ދިވެހި ސިފައިންގެ ބައެއް އުޅަނދުތަކަށް ބޭނުންވާ ތަކެތި އިންޑިއާ އިން ހަދިޔާކޮށްފި

ދިވެހި ސިފައިންގެ އެކި އުޅަނދުތަކަށް ބޭނުންވާ ބައެއް ސްޕެއާޕާޓްސް އިންޑިއާ އިން މިއަދު ހަދިޔާކޮށްފި އެވެ.


އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ސަވައިލެންސް އޮޕަރޭޝަނެއް ހިންގުމަށް މިހާރު އައިސް އުޅޭ އިންޑިއާގެ ނޭވީ ޝިޕް ކަންކާސޯގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަޝާންތު ހާންޑޫ އެވެ. މި ތަކެއްޗާ އެމްއެންޑީއެފް އިން ހަވާލުވީ މެރިންކޯގެ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް އަލީ ޒުހައިރު އެވެ.

އެމްއެންޑީއެފް އިން ބުނީ މި އެހީގެ ތެރޭގައި ހިމެނެނީ ކޯސްޓްގާޑް ޝިޕް ހުރަވީ އަށާއި އެމްއެންޑީއެފް ހެލިކޮޕްޓަރަށް އަދި ސިފައިން ބޭނުންކުރާ މާކް ތިނެއް ވެހިކަލަށް ބޭނުންވާ ބައެއް ސްޕެއާޕާޓްސް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބްރިގޭޑިއަ ޖެނެރަލް އަލީ ޒުހައިރު ވަނީ އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އަދި އެމްއެންޑީއެފް އަށް ދެ ހެލިކޮޕްޓަރު ވެސް އިންޑިއާ އިން ހަދިޔާކޮށްފައިވާއިރު، އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާ ވެސް އަޅައިދީފައިވަނީ އެ ގައުމުންނެވެ. މީގެ އިތުރުން ވެސް އެމްއެންޑީއެފް އަށް އެކި ގޮތްގޮތުން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެ އެވެ.