ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ލިބޭ ފުރުސަތެއް، ދުލެއް ނުދޭނަން: އެމްޑީޕީ

ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ކެންޑިޑޭޓުން ނެރެން ނިންމުމަށް ފަހު، އަދާލަތުން އިންތިހާބު ބޮއިކޮޓްކޮށްފައި ވިއަސް އެމްޑީޕީގެ ވިސްނުމަކީ އިންތިހާބުގައި ބައިވެރިވުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާ އެމްޔޫއޯއާ ގުޅިގެން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުން، އެ ޕާޓީން އަނބުރާ ގެންދިޔައީ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު އެވެ.

ޝިފާޒް ވިދާޅުވީ އަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީން އިހްތިރާމް ކުރާ ކަމަށެވެ. ކޯލިޝަންގައި ތިބީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިހާބަށް އެކުގައި މަސައްކަތް ކުރަން ނޫން ކަމަށާއި އެއަށް ވުރެ ގިނަ ސަބަބުތައް އެ ގުޅުމުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ވިސްނުމަކީ، ރައްޔިތުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުން. ލޯކަލް ކައުންސިލް އިންތިހާބަކީ ކޮންމެ ރައްޔިތަކާ ގުޅިފައިވާ، ހައްގުތަކެއް އެކުލެވޭ އިންތިހާބެއް،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް ޕްރައިމަރީ ބާއްވައި އެކި ދާއިރާތަކުން ވާދަކުރާނެ ކެންޑިޑޭޓުން ވެސް ހޮވައި ހުރިހާ ތައްޔާރީތަކެއް އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ކަމަކަށް ފަހު، އިންތިހާބުގައި ވާދަނުކުރަން ނިންމުމަކީ، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ނިންމައިގެން ތިބި އެތައް ސަތޭކަ ކެންޑިޑޭޓުންގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

"ކިރިޔާ ޖާގައެއް ލިބުނަސް އެމްޑީޕީން އިންތިހާބުގައި ބައިވެރިވާނެ. ވަކި ބަޔަކު [ސަރުކާރުން] ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ގެންދިޔައަސް އެމްޑީޕީ މިއޮތީ، ދީލާލާ ގޮތަކަށް ނޫން. ރައްޔިތުން ނިކުމެ މި އިންތިހާބުގައި ވޯޓުލުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝިފާޒާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ ދައްކަވަނީ. --ފޮޓޯ: މިހާރު

އިންތިހާބުގައި ބައިވެރި ނުވާން ނިންމައި، އަދާލަތު ޕާޓީން ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމް ހަރާބުކޮށް، އިލެކްޝަންސް ކޮމިޝަނުން ހުރިހާ ނިންމުންތަކެއް ވެސް ނިންމަނީ ސަރުކާރު ހިންގާ ފަރާތަށް ލާބަ ހުރި ގޮތަކަށް ކަމަށެވެ. މި މަހު 14 ގައި ބާއްވަން އިއުލާންކުރި އިންތިހާބުގެ ބަދަލުގައި އެޕްރީލް 8 ގައި އިންތިހާބެއް ބާއްވަނީ، ގާނޫނު އަސާސީގެ ދަށުން ލާޒިމްކުރާ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ވަކި މީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމް ހަވާލުކުރަން ދައްކާ ހުއްޖަތެއްގެ ގޮތުން ކަމަށް އެ ޕާޓީން ބުންޏެވެ.

އިންތިހާބުގެ ކަންކަން އިލެކްޝަންސް އިން ކުރިއަށް ގެންދާ ގޮތުން އެމްޑީޕީން ވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި މަހު 14 ގައި ބާއްވަން އިއުލާންކުރި އިންތިހާބަށް ކުރިމަތިލައި ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ކެންޑިޑެސީ އިލެކްޝަންސް އިން ބާތިލްކޮށްފައިވާތީ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.