އެމެރިކާގެ "ރިއާސީ ރޭހަށް" ބާބީ ބުދުތަކެއް

"ބާބީ" ބުދު އުފައްދާ އެމެރިކާގެ މެޓެލް ކުންފުނިން އަންހެނުންގެ ބާރުވެރިކަމަށް ހާއްސަކޮށްގެން "ރިޔާސީ ރޭހު" ގެ ތީމަށް ބުދު ކަލެކްޝަނެއް ނެރެފި އެވެ.


ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިއާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް "ބާބީ 2020 ކެމްޕޭން ޓީމް" ގެ ނަމުގައި ނެރުނު ބުދު ކަލެކްޝަނުގައި ހިމެނެނީ ހަތަރު ބުދެކެވެ. އެއީ ރައީސް ކަމަށް ވާދަކުރާ ކަޅު ނަސްލުގެ "ކެންޑިޑޭޓް" އާއި އޭނާގެ ކެމްޕޭނަށް ހަރަދުކުރާ "މީހާ" އާއި "ކެމްޕޭން މެނޭޖަރު" އާއި ވޯޓްލާ "މީހުން" ނެވެ.

މެޓެލް އިން ބުނިގޮތުގައި "ބާބީ 2020 ކެމްޕޭން ޓީމް" ގެ ކަލެކްޝަންގެ އަމާޒަކީ އަންހެނުން ގައުމަށް ހިދުމަތްކުރަން ނުކުތުމަށް ހިތްވަރުދިނުމާއި ގައުމު ބިނާކުރުމުގައި އަންހެނުންގެ ރޯލަކީ ކިހާ މުހިއްމު ކަމެއްކަން އަންގައި ދިނުމެވެ.

މެޓެލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ހެޑް އޮފް ބާބީ އެންޑް ޑޯލްސްގެ ލީޒާ މެކްނައިޓް ވިދާޅުވީ 1959 ގައި ބާބީ ވުޖޫދަށް ގެނައި ފަހުން އެ މީހުން އަންނަނީ އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭން މަަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"ކެމްޕޭން ޓީމަކީ ވެސް އޭގެ ވަރަށް މުހިއްމު ބައެއް. މިހާރު މި ޒަމާނަކީ އަންހެނުންނަށް ވަރަށް ބޮޑަށް ފުރުސަތު ހުޅުވިފައި އޮތް ޒަމާނެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ ކަލެކްޝަންތަކުން ރަމްޒުކޮށްދޭން ބޭނުންވާ ކަމަކީ އެއީ."

ލީޒާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި އެމެރިކާ އޮތް އިރު އަދިވެސް އެ ގައުމުގެ އިންތިހާބީ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަ އެވެ. އަދި ވަކިން ހާއްސަކޮށް ކަޅު ނަސްލުގެ އަންހެނުންނަށް ފުރުސަތުތައް ވަރަށް ހަނި ކަމަށް ވިދާޅުވި އެވެ.

"ކެމްޕޭން ޓީމް ކަލެކްޝަންގެ ބޭނުމަކީ އެމެރިކާ ލީޑްކުރުމުގައި އަންހެނުންގެ ދައުރުފުޅާކުރަން ޖެހޭކަން ހާމަކޮށް ދިނުން،" ލީޒާ ވިދާޅުވި އެވެ. "އަންހެނުން އަޑު އުފުލަން ޖެހޭކަން. ގައުމު ބިނާކުރުމުގައި އެ މީހުންގެ ހިއްސާ އޮންނަން ޖެހޭނެކަން ހާމަކޮށް ދިނުން. ވަކި މަގާމަކަށް އަންނަން ވަކި ޖިންސެއް މުހިއްމު ނުވާކަން އެއީ ގަބޫލުރަންވެއްޖެ ހަގީގަތެއް."

އެމެރިކާގެ ރައީސް ކަމަށް މިހާތަނަށް އަންހެނަކަށް ވަޑައިގަނެވިފައެއް ނުވެ އެވެ. އެކަމަކު ރިއާސީ އިންތިހާބަށް އަންހެނުން ވާދަކޮށްފައިވެ އެވެ. ބައެއް ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ކަމަށް މި ފަހަރު ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅަކު ނެރުއްވުމުގެ ފުރުސަތު ބޮޑެވެ.

"ބާބީ 2020 ކެމްޕޭން ޓީމް" ކަލެކްޝަން މެޓެލް އިން ސިފަކޮށްފައި ވަނީ "ބާބީޒް ކެރިއާ އޮފް ދި އިޔާ 2020" ގެ ގޮތުގަ އެވެ. އަދި މިއީ 1992 ގެ ފަހުން ސިޔާސީ މަގާމަކަށް ބާބީ ނުކުތް ހަތް ވަނަ ފަހަރެވެ.

އެމެރިކާގެ ފިހާރަތަކުންނާއި އެމެޒޯނުން ވެސް "ބާބީ 2020 ކެމްޕޭން ޓީމް" މިހާރު ވިއްކަމުން އަންނަ އިރު އަގަކީ 39.99 ޑޮލަރު (615.85ރ.) އެވެ.