ދުންޔާގެ ނިންމެވުމުން ހައިރާންކަން، ހުރިހާ ފާޑުކިޔުމެއް މައުމޫނަށް!

ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މަގާމު ކަމަށް ވާ ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ މައުމޫން ވަކިވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތަކާ މެދު ހިތަޕުޅުހަމަޖެހިވަޑައިނުގެންނެވެ. އޭގެ ހަ މަސް ފަހުން، ހެލްތުގެ ސްޓޭޓް މިނިސްޓަރުކަން ގަބޫލުކުރައްވައި އަނެއްކާ ވެސް ދުންޔާ މި ވަނީ ސަރުކާރާ ގުޅިވަޑައިގެންފަ އެވެ.


ދުންޔާގެ މި ނިންމެވުމުން އެތައް ބަޔަކަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ؛ ޕީޕީއެމް ދެ ފަޅިވެ، ބޮޑުބޭބޭފުޅު ރައީސް ޔާމީނާއި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުވުމުގެ ކޮޅުމަތި އަދި އެއްގޮތަކަށް ވެސް ނުފެނެ އެވެ. ރައީސް ޔާމީންގެ ނިންމެވުންތަކަށް ފުލުފުލުގައި މައުމޫން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. މި ކޯޅުންގަނޑުގެ ތެރޭގައި، ދުންޔާ ވިސްނުން ބަދަލުކުރެއްވި ސަބަބަކީ ކޮބައި ހެއްޔެވެ؟ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވުމަށް ފަހު، އެ އަށް ވުރެ ދަށް މަގާމަކަށް ވަޑައިގަތީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކާ އެކު ސޯޝަލް މީޑީއާގައި އޭނާ އަށް އަމާޒުކޮށްފައިވާ ފާޑުކިއުންތަކަށް ޓުވިޓާ މެދުވެރިކުރައްވައި ދުންޔާ ދެއްވީ ވަރަށް "ފިނި ޖަވާބެކެ"ވެ.

ސަރުކާރާ އަލުން ގުޅިވަޑައިގަތީ، ދުންޔާ ވިދާޅުވި ގޮތުގައި، "ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެ"ވެ. އެކަމަކު، ދުންޔާގެ މި ވާހަކަ އަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މައުމޫންގެ ފެކްޝަނުން ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި ދުންޔާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި، ޕީޕީއެމްގައި އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ނަންގަވައި ބައްޕާފުޅާ މެދު ރައީސް ޔާމީން އަމަލުކުރެއްވި ގޮތަށް ވެސް ނުބައްލަވައި، ދުންޔާ އިސްކުރެއްވީ އަމިއްލަ މަސްލަހަތެވެ. ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ސަރުކާރުގައި ހުރި ކަމަށް އަމިއްލަ އަށް ވެސް ވިދާޅުވުމަށް ފަހު، ކުއްލި ގޮތަކަށް ސަރުކާރާ އަލުން ގުޅިވަޑައިގަތީ، ސަރުކާރުގެ ގޯސް ހުރިހާ ކަމެއް ރަނގަޅުވުމުންތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތް ސަބަބާ ގުޅޭ ގޮތުން ދުންޔާ ކުރެއްވި ޓުވީޓް.

އަނެއް ބަޔަކު ސިފަކުރާ ގޮތުގައި ދުންޔާގެ ނިންމެވުމަކީ ވެސް "މައުމޫން އިސްވެ ހުންނަވައި ކުޅުއްވާ ޑްރާމާ"ގެ އެޕިސޯޑެކެވެ. ކުރި އަށް އޮތް ތަނުގައި މި ފަދަ އެތައް ކަމެއް ފެންނާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ދުންޔާ އަށް ފާޑުކިޔުން އަމާޒުކޮށް މީހަކު ދީފައިވާ ރައްދެއް.
ދުންޔާގެ ނިންމުމާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.
ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޓުވީޓެއް.

މިދިޔަ ޖުލައި 5 ގައި ދުންޔާ ސަރުކާރުން އިސްތިއުފާ ދެއްވީ، މަރުގެ އަދަބު ތަންފީޒުކުރަން ފެށުމާ މެދު ސަރުކާރާ ހިޔާލުތަފާތުވެގެންނެވެ. ރާއްޖެ އޮތް ހާލަތާއި ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ އެކު މަރުގެ އަދަބު ތަންފީޒުކުރުމަކީ އޭގެ ސަބަބުން ރާއްޖޭގެ ތަސައްވުރަށް ބައިނަލްއަގުވާމީ މައިދާނުގައި ކިލަނބު ކަމެއް އަންނާނެ ކަމެއް އޭރު އޭނާ ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ދުންޔާ ފާޑުވިދާޅުވި އެވެ.

