އަދީބަށް ދައުވާކުރާ ދެ ދައުވާއެއްގެ ފަހު އަޑުއެހުން މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރާ އިތުރު ދެ މައްސަލައެއްގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.


ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ރޭ 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އަދީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މާދަމާ ފަހު އަޑުއެހުން ބާއްވަނީ ރިއާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ގޮވާ އެއްޗެއް ހަރުކުރަން އެ ލޯންޗަށް އޭނާ އެރި ކަމަށް ބުނެ ކުރާ ދައުވާ އާއި ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރާ ދައުވާގެ އެވެ.

ފިނިފެންމާގައި އެއްޗެއް ގޮއްވާލުމަށްޓަކައި ގޮވާ އެތި ހަރުކުރަން އެ ލޯންޗް ބޭނުންކުރި ކަމަށް ބުނެ އަދީބަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދިނުމުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާއި ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާވެރިޔާ ހާމިދުގެ މައްޗަށް ވެސް ދައުވާ ކުރެއެވެ.

އެ ދެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނާއި މެންދުރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ގާޒީ އަބްދުލްބާރީ ޔޫސުފް ބައްލަވާ އެ މައްސަލަތަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ޝަރީއަތް ބޭއްވީ އާންމުންނާއި ނޫސްވެރިންނަށް ސިއްރު ކޮށްގެންނެވެ.

އެ ދެ މައްސަލައިގެ އިތުރުން ފިނިފެންމާގައި އެއްޗެއް ގޮއްވާލުމުގެ އަޑީގައި ހުރީ އަދީބު ކަމަށް ބުނެ ޓެރަރިޒަމްގެ އިތުރު ދައުވާއެއް ވެސް އަދީބަށް ކުރާއިރު އެ މައްސަލައިގެ ވެސް ދެން އޮންނާނީ ފަހު އަޑުއެހުމެވެ.