާކުރާތީ އޮޅުންބޮޅުން އަރާ ގޮތްވެ އެވެ. އަދި މިކަމުގެ ސަބަބުން ނުރަނގަޅު ކަންކަން ދިމާވަމުންދާކަން ވެސް ގިނަ ބަޔަކު ފާހަގަކުރާ ކަމަށް ވިދާޅުވި އެވެ.

ފޭސްބުކަކީ ބޭނުންކުރާ މީހުންނަށް ރައްކާތެރި އެއްޗެއްކަން އިތުރަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ދާދި ފަހުން ވަނީ ކޮވިޑް-19އާ ގުޅޭ ގޮތުން ވެސް ކަށަވަރުނުވާ މައުލޫމާތުތައް ހިއްސާކުރުމުގައި ސަމާލުވެވޭނެ ގޮތް ހަދައިފަ އެވެ.

މީގެ އިތުރުން ދާދި ފަހުން ޓްވިޓާ އިން ވެސް ފޭސްބުކުން އަލަށް މި ތައާރަފުކުރު ފީޗާއެއް ތައާރަފުކުރަން ނިންމައިފަ އެވެ. އެގޮތުން އާޓިކަލްގެ ލިންކެއް ޝެއާކުރާ ނަމަ އެ އެއްޗަކީ ފުރަތަމަ ތިމާ އަމިއްލަ އަށް ކިޔާފައި، އެހެން މީހުންނަށް ދޫކޮށްލެވޭ އެއްޗަކަށް ހަދަން ވަނީ ނިންމައިފަ އެވެ.