ޕީޕީއީ އުފައްދަން ބާބެރީން 700،000 ޑޮލަރު ހަދިޔާކޮށްފި

ކޮވިޑް-19 ގެ ފެތުރުމުގެ އިނގިރޭސިވިލާތުގައި ގޯސްވި ފަހުން ގިނަ އަދަދެއްގެ މާސްކާއި ގައުން ފަދަ ޕާސަނަލް ޕްރޮޓެކްޓިކް އިކްޕްމަންޓް (ޕީޕީއީ) އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށް ހަދިޔާކުރަމުން އަންނަ މަޝްހޫރު ފެޝަން ކުންފުނި ބާބެރީ ފީޕީއީ އުފައްދަން އެހީވުމުގެ ގޮތުން ސަރުކާރަށް 573،000 ޕައުންޑް (761,488.35 ޑޮލަރު) ހަދިޔާކޮށްފި އެވެ.


ބާބެރީން ބުނިގޮތުގައި މިދިޔަ އެޕްރީލް މަހުން ފެށިގެން އެ ތަނުން އަންނަނީ ސިއްހީ އެހީތެރިންނަށް ޕީޕީއީ ފޯރުކޮށްދެމުންނެވެ. އެގޮތުން ވެސްޓް ޔޯކްޝަޔާގައި ހުންނަ އައުޓްލެޓުން މިހާތަނަށް އެތައް ހާސް ޕީޕީއީ ހަދިޔާކޮށްފައިވާ ކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 160،000 އަށް ވުރެ ގިނަ ޕީޕީއީ އުފައްދާ ވެސް ކަމަށް ބާބެރީން ބުންޏެވެ.

ކުރީ ސަފުގައި މަސައްކަތްކުރާ އެންއެޗްއެސްގެ މުވައްޒަފުންނަށް ބޭނުންވާ ޕީޕީއީ އުފައްދަން ދިން މާލީ އެހީއާ ބެހޭ ގޮތުން ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ ނުރައްކާތެރި ބައްޔަކާ ދެކޮޅަަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްކަށް އެހީވުމަކީ ބާބެރީ އަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި އެ ގޮތުގައި އެ ކުންފުނި އަބަދު ވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް އެހީވުމަކީ އަހަރެމެންގެ ޒިންމާއެއް ވެސް މެ. ކޮވިޑާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެންގެ ހިދުމަތް އަހަރެމެން އެންމެ އުފަލާ އެކު ބަލައިގަންނަން." ތަރުޖަމާނު ވިދާޅުވި އެވެ.

ބާބެރީން ބުނިގޮތުގައި ޕީޕީއީ ހޯދުމަށް ކުރާ މަސައްކަތަކީ ރައްކާތެރިކަމުގެ ގޮތުން ކުރެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ. އެހެންވެ ޕީޕީއީގެ ދަތިކަން ކުރިިމަތިނުވާނެ ގޮތަކަށް ތަކެތި ސަޕްލައިކޮށްދޭން އެހީވާނެ ކަމަށް ބުންޏެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންށް ސޯޝަލް ކެއާގެ ތަރުޖަމާނު ވިދާޅުވީ ބާބެރީން ލިބެމުން އަންނަ އެހީތަކަކީ ނަމޫނާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބާބެރީން ދެމުން އަންނަ އެހީތެރިކަމާ އެކު މިހާތަނަށް ސިއްހީ އެހީތެރިންނަށް ތިން ބިލިއަނެއްހާ ޕީޕީއީ ފޯރުކޮށް ދެވިފައިވާނެ އެވެ.

ބާބެރީން ޕީޕީއީ ފޯރުކޮށްދޭން އެހީވަމުން އަންނަ އިރު، ކޮވިޑް-19 އަށް އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާ ވެކްސިނަށް ވެސް އެ ކުންފުނިން ފަންޑްކޮށްފައިވެ އެވެ.