އާ ފޮތްބައި ލިބެންދެން، ގައުމީ މަންހަޖުގެ ސޯޝަލް ސްޓަޑީޒް ފޮތްތައް ބޭނުންކުރަން ގޭޓްވޭ އިން ނިންމައިފި

ހުޅުމާލޭގައި މާދަމާ އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީޒް ފޮތްތަކުގައި ކްރިސްޓިއަން ޗާޗްތަކެއްގެ ފޮޓޯ ހުރުމާ ގުޅިގެންނާއި އަދި އަދި ބައެއް އާ ފޮތްތައް މިވަގުތަށް ގެނެވެން ނެތުމުން، އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށްފައިވާ ސޯޝަލް ސްޓަޑީޒް ފޮތް ބޭނުންކުރަން އެ ސްކޫލުން ނިންމައިފި އެވެ.


ގޭޓްވޭ ސްކޫލްގެ ގްރޭޑު ތިނެއްގެ ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީޒް ފޮތުގެ ގަނޑެއްގައި ކްރިސްޓިއަންގެ ޗާޗުތަކެއް ހުރި މައްސަލައެއް ފެންމަތިވުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ފޮތްތައް ނަގަން އަންގައިފަ އެވެ.

ގޭޓްވޭ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު މިއަދު ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، އާ ފޮތް ބައެއް އަދި ގެނެވެން ނެތް ކަމަށެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް، ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ފޮތްބައިން މި އަހަރު ގްރޭޑު 1-7 އަށް ކިޔަވައިދޭން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތު ވެސް ނެތުމާއެކު އަޅުގަނޑުމެން މި ނިންމީ، މި އަހަރު ކިޔަވައިދޭނީ އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ފޮތުންނޭ. އެކަމަކު އެއީ ހަމައެކަނި މި އަހަރަށް. ރާއްޖެ އަށް ހާއްސަކޮށް އާ ފޮތްބައެއް ގެންނާނަން އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން،" މޫސަ ވިދާޅުވި އެވެ.

ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް.-- ފޮޓޯ: ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް

އޭނާ ވިދާޅުވި ގޮތުގައި ގައުމީ މަންހަޖުގެ ސޯޝަލް ސްޓަޑީޒްގެ ފޮތްތައް ބޭނުންކުރަން ނިންމީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ. އަދި އެކަން މިނިސްޓްރީ އަށް ވެސް އަންގާފައިވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ފޮތްތައް ހަވާލުކުރުމާއެކު، މާދަމާ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް އެ ފޮތްތައް ބަހާނެ ކަމަށެވެ.

"[ނޭޝަނަލް ކަރިކިއުލަމްގެ ސޯޝަލް ސްޓަޑީޒް ފޮތުން ކިޔަވައިދޭން] މިނިސްޓްރީން ނާންގާ ވަކި ގޮތަކަށް. އަޅުގަނޑުމެން ނިންމީ، އެ ފޮތާ ގުޅިގެން ބެލެނިވެރިންގެ ވެސް ކަންބޮޑުވުންތަކެއް ހުރީމަ އެކަމަށް އެޑްރެސް ކުރަންޖެހޭނެއޭ. އެހެންވެ ގްރޭޑް 1-7 އަށް ކިޔަވައިދޭން ބޭނުންކުރާނީ މަންހަޖުގެ ފޮތްތައް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން މާއްދާއެއްގެ ފޮތްތަކުގައި މައްސަލައެއް ނުޖެހެ އެވެ.

ސޯޝަލް ސްޓަޑީޒް ފޮތުގައި މައްސަލަ ދިމާވީ ގޭޓްވޭ ސްކޫލުން ވެސް ބަލަންޖެހޭ ވަރަށް ކަންތައްތައް ބެލިފައި ނެތުމުން ކަމަށާއި އެ ގޮތަށް ދިމާވީ އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އެ ކަމަށް ބެލެނިވެރިންނާއި ރައްޔިތުންގެ ކިބައިން މާފަށް އެދެން. އިސްލާމީ ތާރީހާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" މޫސަ ވިދާޅުވެފައިވެ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަދުވަހު ފަށާއިރު، ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަވެފައިވާ ކަމަށް ގޭޓްވޭ ސްކޫލުން ބުންޏެވެ.