ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން އެމެރިކާގެ މައިކްރޮސޮފްޓުން މަޝްވަރާތައް ކުރަމުން އަންނަނިކޮށް އެމެރިކާގެ އެހެން ކުންފުންޏަކުން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުގައި އެމެރިކާގެ އޮރޭކަލް ކޯޕަރޭޝަނުން މިހާރު ވަނީ ބައިޑްޓާންސާ އެކު މަޝްވަރާތައް ފަށައިފަ އެވެ. އެކަމަކު އަދި އުޅެނީ މިކަމުގެ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށާއި ވަރަށް އަވަހަށް މިކަމާ ބެހޭ ގޮތުން އޮރޭކަލް އިން ރަސްމީކޮށް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ފައިނޭޝަލް ޓައިމްސް އިން ބުނީ ޓިކްޓޮކްގެ އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އަދި ނިއު ޒީލެންޑް އޮޕަރޭޝަންސް ގަތުމާ މެދު އޮރޭކަލް ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމެކެވެ.

ނަމަވެސް ބައިޓްޑާސުން ޓިކްޓޮކް ވިއްކައިލުމުގައި ކުންފުނިތަކުން ހުށަހަޅާ އަގުތަކަށް ވެސް ވަރަށް ބޮޑަށް ބަލާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން 50 ބިލިއަނަށް ވުރެ ކުޑަ އަގަކޮށް މައިކްރޮސޮފްޓަށް ޓިކްޓޮކް ވިއްކައެއްނުލާނެ އެވެ.

ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލަން ރައީސް ޑޮނަލްޑް ޓްރަމްޕް މަޖުބޫރުކުރައްވަމުން ގެންދަވާ އިރު، ބައިޓްޑާންސުން މަޝްވަރާކުރަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ޓްވިޓާ އާއި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕް ވެސް ހިމެނެ އެވެ. އިންޑިއާ އިން ޖޫން މަހު ވަނީ ޓިކްޓޮކް އެ ގައުމުގައި މަނާކޮށްފަ އެވެ.

އެމެރިކާ އަށް ޓިކްޓޮކް ވިއްކައިލުމުގެ ކޮޅެއްގައި ޖައްސަން ޓްރަމްޕް ކުރިން ދެއްވި 45 ދުވަހުގެ މުހުލަތު މިހާރު ވަނީ 90 ދުވަހަށް އިތުރުކޮށް ދެއްވައިފަ އެވެ. އެހެންވެ އެކަމުގައި ނޮވެމްބަރު މަހުގެ 12 ހަމައަށްދާ އިރު ގޮތެއް ނިންމަން ޖެހެ އެވެ. އެހެން ނޫން ނަމަ ޓިކްޓޮކް އެމެރިކާގައި މަނާކުރަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމްޕިއުޓަރު ސޮފްޓްވެއާތަކަށް ހާއްސަ އޮރޭކަލް އަކީ މީގެ 43 އަހަރު ކުރިން ވުޖޫދަށް އައި ކުންފުންޏެވެ. އެ ކުންފުނީގެ ވެރިންނަކީ ލެރީ އެލިސަނާއި ބޮބް މައިނާ އަދި އެޑް އޯޓެސް އެވެ.