އަޝްރާ: އޭނާގެ އިތުރުން އޭނާގެ ލޯބިވެރިޔާ އަށް ވެސް ދައުލަތުން ދައުވާކުރޭ.---ފޮޓޯ/ފޭސްބުކް
26 ޑިސެމްބަރ 2016 - 14:58
މަޝްހޫރު ލަވަކިޔުންތެރިޔާ ހައްވާ އަޝްރާގެ މައްޗަށް މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާއެއް ދައުލަތުން އުފުލިޔަސް އޭނާ ހައްޔަރުކޮށް، ތަހުގީގު ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށް އޭނާގެ ވަކީލު ކޯޓުގައި މިއަދު ބުނެފި އެވެ.
އަޝްރާ އާއި އޭނާގެ ލޯބިވެރިޔާ ހަސަން ނަޒީހުގެ މައްޗަށް ވެސް ދައުލަތުން ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފަ އެވެ. މި ދައުވާ ކުރަނީ މިދިޔަ އޮގަސްޓް މަހުގެ ދުވަހެއްގައި ނަޒީހުގެ ގޭގެ ކޮޓަރިއެއްގައި އަޝްރާ އާއި ނަޒީހު ތިއްބައި އެތަނަށް ވަދެ ފުލުހުން ފާސް ކުރިއިރު 39 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ.
މިއަދުގެ އަޑުއެހުމުގައި އަޝްރާގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، އަޝްރާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ވެސް ޓެސްޓްކުރި ކަމަށެވެ. އެކަމަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ނުވުމުން އަޝްރާ ދޫކޮށްލީ ކަމަށާއި އެހެންވީއިރު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް އުފުލާފައިވާތީ އާސިފް އެކަމާ މެދު ސުވާލު އުފެއްދި އެވެ.
ތަހުގީގު ނުކުރާ ކުށަކަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، ވަކީލް އެދުނީ އަޝްރާ ހައްޔަރު ކުރުމުގެ އަމުރު ދެއްކުމަށެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ތަހުގީގުކުރި ފަރާތާ ވާހަކަ ދެއްކުމަށް ފަހު، ދެން އޮންނަ އަޑުއެހުމެއްގައި ކޯޓު އަމުރު ހުށަހަޅާނެ ކަމަށެވެ. އެކަމަކު އަޝްރާގެ ފަރާތުން ފާހަގަކުރި ކަންކަން މިއަދު ސާފުކޮށް ދެވެން ނެތް ކަމަށް ދައުލަތުން ބުންޏެވެ.
އެ ކަންކަން ސާފުނުވާ ކަމަށް ދައުލަތުން ބުނުމުން، މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. ޖަވާބުދާރީ ވެވޭނީ ތުހުމަތަކީ ކޮބައިކަން އެނގިގެން ކަމަށާއި ތުހުމަތު ނުކުރެވޭ މައްސަލައެއްގައި ކޮށްފައިވާ ތަހުގީގަކީ ގާނޫނާ ޚިލާފް ތަހުގީގަކަށް ވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކޮޓަރިން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތީގެ ޒިންމާ އަޝްރާ ނަގަން ނުޖެހޭނެ ކަމަށާއި ތަނަކުން އެއްޗެއް ފެނުމަކީ އޭގެ ޒިންމާ ނަގަންޖެހޭނެ ސަބަބެއް ނޫން ކަމަށް އަޝްރާގެ ވަކީލް ވިދާޅުވި އެވެ. އެތަނުން ފެނުނު އެއްވެސް މަސްތުވާއެއްޗަކުން އަޝްރާގެ އެއްވެސް ފޮރެންސިކް ހެއްކެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ރައްދުގައި ދައުލަތުން ބުނީ މަސްތުވާތަކެތި ފެނުނުއިރު، އެ ކޮޓަރީގައި އަޝްރާ ހުރި ކަމަށާއި އަދި އެތަނުން އޭނާގެ އަންނައުނު ފެނިފައިވާ ކަމަށެވެ. އެހެންވެ ކޮޓަރިން ފެނުނު މަސްތުވާތަކެެތީގެ ޒިންމާ އަޝްރާ ވެސް ނަގަންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ނަޒީހުގެ ވަކީލް ވެސް ވަނީ ދައުވާއާ މެދު ބައެއް ސުވާލު އުފައްދައި، އަދި ބައެއް ލިޔުންތައް ނުލިބޭތީ އެކަން ފާހަގަކޮށްފަ އެވެ. އެހެންވެ އެ ލިޔުންތައް ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް ދައުލަތަށް ވަނީ ދީފަ އެވެ.
