ވެލެންސިއާގެ އުފާވެރި އަދި ތާރީޚު ބަދަލުކޮށްލި މާޒީ

ގަލޮޅު ދަނޑު ފުރި ބަންޑުން ދަނީ އެވެ. ކްލަބް ލޯބި ދޫކޮށް ހުރިހާ ދިވެހިން އެއް އަޑަކުން ސަޕޯޓްކުރަނީ އެވެ. ވާދަވެރިކަން ބޮޑު ސްރީ ލަންކާގެ ސައުންޑާސް އަތުން އެންމެ ކުޑަވެގެން ވެސް 3-0 އިން މޮޅުވާން ޖެހެ އެވެ. އޭރު ދެ ލަނޑު ޖަހައިފި އެވެ. ތިން ވަނަ ލަނޑު އައީ މެޗުގެ އެންމެ ފަހު ވަގުތުކޮޅެވެ. އެހާ ހިސާބުން އޭރު ރާއްޖެ ދުށް އެންމެ ފޯރިގަދަ މެޗުން ވެލެންސިއާ 3-0 އިން މޮޅުވެ، އޭޝިއާގެ ކްލަބް މުބާރާތް އޭއެފްސީ ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރަށް ދަތުރުކުރީ އެވެ.


މާލެ އަށް ފުޓްބޯޅައިގެ ބޮޑު އީދެކެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީ ކަހަލަ، ވެލެންސިއާގެ ވާދަވެރި ޓީމުތަކުގެ ސަޕޯޓަރުން ވެސް ދަނޑަށް ވަދެ އެ ދިން ފަދަ ހިތްވަރެއް، ކުޅިވަރު ރިޕޯޓަރެއްގެ ގޮތުން މަސައްކަތްކުރި 15 އަހަރު އަޅުގަނޑަށް ފެނިފައެއް ނުވެ އެވެ. އެކަމަކު 1992 ގައި ކުޅުނު އެ މެޗަށް ވެލެންސިއާ ނުކުތް އިރު ދިވެހި ފުޓްބޯޅައިގެ މަލަމަތި އެ ކްލަބުން ބަދަލުކުރި ގޮތުން އެހެން ޓީމުތަކުގެ ސަޕޯޓަރުން ތިބީ ރުޅި ވެސް އައިސްފަ އެވެ.

އެއީ މަހު މުސާރަ ދީގެން ކުޅުންތެރިން ގަތުމުގެ "ވިޔަފާރި" ރާއްޖޭގައި ފެށި ވެލެންސިއާ، އޭރުގެ ފުޓްބޯޅަ ތަރިން ކަމަށްވާ ނިއު ރޭޑިއަންޓްގެ ކުޑަމޫސަ އާއި ވިކްޓަރީގެ ދޮންބިލެތް އަހުމަދު ހަލީމާއި ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) ފަދަ ހުނަރުވެރިން ހޯދައިގެން ނުކުތް ވާދަވެރި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗު ކުޅުނީ ސްރީ ލަންކާގަ އެވެ. އެކަމަކު ސައުންޑާސް އަތުން 2-0 އިން ބަލިވެ، ވެލެންސިއާގެ ބޮޑު ފެށުން މަލާމާތަކާ ކުރިމަތިވި އެވެ.

އޭއެފްސީ ޗެމްޕިއަންޝިޕްގައި ވެލެންސިއާއަށް ކުޅެން ޖެހުނީ އެ މުބާރާތުން ފުރަތަމަ ޖާގަ ލިބުނު ނިއު ރޭޑިއަންޓް ނުދިއުމާއި އޭގެ ފަހުން ވިކްޓަރީއަށް ވެސް ދެވޭނެ ގޮތް ނުވުމުންނެވެ. އޭރު ވެލެންސިއާ ވަނީ 1992 ގެ ސީޒަނަށް ކުޅުންތެރިން ގަނެ، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚު ބަދަލުކޮށްލައިފަ އެވެ. އެހެން ކްލަބްތަކަށް ވުރެ ބޮޑު ތަނަވަސްކަމެއް، ސަޕޯޓަރުންގެ އެހީގައި ހޯދައި، އާ ގޮތަކަށް ޓީމު މެނޭޖްކުރުމުގެ ތަޖުރިބާއަށް ވަދެފަ އެވެ.

ގައުމީ ތަށި ހޯދަން މަހު މުސާރަ

ރާއްޖޭގެ ފުޓްބޯޅަ މޫސުމް 1991 ގައި ނިމުނު އިރު ވެލެންސިއާގެ މެނޭޖްމަންޓުން ރާވަމުން އައީ މުޅިން އެހެން ގޭމެކެވެ؛ އެ ކްލަބް 1979 ގައި އުފެއްދީންސުރެ، 1987 ގެ އެފްއޭކަޕް ނޫނީ ކާމިޔާބީއެއްގެ ރަހަ ލިބިފައިނުވާ މާޒީ ބަދަލުކޮށްލުމެވެ. އެކަން ކުރެވެން އޮތީ، އޭރު މާލޭގެ ތިން އަވަށަކަށް ނިސްބަތްވާ ތިން ކްލަބަށް ވުރެ ހިންގުމުގެ ބައި ޒަމާނީ ކޮށްލައިގެން ކަމަށް ވެލެންސިއާގެ އިސް ވެރިން ގަބޫލުކުރި އެވެ.

ހެންވޭރުގެ ނިއު ރޭޑިއަންޓެވެ. ގަލޮޅުގެ ވިކްޓަރީ އެވެ. މައްޗަންގޮޅީގެ ލެގޫންސެވެ.

ވެލެންސިއާ އަކީ މާލޭގެ އެއްވެސް އަވަށަކަށް ނިސްބަތްނުވާ އެކަމަކު މާލޭގެ ގިނަ އަދަދެއްގެ ޒުވާނުންގެ ލޯތްބެވެ. ކްލަބް އުފެދުނީއްސުރެ ދައްކަމުން ދިޔަ ޕާސިން ގޭމަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ އެހެން ޓީމަކުން ކުޅުނު ކުޅުމެއް ނޫނެވެ. ދިވެހި "ބޮޑު ބޯޅަ" ބިންމައްޗަށް ތިރިކުރީ ވެލެންސިއާ އެވެ. އެކަމަކު 1987 ގައި ބޭއްވި ފުރަތަމަ އެފްއޭކަޕް ނޫނީ އެ ޓީމަށް ތައްޓެއް ނުހޯދުނެވެ.

ދެ ޖިންސުގެ ޒުވާނުން ގަލޮޅު ދަނޑަށް ވަދެ، ވެލެންސިއާ އަށް ސަޕޯޓްކުރި މަންޒަރު ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ނުފޮހެވޭނެ އެވެ. އެއީ އޭރުގެ "ޒަމާނީ" ޒުވާނުންނެވެ. ދުނިޔޭގެ އެންމެ ފަހުގެ ފެޝަންތަކަށް ބޯހަދައި، ހެދުން ލައި، ޒީނަތްތެރިވެގެން އުޅުނު ޒުވާނުންނެވެ.

ޕޮމިސް ކަޕާއި އެފްއޭކަޕް 1987 ގައި ތައާރަފުވުމުގެ ކުރިން ރާއްޖޭގައި އޮންނަނީ ހަމައެކަނި ގައުމީ މުބާރާތެވެ. އެ މުބާރާތުގެ ތަށީގައި އަތްނުލެވި، ވެލެންސިއާ ކޮންމެ އަހަރަކު ވެސް ބަލިވާ މަންޒަރު ބަލައި، ރޮއި ހިތާމަކުރީ އެ ޒުވާނުންނެވެ. އެކަމަކު ފޫހިކަމެއް ނެތި ދަނޑަށް ވަދެ، ވެލެންސިއާގެ ހިތްގައިމު ކުޅުމުން އުފާ ހޯދި އެވެ.

ދަނޑުމަތީގައި ކުޅެމުން ދިޔަ ޒަމާނީ ފުޓްބޯޅައާ އެކު ކްލަބް މެނޭޖްކުރަން ވެސް ޒަމާނީ ގޮތްގަނޑު ގެންނަން ވެލެންސިއާ އިން ނިންމީ، އޭރު އެ ކްލަބްގެ އިސް ބައެއް ވެރިން ވިދާޅުވެފައިވާ ގޮތުން ނަމަ، "ކާމިޔާބު ހޯދަން އެ ނޫން ގޮތެއް ނެތުމުންނެ"ވެ. ކުޅުންތެރިންނަށް އާމްދަނީއެއް ނުލިބި ފުޓްބޯޅަ ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް ނުފެނުމުންނެވެ. އެހެންކަމުން 1991 ގެ ގައުމީ މުބާރާތް ނިމުމާ އެކު ވިކްޓަރީގެ ދޮންބިލެތް އަހުމަދާއި މާއްޓޭ އާއި އަލީ ސުޒޭންގެ އިތުރުން ވެސް ބައެއް ކުޅުންތެރިންނާ އެކު ސިއްރު އެއްބަސްވުން އެކުލަވާލައި މަހު މުސާރައެއް ހަމަޖެއްސި އެވެ.

މުޅި ރާއްޖެ ސިހިގެން ދިޔައީ މަހަކު 7،500ރ ގެ މުސާރައަކަށް، ގަނޑުކޮށް ފައިސާ ދީފައި، ނިއު ރޭޑިއަންޓްގެ ކުޑަމޫސަ ވެލެންސިއާ އަށް ގަތް ހަބަރުންނެވެ. އެއީ އޭރު ރާއްޖޭގެ ނިސްބަތުން މީހަކަށް ލިބޭނެ ވަރަށް ބޮޑު މުސާރައެކެވެ. މި ބޮޑު ހަބަރާ ވިއްދާފައި ދެން އައީ ވެލެންސިއާގެ އެގްރީމެންޓް ކެންސަލްކުރަން މޫސަ ކޯޓަށް ދިޔަ ވާހަކަ އެވެ. ނިއުގެ މެނޭޖްމަންޓްގެ ބާރު އެޅުމާ އެކު މައްސަލަ ކޯޓަށް ވެއްދި ނަމަވެސް އަދި ޝަރީއަތުގައި، "އެއީ އޭގައި އޮތް އެއްޗެއް ނޭނގި ތިމަންނަ ކުރި ސޮއެއް" ކަމަށް މޫސަ ބުނި ނަމަވެސް، މައްސަލަ ނިމުނީ ވެލެންސިއާ ކޮޅަށެވެ.

ވެލެންސިއާ ސަޕޯޓަރުން 2008 ގައި އެ ޓީމަށް ހިތްވަރުދެނީ: ފުރަތަމަ ފަހަރަށް އެ ކްލަބް މިހާރު ވަނީ ދެ ވަނަ ޑިވިޝަނަށް ވެއްޓިފައި -- ފޮޓޯ: ވެެލެންސިއާ

އޭގެ ފަހުން ދެ ތިން ދުވަސް ވެސް ނުވެ، މޫސަ ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވި އެވެ. އޭރު ސްރީ ލަންކާގެ ސައުންޑާސްއާ ކުޅެން ވެލެންސިއާ އިން ދިޔައީ ތައްޔާރުވަމުންނެވެ.

މުސާރަ ނުދީ ކްލަބްތައް ދެން ނުހިންގޭނެކަން ވެލެންސިއާ އިން ބުނެދިނެވެ. އެކަމަކު މުސާރަ ދެވޭވަރުގެ އާމްދަނީއެއް ކްލަބް ހިންގައިގެން ނުލިބޭ ރާއްޖޭގައި ވެލެންސިއާގެ އެ ފެށުމަކީ "ހަލާކެއް" ކަމަށް އެހެން މީހުން ގަބޫލުކުރި އެވެ.

އެކަމަކު އެ ބޮޑު ހަރަދުކޮށް 1992 ގައި ވެލެންސިއާ އަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. މޮޅު ހުރިހާ ކުޅުންތެރިންނާ އެކު ވެސް ގައުމީ މުބާރާތް ކާމިޔާބެއް ނުކުރެވުނެވެ. އެއީ އެ ކްލަބަށް ކުރިމަތިވި މަލާމާތެކެވެ. ވެލެންސިއާއަށް ދުވަހަކު ވެސް ގައުމީ ފުޓްބޯޅަ ތަށި ނުލިބޭނެ ކަމަށް، އެހެން ޓީމުތަކުގެ ސަޕޯޓަރުން ބުންޏެވެ.

ކަން ވީ އެހެންނެއް ނޫނެވެ. ފައިސާ އަކީ ބާރެކެވެ. ކުޅުންތެރިން ހިފެހެއްޓޭނެ އެވެ. އަދި ކާމިޔާބު ވެސް ހޯދޭނެ އެވެ. ފައިނަލްގައި ނިއު ރޭޑިއަންޓް، ބޮޑު ލަދެއްގައި ޖެއްސުމަށް ފަހު، 7-0 އިން ބަލިކޮށް 1993 ގެ ގައުމީ މުބާރާތުގެ ތަށި ވެލެންސިއާ، އެންމެ ފަހުން އުފުލައިލި އެވެ.

ދެން ފެނުނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބަށް ވެލެންސިއާ ބަދަލުވެގެން ދިޔަ ތަނެވެ. ދެން ފެނުނީ ވެލެންސިއާގެ ފަހަތުން ނިއު އާއި ވިކްޓަރީ އަދި ލެގޫންސް ވެސް ކުޅުންތެރިންނަށް މުސާރަ ދީގެން ކުޅުވަން ފެށި ތަނެވެ. ދެން ފެނުނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް އެރި ތަނެވެ.

ދެން މި ފެނުނީ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ވެއްޓުނުތަނެވެ. މިހާރުގެ ފެންވަރުން ބޮޑު ޓީމެއް ހިންގޭނެ ފައިސާ ނެތި، "ހަފުސްވީ" ތަނެވެ. އަލުން އެނބުރި އަތުވެދާނެ ހެއްޔެވެ؟ ނޭނގެ އެވެ.

އަޅުގަނޑުމެން، އޭރުގެ މާޒީ ހަނދާން ހުރި މީހުންނަށް އޮތީ، ވެލެންސިއާގެ އެ ޗާލު ކުޅުމާއި ދެގޮތެއް ނުވެ އަދި ކެތްތެރިކަމާ އެކު ތިބި ދެ ޖިންސުގެ ޒުވާނުންގެ އެ ފޯރި ހަނދާންކުރުމެވެ. އެއީ ދިވެހި ކުޅިވަރުގެ ނަމޫނާ ބައެކެވެ.