ފައި އެންމެ ދިގު އަންހެނަކީ 17 އަހަރުގެ ކުއްޖެއް

އެންމެ ފައި ދިގު އަންހެނާގެ ރެކޯޑް އެމެރިކާގެ 17 އަހަރުގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ.


ޓެކްސަސް އަށް ނިސްބަތްވާ މޭސީ ކަރިންގެ ފައި ދިގުކަމުން އޭނާގެ ހަށިގަނޑުގެ ބަރުދަނުގެ 60 ޕަސެންޓް ހިއްސާކުރަނީ ފައިގެ ބަރުމިނެވެ. ޓެކްސަސްގެ ސެޑާ ޕާކްގައި ދިރިއުޅޭ މޭސީގެ ވާތު ފައިގެ ދިގު މިނުގައި 53 އިންޗި ހުންނަ އިރު، ކަނާތު ފައިގެ ދިގުމިނަކީ 52.874 އިންޗި އެވެ.

މިއާއެކު އޭނާ އަށް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ދެ ޖާގައެއް ކަށަވަރުވެފަ އެވެ. އެއީ އެންމެ ފައި ދިގު އަންހެނާގެ ރެކޯޑާއި އެންމެ ފައި ދިގު ފުރާވަރު ކުއްޖާގެ ރެކޯޑެވެ.

ގިނިސް ވޯލްޑް ރިކޯޑުން އާންމުކޮށްފައިވާ މޭސީގެ ވީޑިއޯގައި އޭނާ މަންމަ ބުނެފައި ވަނީ ވަަރަށް ކުޑައިރުއްސުރެ މޭސީގެ އުމުރުގެ އެހެން ކުދިންނާ އަޅާބަލާ އިރު އިސްކޮޅުގައި ބޮޑު ތަފާތެއް ހުންނަ ކުއްޖެއްކަން ފާހަގަކުރެވެން ފެށި ކަމަށެވެ.

"އޭނަ ބޮޑުވަމުން އައި ވަރަކަށް ފައި އާދަޔާހިލާފަށް ދިގު ކަމަށް ފާހަގަވަމުން ދިޔަ. ބެލެވޭ ގޮތުން މިއީ ޖީންއެއްގެ ސަބަބުން ދިމާވާ ގޮތެއް،" މޭސީގެ މަންމަ ބުންޏެވެ.

އޭނާގެ އިސްކޮޅަކީ މިހާރު 6 ފޫޓް 10 އިންޗި އެވެ. މޭސީގެ ބައްޕަގެ އިސްކޮޅަކީ ހަ ފޫޓް ފަސް އިންޗި އެވެ. މަންމަގެ އިސްކޮޅަކީ ފަސް ފޫޓް ހަތް އިންޗި އެވެ. އަދި ބޭބެގެ އިސްކޮޅަކީ ހަ ފޫޓް ހަތަރު އިންޗި އެވެ.

ގިނިސް އަށް މޭސީ ބުނީ އޭނާގެ އިސްކޮޅާއި ފައިގެ ދިގުމިނުގައި އާދަޔާލުކަމެއް ހުންނާތީ ވަރަށް ގިނަ ފަހަރަށް މީސްމީހުންގެ އެކި ކަހަލަ ބަސްތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެކަމަކު އެފަދަ ކަންކަމާ ދޭތެރޭ ސީރިއަސްކޮށް ނުވިސްނާ ކަމަށް ބުންޏެވެ.

"މީހުން ކިޔާ އެއްޗަކަށް އެއްވެސް ފަރުވާލެއް ނެތް. އަހަރެން ހުރި ގޮތާ ދޭތެރޭ އަހަރެން ހުރީ ހިތްހަމަޖެހިގެން." މޭސީ ބުންޏެވެ.

އޭނާ ބުނިގޮތުގައި އަންހެނުން އާދަޔާހިލާފަށް އިސްކޮޅުން ދިގުވުމަކީ ވެސް މައްސަލައެއް ނޫނެވެ.

"އަހަރެން ދެކެން ބޭނުން ވަނީ ދިގު އިސްކޮޅަކީ އަންހެނުންނަށް ގުދުރަތީ ގޮތުން ލިބޭ ހަދިޔާއެއްގެ ގޮތުގައި ދެކެން. އިސްކޮޅުން މާ ދިގުވުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން." މޭސީ ބުންޏެވެ.