ފްލެޓަށް ކުރި ދިގު އިންތިޒާރު ހިތްދަތި ގޮތަކަށް ނިމިއްޖެ!

ފާތުމަތު ޝާހިދާ (އަސްލު ނަމެއް ނޫން) އަމީނީމަގުން ހިނގާ ކޮންމެ ފަހަރަކު، އެ މަގުގެ ގާކޮށި ހުރި ތަނުގައި އަޅާ ޓާޓާ ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލި އެވެ. އެތަނުގެ މަސައްކަތް މެދުކެނޑުމުން، މަސައްކަތާ ކުރިއަށް ގެންދާ ވެށިފަހި މާލޭ ޕްރޮޖެކްޓުގެ އޮފީހަށް މަހަކު ދެ ފަހަރަކު ކަހަލަ ގޮތަކަށް ގުޅައި އެތަނަށް ބަދަލު ވެވޭނެ ދުވަހެއް ވެސް ބެލި އެވެ. އެ ފްލެޓުން އޭނާ އަށް ޖާގަ ލިބޭނެކަން އަންގައި އެކަމުގެ ލިޔުން ހަވާލުކޮށްފައި އޮތުމުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އައީ ފްލެޓަށް ބަދަލު ވެވޭނެ ދުވަހަކަށެވެ.


އެކަމަކު ޝާހިދާ ބުނިގޮތުގައި ދުށް ހުވަފެންތައް ހަގީގަތަކަށް ނުވި އެވެ. ފަސް އަހަރެއްހާ ދުވަސް ވަންދެން ކަޅި ހުއްޓިފައި ތަން އަތުން ބީވެގެން އެ ދިޔައީ ވަރަށް ހިތްދަތި ގޮތަކަށެވެ.

ފްލެޓްގެ ހުރިހާ ކަމެއް ނިމުނު ފަހުން ސަރުކާރުން އަންގާފައިވަނީ އެތަނަށް ވަދެވޭނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދެ މިލިޔަން ރުފިޔާ ދެއްކުމުން ނުވަތަ އެ ފަދަ ލޯނެއް ބޭންކުން ނެގުމުން ކަމަށެވެ. ލޯނު ނަގަން ވެސް ހަތަރު ލައްކަ ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަން ޖެހޭއިރު އެ ފައިސާ ހަމަޖައްސަން ޖެހޭ މުއްދަތު އިއްޔެ އަށް ވަނީ ހަމަވެފަ އެވެ. އެ ހިސާބުން ދެން ޖެހުނީ، ފްލެޓް ލިބުނު އެތަކެއް ބަޔަކު އުންމީދު ކަނޑާލާށެވެ. އެތަކެއް އާދޭހަކާއި އެތަކެއް ދުވުންތައް ބޭކާރުވެގެން ދިޔައީ އެވެ.

"މީގެ ފަސް އަހަރު ކުރިން ގުރުއަތުން ހޮވިގެން، ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރި ދުވަސް އެއީ އެންމެ އުފާވި އެއް ދުވަސް. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް މި އިންތިޒާރު ކުރަނީ އެތަނަށް ވަދެވޭނެ ދުވަހަކަށް،" ދެ ކުދިންގެ މަންމަ ބުންޏެވެ.

"އެކަމަކު މިއަދު ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް."

ޓާޓާ ފްލެޓް ލިބުނު މީހުން ގާކޮށި ހުރި ތަނުގައި ހަދާފައިވާ ފްލެޓް ކައިރީގައި މުޒާހަރާ ކުރަނީ: އޭގެ ތެރޭން ގިނަ މީހުންނަށް ފްލެޓް ލިބޭނެ ކަމުގެ އުއްމީދެއް ނެތް

ޝާހިދާ ދިރިއުޅެމުން އަންނަނީ ދެ ކުދިންނާއި ދުވަސްވީ ބައްޕައާ އެކު ނުވަ ފޫޓު-ދިހަ ފޫޓުގެ ކުޑަކޮޓަރިއެއްގަ އެވެ. ގޯތި ބަހައިގެން ވެސް އޭނާ އަށް ލިބެނީ ވަަރަށް ކުޑަ ތަންކޮޅެކެވެ. އެހެންވެ، އާއްމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެ ފަސް އަހަރު ކުރިން ފެށި ސްކީމުގެ ދަށުން އޭނާއަށް ފްލެޓް ލިބުމުން ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރި އެވެ.

މިއީ ހަމައެކަނި އޭނާގެ ވާހަކައެއް ނޫނެވެ. ގާކޮއްޓާއި އަރަބިއްޔާ ހުރި ތަނުގައި އެޅި ފްލެޓު 150އަށް ވުރެ ގިނަ މީހުންނަށް ލިބުނު އިރު އޭގެ ތެރޭގައި ވަރަށް ހާލުގައި ދިރިއުޅޭ މާލޭ މީހުން ވެސް ހިމެނެ އެވެ. އެކަމަކު އެޗްޑީސީ އަށް ދައްކާނެ ދެ މިލިޔަން ރުފިޔާ ހޯދައި، ލޯނު ލިބުނީ އޭގެ ތެރެއިން ފަސްދޮޅަކަށް މީހުންނަށެވެ.

