މާކް ވާލްބާގް ހުރިހާ އެއްޗަކަށް އެލާޖިކް!

ފިޓްނެސް އައިކަންއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައި ވިޔަސް ސިއްހީ މައްސަލައެއް އެބަހުރި ކަމަށާއި އޭނާ އަކީ ހުރިހާ އެއްޗަކަށް އެލާޖިކް މީހެއް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މާކް ވާލްބާގް ބުނެފި އެވެ.


އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ 49 އަހަރުގެ އެކްޓަރު އެލާޖިކް ޓެސްޓްތަކެއް ހަދަނިކޮށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ "އުމުރުގެ މިހާ ހިސާބަށް އައި ހުރިހާ އެއްޗަކަށް އެލާޖިކްވާ މީހެއްކަން އެނގުނީ އަދި ކިރިޔާ" ކަމަށެވެ.

އެކަމަކު އޭނާގެ ޕޯސްޓްގައި އެލާޖިކް ވަނީ ކޮން އެއްޗިއްސަކަށް ކަމާއި އޭގެ ސަބަބެއް ހިއްސާކޮށްފައެއް ނުވެ އެވެ. އެ ޕޯސްޓަށް އާންމުންގެ އެތައް ބައިވަރު ކޮމެންޓެއް ލިބިފައިވެ އެވެ.

ހޮލީވުޑްގައި އެންމެ ބޮޑު އާމްދަނީ ވެސް ލިބޭ އެކްޓަރުންގެ ތެރޭގައި ގުނައިލެވޭ ވާލްބާގަކީ ފިޓްކޮށް ހުރުމަށް އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ އެކްޓަރެކެވެ. އަދި އޭނާ ކަސްރަތުކުރަން ގެންގުޅޭ ގިނަ ޓެކްނިތަކަކީ ވަރަށް ގިނަ ބަޔަކު ފޮލޯ ވެސް ކުރާ ކަންކަމެވެ.

ހަތަރު ދަރިން ތިބި ވާލްބާގަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. "ޕްލެނެޓް އޮފް ދި އޭޕްސް" އާއި "ދި އިޓާލިން ޖޮބް" އާއި "ޕެއިން އެންޑް ގެއިން" އަދި "ޑެޑީޒް ހޯމް" ފަދަ އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުން ފެނިފައި ވަނީ މާޗްގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި "ސްޕެންސާ ކޮންފިޑެންޝަލް" އިންނެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަޖުގެ ތެރޭގައި "ގުޑް ޖޯ ބެލް" އާއި "އިންފިނިޓް" އަދި "އަންޗާޓެޑް" ހިމެނެ އެވެ.