މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރާ، މައުމޫން ބައްދަލު ކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދާ، ރޭގައި ބައްދަލުކުރައްވައިފި އެވެ.


މައުމޫންގެ އޮފީހުން ބުނީ މަހާތީރުގެ ދެކަނބަލުން ދެއްވި ފަރިއްކޮޅެއްގައި، މައުމޫންގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރާއްޖޭގެ އިސްލާމީ މަރުކަޒު ޑިޒައިން ކުރެއްވި އާކިޓެކްޓް ހާޖީދާރުގެ ދެކަނބަލުންނާއި މެލޭޝިއާގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އެ ގައުމުގެ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ތާން ސްރީ ސަނޫސީ ޖުނެއިދުގެ ދެކަނބަލުން ވެސް މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. އަދި އިސްލާމީ މަރުކަޒުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ.

މި ފަރިއްކޮޅުގައި މަހާތީރު ވަނީ ރާއްޖޭގެ ހާލަތު އޮޅުން ފިލުއްވައި އަދި ދިވެހިންނަށް އިތުރު ތަރައްގީ އާއި ކުރިއެރުމަށް އެދިވަޑައިގެންފައި ކަމަށް މައުމޫންގެ އޮފީހުން ބުނެ އެވެ. އަދި މައުމޫން ވަނީ ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ބާއްވަމުން އަންނަ ގާތް ގުޅުމަށާއި ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވައިފަ އެވެ.

މަހާތީރަކީ 22 އަހަރު ވަންދެން މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އެގައުމުގެ ވެރިކަން ކުރާ ޕާޓީ އުމްނޯއިން ވަކިވެވަޑައިގަތުމަށް ފަހު، މަހާތީރު މިހާރު ގެންދަވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި ނަޖީބާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އިދިކޮޅު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް މަހާތީރު އަންނަނީ ކުރައްވަމުންނެވެ.