"އަޅުގަނޑުމެން އެ ފްލެޓްތަކަށް ދިޔައިން. އަޅުގަނޑުމެންނަށް ލިބުނު އެޕާޓްމަންޓަށް ވަދެ އެތަންތަން ވެސް ބެލިން. އެކަމަކު އެންމެ ފަހު ވަގުތު އެތަނުގައި ދިރިއުޅުމުގެ ފުރުސަތު މި ލިބުނީ އެހެން ބަޔަކަށް،" ފްލެޓް ލިބޭނެ ކަމުގެ އިންތިޒާރުގައި ހުރި އެހެން މީހަކު ބުންޏެވެ.

"މިއީ ވަރަށް ހިތްދަތި އިހުސާސެއް."

ޝާހިދާ ބުނީ އޭނާ ފްލެޓަށް ހޮވުނީ ދިރިއުޅޭ ބިންކޮޅު ދޫކޮށްލުމަށް އެއްބަސްވެގެން ނަމަވެސް، މިއަދާ ހަމައަށް އައިއިރު ބިންކޮޅަށް ސަރުކާރުން އަގުކޮށްފައި ނުވާ ކަމަށެވެ. އަދި ބިންކޮޅު އަގުކުރުމުން އެއިންވާ ފައިސާއިން އެޗްޑީސީ އަށް ދައްކަން ޖެހޭ ފައިސާ ކަނޑާފައި ނުވަތަ ކުޑަ ޑިޕޮސިޓެއް ބަހައްޓައިގެން ފްލެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދުނު ނަމަވެސް އޭގެ ޖަވާބު ވެސް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

ފްލެޓް ލިބި އެކަމަކު ޑައުންޕޭމަންޓު ނުދެއްކޭތީ ފްލެޓް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ބަޔަކު އެ މީހުންގެ އަޑު އުފުލަނީ

ފްލެޓަށް ބަދަލު ވެވޭނީ ދެ މިލިޔަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމާއި ޑައުންޕޭމަންޓުގެ ގޮތުގައި 400،000 ރުފިޔާ ދައްކައިގެން ނެގޭ އެ ލޯނުގެ ހުރިހާ ކަމެއް މިއަދުގެ ކުރިން ނިންމުމަށް ސަރުކާރުން ދިނީ ދެ މަސް ދުވަހުގެ މުހުލަތެކެވެ. ލޯނު ނެގެނީ ވެސް މުސާރައިގެ ގޮތުގައި މަހަކު 40،000 ރުފިޔާ ލިބޭނެ ނަމަ އެވެ. އަދި ލޯނުގެ ގޮތުގައި މަހަކު 15،000 ނުވަތަ 16،000 ރުފިޔާ ދައްކަން ޖެހެ އެވެ.

މިއީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހުންނަށް ދެއްކޭނެ މިންވަރު ނޫން ކަމާއި މިއަށް ވުރެ ލުއި ގޮތަށް ހަމަޖައްސައިދިނުމަށް އެދި، ފްލެޓް ލިބުނު މީހުން ކަމާ ގުޅޭ އިދާރާތަކަށް އެތައް ފަހަރަކު ގޮސް އާދޭސް ކުރި އެވެ. އަދި އެޗްއާރުސީއެމާއި ސަރުކާރުގެ ގިނަ މުއައްސަސާތަކަކަށް ޕެޓިޝަން ހުށަހަޅައި ހިމޭން މުޒާހަރާތައް ކުރި އެވެ.

އެކަމަކު އެއްވެސް އިދާރާއަކުން އެދެވޭ ޖަވާބެއް ނުލިބުނެވެ.

"މިސާލަކަށް ލޯނު ނަގައިގެން ދެ މިލިޔަން ރުފިޔާ އެޗްޑީސީ އަށް ދައްކައިގެން ފްލެޓްގައި ދިރިއުޅެން މި ފެށީ. އެކަމަކު އޭގެ ތެރޭން ކިތައް އާއިލާއަށްތޯ 20-15 އަހަރު ވާންދެން މަހަކު 15،000 ނުވަތަ 16،000 ރުފިޔާ ލޯނުގެ ގޮތުގައި ދައްކާނީ،" ޝާހިދާ ބުންޏެވެ.

"މިއީ ހައުސިން ސްކީމެއް. ގުރުއަތުގައި ބައިވެރިކޮށްގެން އަޅުގަނޑުމެންނާ ފްލެޓް ހަވާލު ކުރީ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ވައުދުވެގެން."

ފައިސާ ދައްކަން އިއްޔެ އާ ހަމައަށް ދިން މުއްދަތު ހަމަވެ، ވަރަށް ގިނަ ބަޔަކު ވަނީ މާޔޫސްވެފަ އެވެ. އެ މީހުން ކުރާ މުހިންމު ސުވާލެއް އެބައޮތެވެ؛ ފްލެޓް ލިބުނެވެ؛ ލޯނެއް ނުލިބުނެވެ. އެހެންވިއްޔާ ފްލެޓް ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