ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީ ބަޔަކާ ހަވާލުކޮށްފި

ކިންގް ސަލްމާން މިސްކިތް އެޅުމަށް ޓާމެކްސް ކުންފުންޏާ ހަވާލުކުރީ 500 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށް. ޓާމެކްސް އަކީ ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތް ކުރާ ކުންފުނި. އެ ހޮސްޕިޓަލްގެ ބޮޑު ބައެއް ނިމި މި އަހަރު ހުޅުވަން ވަނީ ތައްޔާރުވެފައި.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އުތުރު ފަރާތުގައި އިމާރާތްކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް (370 މިލިއަން ރުފިޔާ) ތުރުކީގެ ޓާމެކްސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ. މިއީ ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތް ކުރަމުން އަންނަ ކުންފުނި ވެސް މެ އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް އަންނަ އަހަރުގެ އޮގަސްޓްމަހު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ މިސްކިތުގެ އެތެރޭގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވެ އެވެ. ނަމަވެސް ބޭރުގައި ނަމާދު ކުރެވޭ ގޮތަށް މާބުލް ޖެހުމުން ޖުމްލަ 10،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިސްލާމީ މަރުކަޒެއްގައި ހުންނަންޖެހޭ ވަރަށް ގިނަ ކަންކަން ކިންގް ސަލްމާން މިސްކިތުގައި ހިމެނޭނެ އެވެ.

ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ތުރުކީގެ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. ޓާމެކްސް ކުންފުންޏަކީ މި މަސައްކަތަށް ގާބިލް ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، ދީނީ ވަހުދަތު ވަރުގަދަ ކުރަން ބޭނުން ކުރެވޭނެ ހުރިހާ ވަސީލަތްތައް މި މިސްކިތުގައި ގާއިމު ކުރާނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގައި ހިމެނޭނެ ބައެއް ތަންތަން:

- މަލްޓި ޕާޕަސް ހޯލެއް ހުންނާނެ

- އޮޑިޓޯރިއަމެއް ހުންނާނެ

- ގުރުއާނާ ބެހޭ މަރުކަޒު މިސްކިތަށް ބަދަލުކުރެވޭނެ

- ދުނިޔޭގެ ފެންވަރުގެ ލައިބްރެރީއެއް ހުންނާނެ

- ސެމިނާތަކާއި ކްލާސްރޫމްތައް ހުންނާނެ

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކުރީ ރާއްޖޭގައި އިމާރާތް ކުރުމުގައި ތަޖުރިބާ ކުރަމުން އަންނަ ކުންފުންޏެއް ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އޭގެ ނަތީޖާ އަކީ ސަލްމާން މިސްކިތުގެ އަމަލީ މަސައްކަތް ފަސޭހައިން ފަށައި، ކުރިއަށް ގެންދެވުން ކަމަށެވެ.

"ކުންފުނިތަކަށް ދައުވަތު ދީގެން ބޭއްވި ބިޑިން ޕްރޮސެސްގައި އެންމެ ރަނގަޅު ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީމަ އެ މަސައްކަތް [ޓާމެކްސްއާ] ހަވާލުކުރީ،" މުއިއްޒު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތުގެ ކުރެހުން

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގެ އުތުރަށް އޮތް ބިމު ގަ އެވެ. އެ ބިމުގައި ހުރި ވެހިކަލްތަކާއި ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގެ ހުޅަނގު ފަރާތެކޭ އެއްގޮތަށް އުތުރު ފަރާތަކީ އެއަށް ވުރެ ބޮޑަށް ތަރައްގީވެފައި އޮތް ސަރަހައްދަކަށް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމަށް 24 މިލިއަން ޑޮލަރަށް ތުރުކީ ބަޔަކަށް ދީފައި މިވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އަށް ވަޑައިގެންނެވުމަށް ނިންމަވާފައިވަނިކޮށެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އެނގިފައިވާ ގޮތުގައި އަންނަ މަހުގެ 18 ހިސާބުގަ އެވެ.