އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ދުއްވާފައި ދިޔަ ސައިކަލެއްގެ ޕެޑަލްމަތިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ވަނީ ދަމަހައްޓާފައި .-- ފޮޓޯ: ކަސްޓަމްސް
01 މާޗް 2017 - 14:15
ދުއްވާފައި ދިޔަ ސައިކަލެއްގެ ޕެޑަލް މަތިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، އެ ސައިކަލު ދުއްވި މީހާ އުމުރަށް ޖަލަށްލާން ހުކުމްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ގ. ރޯމްގޭ މުހައްމަދު ޒައީމު އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު، 2012 ގެ ދުވަހެއްގައި އޭނާ ސައިކަލެއް ދުއްވާފައި ދަނިކޮށް އެ ސައިކަލު ހުއްޓުވައި، ބެލިއިރު އޭގެ ޕެޑަލްމަތީގައި އޮތް ސިނގިރެޓް ހުސްކުރި ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ.
ދަށު ކޯޓުގެ ހުކުމް ޒައީމްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނީ ޒައީމް ދުއްވި ސައިކަލެއްގެ ޕެޑަލްމަތިން ކަމަށްވާއިރު އެތަކެތީގެ ޒިންމާ އުފުލާނެ އެހެން ފަރާތެއް ނެތުމުން އެތަކެތީގެ ޒިންމާ އުފުލަން ޖެހޭނީ ޒައީމް ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅުނު ކަން ބަލާނެ މިންގަނޑުތަކެއްް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި މީހެއްގެ އަތުގައި ނުވަތަ ލައިގެން ހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގައި މަސްތުވާއެއްޗެއް ނެތަސް ތިމާ ހުރި ތަނުގައި ނުވަތަ ތިމާގެ އެއްޗެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން އެނގުމާ އެކު، އެ އެއްޗެއްގެ މައްޗަށް އެ މީހެއްގެ ކޮންޓްރޯލް އޮތުމަކީ ވެސް އެ މަސްތުވާތަކެތި ގެންގުޅުނީ ކަމަށް ބެލެވޭނެ ކަމެއް ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އެ ހުކުމުގައިވެ އެވެ. އެފަދަ ހާލަތްތަކުގައި އެއީ އެ މަސްތުވާއެއްޗެއް މައްޗަށް އެ މީހެއްގެ "މައުނަވީ ހިޔާޒަތު" އޮތީ ކަމަށް ބެލެވޭނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
ޒައީމް ސައިކަލުގައި ދަނިކޮށް މަޑުކުރަން އެންގުމުން އޭނާ ފިލަން މަސައްކަތް ކޮށްފައިވާއިރު މަސްތުވާތަކެތި ފެނުނު އެ ސައިކަލުގެ ޕެޑަލްމަތިން ކަމަށް ހެކިން ބުނެފައިވުމުން އެއީ ޒައީމް ގެންގުޅުނު އެއްޗެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތުން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބެލެވޭނީ މީހެއްގެ އަތުގައި ނުވަތަ ލައިގެން ހުރި އެއްޗެއްގައި ނުވަތަ ގެންގުޅުނު އެއްޗެއްގައި ނުވަތަ ސީދާ ކޮންޓްރޯލް އޮތް ތަނެއްގައި (ހަގީގީ ހިޔާޒަތުގައި) މަސްތުވާތަކެތި ހުރެގެން އެކަންޏެއް ނޫނެވެ.
އޭގެ އިތުރަށް މީހަކު ހުރި ތަނެއްގައި ނުވަތަ މީހެއްގެ އެއްޗެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން އެނގުމާއި އެކަކަށް ވުރެ ގިނަ މީހުން އުޅޭ ތަނަކުން މަސްތުވާތަކެތި ފެންނައިރު އެ ތަކެތި ހުރީ އެންމެންގެ ލޯ މައްޗަށް ފެންނަ ފަދަ ގޮތަކަށް ބަހައްޓާފައި ނަމަ އަދި ހައްޔަރު ކުރުމުގައި ޝައްކު ކުރެވޭ ގޮތަށް އަމަލުކޮށްފައިވާ ނަމަ އެއީ ވެސް އެ މީހަކު ނުވަތަ އެ ބަޔަކު މަސްތުވާތަކެތި ގެންގުޅުނީ ކަމަށް ބެލެވޭނެ ސަބަބެއް ކަމަށް ހައި ކޯޓުން ކުރިން ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގުމަތި
02 March 2017
އަމިއްލަ ގޭގަ ފޮރުވާފަ ހުރި ސައިކަލެއް ނަމަ އޯކޭ ދޯ. އެކަމަކު މަގުމަތީގަ ބަހައްޓާ ސައިކަލެއްގެ ތަނެއްގައި އެއްޗެއް ފޮރުވިދާނެ ދޯ އެހެން މީހަކަށްވެސް. މީހުން ފްރޭމްކުރުން ހާދަ ފަސޭހަ ތި ކޮށްލައިދިނީ.
ކުމާރު ރިޓާރންސް !
02 March 2017
"މައުނަވީ ހިޔާޒަތު" ފިޓްވާ މިންގަނޑަކީ ކޮބާ ؟
އިބޫ
02 March 2017
ބޮޑު އަދަދުން ގެން ގުޅޭ މީހުން އެކަމު ސަލާމަތް ވޭދޯ https://mihaaru.com/news/6362
މަންސޫރު
01 March 2017
ކޮންކަހަލަ ނިންމުމެއް؟ ދެން އެހެން މީހަކު ތިމަންނާގެ އެއްޗެކޭ ނުބުނާނެ ދެއްތޮ؟ ކޮބާ އެއްކަލަ ހުސެއިން މަނިކު ސަލާމަތްވީ ކިހިނެތް؟
އިޏޫ
02 March 2017
https://mihaaru.com/news/6362
ގ ތަނބުރުގެ
01 March 2017
އެއްވެސް ކަހަލަ ހެއްކެ ނެތި