ބިން މިލްކުކުރެވޭ އިސްލާހަށް ވޯޓު ދެވުނީތީ ހިތާމަކުރަން: ވައްޑެ

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ވޯޓު ދެއްވުނީތީ ހިތާމަ ކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ ގާނޫނުއަސާސީ އަށް އިސްލާހުން ގެންނަން 2015ގައި ވޯޓު ދެއްވުމުން އެކަމާ ދެރަވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވި ގޮތަށް އެ ދުވަހު ވޯޓު ދެއްވުމުން، ދިވެހި ރައްޔިތުންގެ ކިބައިން ވައްޑެ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ހަމައެއާއެކު، ބޭރުގެ ފަރާތްތަކަށް ބިން މިލްކުރުމާ ދެކޮޅަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށް، ވައްޑެ އަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަން ލިބިވަޑައިގެންނެވި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވިދާޅުވި އެވެ.

މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން ވައްދާ ކަމަށް ބުނެ، މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ ޕީޕީއެމަށް ސޮއިކުރާ ގިނަ މީހުންނަށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާ ލިބެމުންދާ ކަމީ ހަގީގަތެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވެފައިވާ ކަމަށާއި "ކުޑަވެފައި ވަނީ ހަމައެކަނި ލަދުހަޔާތް" ކަމަށް ވެސް މަލާމާތުގެ ރާގަކަށް ވައްޑެ ވިދާޅުވި އެވެ.

ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ފާސްކުރީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކުގަ އެވެ. ސަރުކާރާ އެކު ހެދި "ޑީލެއް"ގެ ދަށުން އެ އިސްލާހަށް އެމްޑީޕީ ވޯޓު ދިން މައްސަލާގައި އެ ޕާޓީގެ އާއްމު މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ ވޯޓުންނެވެ. އެއީ މިހާރު 85 މެމްބަރުން ތިއްބެވި މަޖިލިހުގެ ނިސްބަތުން 64 މެމްބަރުންގެ ވޯޓެވެ.

އެކަމަކު ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނިންމައިފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ނިންމީ ސަރުކާރުގެ ނުބައި ރޭވުމެއްގެ ދަށުން ފ. އަތޮޅު ވިއްކާލަން ނިންމާފައިވާ ނިންމުން ބަދަލުކުރާށެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެ އަތޮޅުގައި ހިންގަން ރާވާފައި ވަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.