ޓިކްޓޮކް ގުޅެން ނިންމީ އެމެރިކާގެ އޮރޭކަލް ކޯޕަރޭޝަނާ

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި މަޖޫރުގެ ތެރެއިން މައިކްރޮސޮފްޓް ފަހަތަށް ޖައްސައިލުމަށް ފަހު، އޮރޭކަލް ކޯޕަރޭޝަނާ ގުޅެން ޓިކްޓޮކުން މިއަދު ނިންމައިފި އެވެ.


ޓިކްޓޮކް އެމެރިކާ އަށް ވިއްކައިނުލާ ނަމަ އެ އެޕް އެމެރިކާގައި މަނާކުރާނެ ކަމުގެ ބިރު ދައްކައި، ޓިކްޓޮކް ގަންނަން ޓްރަމްޕްގެ ރުހުމާ އެކު އެންމެ ފުރަތަމަ ނުކުތް ކުންފުންޏަކީ ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މައިކްރޮސޮފްޓެވެ. ނަމަވެސް އެ ކުންފުންޏާ ގުޅުމުގެ ބަދަލުގައި ޓިކްޓޮކުން ނިންމީ ކޮމްޕިއުޓަ ސޮފްޓްވެއާ ކުންފުނި އޮރޭކަލްއާ ގުޅިގެން ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރާށެވެ. ނަމަވެސް މި އެއްބަސްވުމާ ބެހޭ އެއްވެސް ތަފުސީލެއް ދެ ކުންފުނިން ވެސް އަދި ހާމައެއްނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެއްބަސްވުމާ ބެހޭ ތަފުސީލުތައް ހޯދައި އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން މި މުއާމަލާތާ ބެހޭ މައުލޫމާތު މި މަހުގެ 20 ގައި އާންމުކުރާނެ އެވެ. އެގޮޮތުން އެމެރިކާގައި ދެން ޓިކްޓޮކް އޮޕަރޭޓްކުރާނެ ގޮތާ ބެހޭ ކަންކަން ވެސް ހިމެނެ އެވެ. ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން އެ ގައުމުން މަޖުބޫރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްވާ ކަމަށް ބުނެ އެވެ.

ޓިކްޓޮކްގެ މުއާލަމާތާ ގުޅޭ އެއްބަސްވުމަކަށް ބައިޓްޑާންސާއި އޮރޭކަލް އައިސްގައި ވަނީ ޓްރަމްޕްގެ ގަރާރަކުން އެ މުއާމަލާތް މިއަދު ކޮޅެއްގައި ޖައްސަން އޮގަސްޓް މަހުގެ 6 ގައި ދިން މުހުމަތު ފަހުން އެ މަ ހުގެ 14 ގައި އަންނަ ނޮވެމްބަރު މަހުގެ 12 އަށް އިތުރު ވެސް ކޮށް ދީފައި ވަނިކޮށެވެ.

ޓިކްޓޮކް ގަންނަން މައިކްރޮސޮފްޓުން ކުރި މަސައްކަތް ކާމިޔާބުނުވުމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޕްރޮޕޯސަލްގެ މައްސަލަތަކެއް ހުރި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ހޯދަން ނުކުތީ އެމެރިކާގެ ގައުމީ ސަލާމަތާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށްވާތީ ކުންފުނިން އެ ދާއިރާގެ ކަންކަން ހަރުދަނާ ވެސްކޮށްފައިވާ ކަމަށެވެ. އަދި ޓިކްޓިކް މިހާރު ހެދި މުއާމަލާތުން ނުކުންނަ ނަތީޖާ ބަލަން އޮންނާނެ ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ.