ދިވެހި ކްރިކެޓަށް ސަޗިން ހެޔޮއެދުންތައް ފޮނުވައިފި

ދުނިޔޭގެ ކްރިކެޓް ޗާޓުން ދިވެހިރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ބުނެފި އެވެ.


އޭނާ ރާއްޖެ އަށް ހެޔޮއެދުންތައް ފޮނުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފުތާގައި ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ އިންޑިއާ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްޒީ ބެޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރެއްވުމުންނެވެ.

އެ ބެޓް ހަދިޔާކުރައްވާކަން އިއުލާންކުރައްވަން މޯދީ ކުރެއްވި ޓްވީޓާ އެކު، ސަޗިން މިވަގުތު ކްރިކެޓް ވޯލްޑް ކަޕް ބެލުމަށް އިނގިރޭސި ވިލާތުގައި ހުރެ ކުރި ޓްވީޓުގައި ވަނީ ކްރިކެޓް ޕްރޮމޯޓްކުރެއްވީތީ ބޮޑުވަޒީރަށް ޝުކުރުއަދާކޮށްފަ އެވެ.

އަދި މިއީ ކްރިކެޓް ވޯލްޑް ކަޕުގެ ދުވަސްވަރު، މޯދީ ދެއްކެވި ކްރިކެޓް ޑިޕްލޮލެސީގެ ނަމޫނާއެއްކަން ވެސް، ބައިނަލްއަގްވާމީ ކްރިކެޓުގައި އެންމެ ގިނަ ލަނޑު ހަދާފައިވާ ސަޗިން ފާހަގަކުރި އެވެ. ކްރިކެޓް ބޭނުންކޮށްގެން ދޭދޭ ގައުމުތަކާ ހާރިޖީ ގުޅުންތައް ބަދަހިކޮށް ދަމަހައްޓަން ބޭނުންކުރާ ކްރިކެޓް ޑިޕްލޮމެސީ އަކީ ކްރިކެޓުގެ ދުނިޔޭގައި އާއްމުކޮށް ފެންނަ ހާރިޖީ ސިޔާސަތެކެވެ.

'ކްރިކެޓުގެ ޗާޓުން ދިވެހިރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރަން،" އިންޑިއާއާ އެކު 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ސަޗިން ބުނެފައިވެ އެވެ.

"ކްރިކެޓުން ގުޅިފައި" ކަމަށް ވިދާޅުވެ އެ ބެޓް ހަދިޔާކުރެއްވުމަށް ފަހު މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އެހެންވެ ކްރިކެޓް ވޯލްޑް ކަޕުގައި ކުޅެމުން އަންނަ އިންޑިއާ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ބެޓެއް ހަދިޔާކުރައްވާފައިވާ ކަމަށެވެ.

(ކ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކްރިކެޓް ބެޓް ހަދިޔާކުރައްވަނީ. (ވ) މޯދީ ހަދިޔާކުރެއްވި ބެޓް.

ސްކޫލް ދައުރުން ފެށިގެން ކްރިކެޓަށް ލޯބިކުރެއްވި އަދި އެއް ވަނަ ޑިވިޝަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުއްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވެފައިވާ ގުޅުމުގެ ތެރެއިން ކުޅިވަރަށް، ހާއްސަކޮށް ކްރިކެޓަށް އަންނަނީ ބޮޑު ފައިދާއެއްކުރަމުންނެވެ.

އެގޮތުން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް އެއްބަސްވެފަ އެވެ. ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމާ އެކު، ކްރިކެޓަށް ހާއްސަ، ޒަމާނީ ސްޓޭޑިއަމެއް ލިބިއްޖެ ނަމަ ކުޅުންތެރިން ކުރިއަރަން ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް ކޯޗުން ބުނެ އެވެ. އަދި ރާއްޖެ ވަށައިގެން އޮތީ ކްރިކެޓުގެ ދުނިޔޭގެ ވަރުގަދަ ގައުމުތައް ކަމަށްވުމުން، ރާއްޖޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް އޮވެއްޖެ ނަމަ ބައިނަލްއަގްވާމީ މެޗުތައް ބާއްވަން ވެސް ފަހިވެގެންދާނެ އެވެ. އެއީ މާލީ ގޮތުން ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށްވާނެ އެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ކްރިކެޓް ސިލްސިލާއެއް ބާއްވަން އެއްބަސްވެ އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް ބެންގަލޫރަށް މިދިޔަ އޭޕްރިލް މަހު ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކުޅުނު މެޗު ބައްލަވާލައްވައިފަ އެވެ. އެ މެޗުގެ ކުރިން ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާ އެކު ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީސީސީއައިގެ ސީއީއޯ ރާހުލް ޖޯހްރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ކްރިކެޓް ފުޅާކުރުމާ ބެހޭގޮތުންނާއި ގައުމީ ކްރިކެޓް ޓީމުގެ ތަމްރީންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި އެއާ ވިދިގެން އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމާއި ންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށް ކްރިކެޓް ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި އެސެސްމަންޓް ހަދައި ވަސީލަތްތައް ބަލައި އަދި ކުޅުންތެރިންގެ ފެންވަރު ވެސް ވަޒަންކޮށްފަ އެވެ. އެ ހޯދުންތަކުގެ މައްޗަށް ބަލައި، ރާއްޖޭން ކުރިއަށް ދިއުމަށް މަގުޗާޓެއް އެކުލަވާލައި ވަރަށް އަވަހަށް ރާއްޖޭގެ ކްރިކެޓް ބޯޑާ ހިއްސާކޮށް އެންމެން ގުޅިގެން ކްރިކެޓް ކުރިއެރުވަމަށް މަސައްކަތް ފަށާނެ ކަމަށް ބީސީސީއައި އިން ބުނެ އެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ރާއްޖެ މިހާރު އޮތީ އޭޝިއާގެ މުބާރާތްތަކުގެ ކޮލިފައިން ލެވެލްގަ އެވެ. އޭޝިއާގެ މުބާރާތްތަކަކީ ޓެސްޓް ސްޓޭޓަސް އާއި ވަންޑޭ އިންޓަނޭޝަނަލް ސްޓޭޓަސް އަދި ކްރިކެޓް ވޯލްޑް ކަޕް ނެގުމަށް ފަހު އެންމެ މަތީ ލެވެލެވެ.