ވ. ރަކީދޫގައި 2015 ވަނަ އަހަރު އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މަންމަ އާފިޔާ މުހައްމަދު އަނިޔާކުރުމުގެ ސަބަބުން އިބްތިހާލް މަރުވި މައްސަލާގައި ދައުވާ ލިބެނީ ބ. އޭދަފުށީ މާބަގީޗާގެ ލިސާން އަބޫބަކުރާއި ވ. ފުލިދޫ، ނަލަހިޔާ އާމިނަތު ޝިޔާޒާ އާއި ގދ.ފިޔޯރީ ބީޗް ވިލާ އަހްމަދު ޝުޒާދާއި ގއ.ދެއްވަދޫ ނަސްރީނުގެ މުހައްމަދު ރަޝީދާއި ފ.ފީއަލި ގުލްއަލާމާގެ މުހައްމަދު ޝަކީބަށެވެ.
މި މީހުންގެ ތެރެއިން އައިމިނަތު ޝިޔާޒާ އާއި އަހްމަދު ޝުހާދަކީ ޖެންޑާ މިނިސްޓްރީގައި ކުރިން ވަޒީފާ އަދާކުރި ދެ މީހެކެވެ. މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބަކީ މިހާރު ވެސް ޖެންޑަ މިނިސްޓްރީގެ މުވައްޒަފުންނެވެ. ލިސާން އަބޫބަކުރަކީ ފުލުހުންގެ ނޮދަން ސްޓޭޝަންގައި ހުރި ވ. އަތޮޅުގެ އެކްޓިން ކޮމާންޑަރެވެ.
މި މީހުންގެ ތެރެއިން ލިސާން އަބޫބަކުރު ފިޔަވައި އެހެން މީހުންގެ މައްޗަށް ދައުވާކުރަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ.ގެ ދަށުންނެވެ.
ލިސާން އަބޫބަކުރަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ.ގެ ދަށުން ދައުވާ ކުރަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އަދި ފުލުހުންގެ ގާނޫނާ ހަވާލާދީ އެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާ އަކީ "ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން" ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ ރ. ގައި ބުނަނީ މިފަދަ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށެއް ކުރި މީހާގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް އޮންނަ އަދަބު ކަމަށެވެ.
ޖެނުއަރީ 28، 2015 ގައި، އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވި މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލައި ޝަރީއަތްތައް މިހާރު ދަނީ ކުރިއަށެވެ. އާފިޔާ ވަނީ އޭނާގެ ދަރިފުޅަށް އަނިޔާކުރި ކަމަށް އެއްބަސްވެ އެކަން ކުރި ގޮތް ވެސް ޝަރީއަތުގައި ކިޔައިދީފަ އެވެ.
އިބްތިހާލް މަރުވީ އޭނާގެ ކަރުގައި ހިފައި ހަށިގަނޑުގެ އެކި ތަންތަނުގައި ތެޅުމުގެ ސަބަބުން ލިބުނު އަނިޔާތަކެއްގަ އެވެ.
އިބްތިހާލް މަރުވެފައި ވަނީ އޭނާ އަށް އަނިޔާކުރާ މައްސަލަ ޖެންޑަ މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހެޅުމުން އެކަމާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.