ހާއްސަކޮށް ބައްޕާފުޅު މައުމޫނާއި ބޮޑުބޭބޭފުޅު ޔާމީންގެ ސިޔާސީ ކޯޅުމުގެ ތެރޭގައި ވެސް، ސަރުކާރުގައި ހުރި ނުރަނގަޅު ގިނަ ކަންކަން ޓުވީޓުތަކުން އާއްމުންނަށް ތިލަކޮށް ދެއްވި އެވެ. އެކަމަކު، މައުމޫންގެ އެހެން ބޭފުޅުންނާ އަޅާ ބަލާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގައި ދުންޔާ ގެންގުޅުއްވީ މަޑުމައިތިރި ސިޔާސަތެއްކަން ފާހަގަކުރެވެ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ދުންޔާ ކުރެއްވި ޓުވީޓެއް.

ދުންޔާ ވިދާޅުވެފައި ވަނީ ގައުމުގެ ކަންކަން ހަމަ އަށް އެޅުވުމަށް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އާ އުސްމިންތަކަކަށް ދިއުމަށް އަދި ބާއްޖަވެރި މުސްތަގުބަލަކަށް ވާސިލްވާން، ވަތަން އެދޭ އަދި ރައްޔިތުން އެދޭ ބަދަލު އައުން މުހިއްމު ކަމަށް ވެސް އޭނާ ވަނީ ކުރިން ވިދާޅުވެފަ އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވުމުން، އެކަމާ ހިތާމަކުރައްވާ ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާ އިން ކޮމަންވެލްތުގެ ގައުމުތަކުގެ ކިބައިން އެތައް ކަމެއް ދަސްކުރަން ޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ދުންޔާ ކުރެއްވި ޓުވީޓެއް.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ބައެއް އިސް ބޭފުޅުން ވިދާޅުވި ގޮތުގައި، ދުންޔާ އެނބުރި ސަރުކާރާ ގުޅިވަޑައިގެންނެވި ސަބަބެއް ނޭނގެ އެވެ. އެ ނިންމެވުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ހިއްސާކުރައްވައި ނުވަތަ ހިޔާލު ވެސް ހޯއްދަވާފައި ނުވާ ކަމަށްވެ އެވެ.

"ވަރަށް ދެރަ ނިންމެވުމެއް. ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވައި، ސަރުކާރުގެ ކަންކަން ދަނީ ގޯސްކޮށް ކަމަށް ވިދާޅުވުމަށް ފަހު އެ ފަދަ ފިޔަވަޅެއް އެޅުއްވުމުން ހިތާމަކުރަން،" މައުމޫންގެ ފެކްޝަނުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މައުމޫންގެ ބާރުތަކާއި އޮފީސް އަތުލުމާ ގުޅިގެން އެ މަނިކުފާނު އާ އޮފީހެއް ހުޅުއްވުމުން މަރުހަބާ ވިދާޅުވެ ދުންޔާ ކުރެއްވި ޓުވީޓެއް.

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމުން މައުމޫނަށް އަމާޒުކޮށްފައިވާ ތުހުމަތުތައް ދިފާއުކުރައްވައި އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ދުންޔާގެ ނިންމެވުމަކީ އަމިއްލަ ނިންމެވުމެއް" ކަމަށެވެ. އެ ކަމަށް "އަޅުގަނޑު ތާއީދެއް ނުކުރަން" ކަމަށް މައުމޫން ވިދާޅުވި އެވެ.

ދުންޔާގެެ ނިންމެވުމާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓުވީޓް.

މައުމޫންގެ ފެކްޝަންގައި އިސް ދައުރެއް އަދާކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދުންޔާ އަލުން ސަރުކާރަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝޮކެއް ކަމަށެވެ. ދުންޔާ އެ ގޮތަށް ނިންމެވި ނަމަވެސް ފަސްއެނބުރި ބެލުމެއް، ހުއްޓުމެއް ނެތި ކުރި އަށް ދިއުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

އުމަރުގެ ޓުވީޓް.

ދުންޔާގެ ނިންމެވުމަށް މައުމޫން ތާއީދު ނުކުރެއްވިޔަސް އަދި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވިޔަސް، ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ އޭނާ އަށް ތައުރީފް ކުރައްވަމުންނެވެ. އަދި ދުންޔާ ނެންގެވި ފިޔަވަޅަކީ "އެންމެ ފުރަތަމަ ގައުމު" އަމާޒަކަށް ހައްދަވައި އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް ރައީސް ޔާމީންގެ ފެކްޝަނުގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދުންޔާ އަށް މަރުހަބާ ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ކުރެއްވި ޓުވީޓެއް.

ދުންޔާގެ ކުއްލި ނިންމެވުމާ އެކު ސިޔާސީ މައިދާނުން އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް ފެނުން އެކަށީގެންވެ އެވެ. އެއީ، ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމާ އެކު، މައުމޫންގެ އާއިލާ ވެސް ގާތްގަނޑަކަށް މިހާރު ދެ ފަޅިވެފައިވާތީ އެވެ. މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޔުމްނާ މައުމޫން ބައްޕާފުޅާ އެކު ތިއްބެވި އިރު، ދުންޔާ އާއި ގައްސާން ތިއްބެވީ ރައީސް ޔާމީންގެ ފަޅީގަ އެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ކޯޅުން އިތުރަށް ޝައުގުވެރިވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.