އަޝްރާ އާއި ނަޒީހުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
28 December 2016
އަބްދުﷲ ގާޒީ ގެ މައްސަލަ ތަހުގީގު ކުރީ ހިއުމަންރައިޓް ކޮމިސަނުން އެތަހުގީގު ހިންގީ ޕީޖީ ގެ އަމުރަށް. ގާނޫނުއަސާސިއާ ގާނޫނުގައިވާގޮތަށް. މައްސަލަޔަކީ އެއްމައްސަލައެއް ދައުވާއަކީ އެއް ދައުވާއެއް ސީއާ ބަދަލުވީ ފުރަތަމަ އަމުރަށް ނުކިޔަމަންތެރިވުން ގާނޫނާ ހިލާފަށް ނަޒާމުން މީހަކު ފޮރުވުން، ޓެރަރިޒަމް ގާނޫނާ ހިލާފަށް ނިޒާމުން މީހަކު ފޮރުވުން އެއްކުށެއް އެއްކަމެއްޕީޖީ އަށް ގާނޫނުއަސާސީއާ ގާނޫނުން ދީފައިވާއިހްތިޔާރާ ބާރު
ޒަހާ
28 December 2016
"ނަޒީހުގެ ގޭގެ ކޮޓަރިއެއްގައި " އެހެން ވީމާ ފެނުނު އެއްޗެއްގެ ޒިންމާ ނަގަންޖެހޭނީ ނަޒީހު. އަސްރާ މަސްތުވާ ތަކެއްޗަށް ޕްޒިޓިވް ވަންޏާ އޭނަ އަށް ކުރެވޭނީ ބޭނުންކުރުމުގެ ދައުވާ ދޯ
އާދަންބެ
27 December 2016
އަބްދުއްލާ އަލީގެ ނަމުގައި 3 ކޮމެންޓް ކޮށްފައިވަނީ ދައުލަތުގެ ވަކީލުބާ؟
އިއްބެ
27 December 2016
ވަރަށް ހީވޭ. ޢެސޮރުގެ ކޮމެންޓްތައް އެކަނި ޕީޖީގެ ދިފާޢުގަ ހުރީ
އަބްދުއްލާ އަލީ
27 December 2016
ތުހުމަތު ކުރެވުނީމަދޯ ސަރީއަތަށް މައްސަލަ ތިޔަ އައީވެސް
ޢަބްދުﷲނާފިޒު
26 December 2016
އަޝްރާގެ ވަކީލު ބުނަނީ "ދައުވާ ކުރަނީ ތަހުގީގު ނުކުރާ ތުހުމަތަކަށް ކަމަށް" ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރީ.........!؟ ތިހަދާ އެއްޗެއް ބަލަން މިތިބީ.
ސުވަދީވް ރަދުން
26 December 2016
އަޝްރާ ވަގުތުން ދޫކޮއްލުމަށް ސަރުކާރަށް ގޮވާލަން
އަބްދުއްލާ އަލީ
26 December 2016
އެމީހެއްގެ ބެލެހެއްޓުމުގެދަށުގައިވާ ނުވަތަ އެމީހަކު ދިރިއުޅޭ ކޮޓަރިން ފެންނަ އެއްޗެއްގެ ޒިންމާ ނަގަންޖެހޭނެ. ނޫނީ އެކޮޓަރިއަށް އެތަކެތި ވެއްދިމީހަކު ބުނަން ޖެހޭނެ.
އަހުމަދުއަލޯ
27 December 2016
ކިހިނެއް އެނގޭނީ؟ ފުލުހުންވެސް ލައިފާނެ.
އަބްދުއްލާ އަލީ
26 December 2016
އޮޅުވާ ނުލައްވާ ކޯޓް އަމުރަކާ ނުލާ ފުލުހުންގެ ބެލުމުގެ ދަށުގާ ބެހެއްޓުމަށް 24 ގަޑިއިރުގެ މުއްދަތެއް ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދީފާވޭ ކޯޓް އަމުރު ހޯދަން މިޖެހެނީ 24 ގަޑިއިރަށް ވުރެ އިތުރަށް ބަހައްޓަން ޖެހިއްޖެ ނަމަ ، ކޯޓް އަމުރު ނެތަސް ހައްޔަރު ކުރެވޭނެ ކަން ގާނޫނުއަސާސީގެ 46 ވަނަ މާއްދާ ބެއްލެވުމުން އެގިވަޑައިގަންނަވާނެ. އެމާއްދާ ގަ ބުނަނީ ކުށެއް ކުރަނިކޮށްފެނިގެން ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތ އުޅެނީ ކުށެއް ކުރާންކަން ނުވަތަ ކޯޓްއަމުރެއްގެ ދަށުން ، ވީމާ ގާނޫނުއަސާސީ ގެ 46 ބުނާގޮތުން ކޯޓް އަމުރު ނުހޯދިޔަސް މީހަކު ހައްޔަރު ކުރެވިދާނެ.
ކިޔާ ބާތުހޭ
26 December 2016
އާސިފަކީ ކާކުކަން އެނގޭ މީހަކު ވިއްޔާ ޖެހޭނެ ވަރަށް ވަރުގަދަ ހެކި ހުށައަޅަން، ކުރިން ޕޮލިހުގަ އުޅެފަ ހުރީމަ އެގޭނެ ޕޮލިހުން މައްސަލަ ބަލާ ގޮތާ ހުރިހާ އެއްޗެއް. މަސްތުވާ ތަކެތީގެ ބޮޑެތި މައްސަލަ ތަކުގައި އޭނަ ނަގަނީ ކަމެއްވީމަ. އެކަމް ސްޕްރީމް ކޯޓާ ހަމައިން އޭނަ ދޫކޮއްލާނެ.
ދޮން އާމިރު
26 December 2016
ރަނގަޅެއްނުން...ހުކުމް ކުޑަވާނެއެއްނުން...