ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު (އައްޔަ) ގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
މީގެ އަހަރުތަކެއް ކުރިން "ހަތަރު އުދަރެސް" އިން ފިލްމީ ދާއިރާ އަށް ވަން އެކަމަކު ފަހުން ވަޑާމުގެ މަސައްކަތުގައި އުޅުނު އައްޔަގެ މައްޗަށް އެ ދައުވާކުރީ ކޮން އިރަކު އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން ކަމެއް ސާފެއް ނުވެ އެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވިޔަސް އޭގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އައްޔަ ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. އެ މައްސަލާގައި އޭނާ ހުރީ އަދިވެސް ބަންދުގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން މަނާ ބާވަތުގެ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކޮށްފި ކަން ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މަޝްހޫރު ލަވަކިއުންތެރިޔާ ހައްވާ އަޝްރާގެ މައްޗަށް ވެސް ދައުލަތުން ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވަނީ ފަށައިފަ އެވެ. ދައުވާ ސާބިތުވެއްޖެ ނަމަ އަޝްރާގެ މައްޗަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.