ހެލިކޮޕްޓަރު އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާ އަށް އިންޑިއާ އަށް ފޮނުވާލައިފި

މަތިންދާބޯޓަށް އަރާ ސިޑިއެއް (އެއާސްޓެއާ) ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތީގެ ފިޔަގަނޑުން ޖެހުނު ހާދިސާގައި ޒަޚަމްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ފުރުވާލައިފި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފު ބ. ހިތާދޫ މޫސާ ވަޖުދީ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާގެ ބެންގަލޫރަށް ފޮނުވާލީ މި ހަފުތާގައި ކަމަށެވެ. އަދި އޭނާގެ ބޭސްފަރުވާގެ ކަންތައް ހަމަޖައްސަނީ އެމްއޭސީއެލް އާއި އިންޝުއަރެންސް މެދުވެރިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އޭނާ އަށް އިތުރު ފަރުވާދިނުމަށް އިންޑިއާ އަށް ފޮނުވާލީ އާއިލާއިން އެދިގެން. މިތަނުން ދޭން ޖެހޭ އެހީތެރިކަން މިދަނީ ފޯރުކޮށްދެމުން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ވަޖުދީ އަށް ވަނީ އޭޑީކޭ ހޮސްޕިޓަލުން ވެސް ފަރުވާދީފަ އެވެ.

ވަޖުދީގެ ބަނޑަށް ވަތް ފިޔަގަނޑުގެ އެތިކޮޅެއް ކުދިކުދިވެ، 22 އެތިކޮޅަށް ވަނީ ބައިބައިވެފަ އެވެ. އެކްސިޑެންޓު ހިނގި ދުވަހުގެ ރޭ ވަނީ ހައެއްކަ ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށް 21 އެތިކޮޅު ނަގައިފަ އެވެ. ވަޖުދީގެ ހާލު ހަމަޔަކަށް އެޅުމުން އަލުން އޮޕަރޭޝަންކޮށް އެ އެތިކޮޅު ވަނީ ނަގައިފަ އެވެ.