އެމްޑީޕީ ސަރުކާރުގައި ބުނި އަގަށް ފްލެޓު ދިނުމަށް ގޮވާލައިފި

ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން އެމްޑީޕީ ސަރުކާރުގައި ފްލެޓު ދޭން ބުނި ހެޔޮ އަގުގައި ރައްޔިތުންނަށް ފްލެޓްތައް ދިނުމަށް އެ ޕާޓީގެ ޕާލަމެންޓް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.


ފްލެޓްގެ އަގު ބޮޑުކޮށް ބޯހިޔާވަހިކަމުން މަހުރޫމް ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވިދާޅުވީ ކުރީގެ އަރަބިއްޔާ އާއި ގާކޮށީގައި ހަދަމުން އަންނަ ފްލެޓުތަކުގެ ކުއްޔަކީ ނިކަމެތި މީހަކަށް ދެއްކޭނެ ވަރުގެ އަދަދެއް ނޫން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުން އިތުރަށް ދަރަނިވެރިވާނެތީ އެމްޑީޕީ ސަރުކާރުން ކަނޑައެޅި އަދަދަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށް ދިނުމަށް ވެސް މެމްބަރުން ގޮވާލެއްވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން އޭރު ހުށަހެޅީ 20 އަހަރުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދައްކަން ކަމަށެވެ. އޭރުން ކުއްޔަށް ހިފައިގެން އުޅެން ބޭނުންވާ މީހަކަށް ދައްކަން ޖެހޭނީ މަހަކަށް ގާތްގަނޑަކަށް 6000ރ. ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް: ފްލެޓުތަކުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި.. - ފޮޓޯ: ނިޝާން އަލީ/މިހާރު
އަޅުގަނޑު ދަންނަވާނީ އެމްޑީޕީގެ ފަހަރަކު ސިޔާސަތެއް މުގުރަމުންނޭ މިދަނީ. ބާރުތައް ރައީސް އަބްދުﷲ ޔާމީންގެ މުށުތެރެއަށް ލުމަށް މަސައްކަތް ކުރަމުންދާތަން ފެންނަމުން މިދަނީ. --އީވާ

ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ދޭން ސަރުކާރުން މިހާރު ނިންމާފައި ވަނީ ފަސް އަހަރު ތެރޭ ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށެވެ. އޭރުން މަހަކަށް 33،000ރ. ޖެހެ އެވެ. ފްލެޓްތައް ލިބޭ މީހުންނަށް ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީން ވެށި ފަހި ތައާރަފް ކުރީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސް ދިނުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސަރުކާރާއި ކޮންޓްރެކްޓަރާ ދެމެދު ޖެހޭ މައްސަލައަކުން ރައްޔިތުންނަށް ބުރައެއް އުފުލުމުގެ ފުރުސަތު ދޭން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ވީހާ ވެސް ލުއި ގޮތެއްގައި ފްލެޓު ލިބޭނެ ސިޔާސަތެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ ފްލެޓުތައް ދިނުމަށް އެމްޑީޕީ ސަރުކާރުގައި ނިންމީ ނިކަމެތިންނަށް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުންނަށް ފްލެޓު ދެނީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ކަމަށެވެ. އެހެންވެ ނިކަމެތިންނަށް އަތްފޯރާ ފަށެއްގައި ފްލެޓުތައް ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ނިކަމެތި މީހަކަށް ކިހިނެއްތޯ 33،000 ރުފިޔާ ދައްކާނީ؟ ހަރު އަޑުން ގޮވާލަން ކުރިން ވިއްކި އަގުގައި ފްލެޓުތައް ވިއްކަން. --މަހްލޫފް

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ފްލެޓުތަކުގެ ކުލީގެ އަގު ބޮޑުވެގެން އުޅޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ގިނަ އާއިލާތަކަށް އާމްދަނީގެ ގޮތުގައި މަދު ފައިސާކޮޅެއް ލިބޭއިރު ފްލެޓު ކުލި ދައްކައިގެން ހަރަދު ކުރާނެ އެއްޗެއް އަތުގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިކަމުގައި ލުއި ގޮތެއް ހަމަޖައްސައި ދިނުމަކީ މުހިންމު ކަމެއް. --އަނާރާ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރަށް ބަހުސް ކުރަން ބޭނުންވި ހުރިހާ މެމްބަރުންނަށް ފުރުސަތު އަރުވައިފަ އެވެ. އެހެންކަމުން ދެން އޮންނަ ޖަލްސާއެއްގައި މި ގަރާރު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް މި ގަރާރު ހުށަހެޅުއްވީ އާދައިގެ ރައްޔިތުން ބޯހިޔާވަހިކަމުން މަހްރޫމުވާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާތީ، މަޖިލީހުން އެކަމާ މެދު ދެކޭގޮތެއް ބެލުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތާއި އުސޫލުތައް ބަދަލުކޮށް، ރައްޔިތުންނަށް މާލީ ގޮތުން ލުއި ފަސޭހަކަން ލިބޭނެ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލުމަކީ ވެސް ގަރާރުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރަމުން ދިޔަ ފްލެޓްތައް ނުނިމި ހަތަރު އަހަރު ދިގުލައިގެން ދިޔައީ، އެ ޕްރޮޖެކްޓް މެނޭޖްކުރަން ނޭނގުމުން ކަމަށެވެ. އޭގެ ސަބަބުން ޑިވެލޮޕަރަަށް ބޭކާރު ގޮތުގައި ދައްކަން ޖެހުނު ފައިސާ ގިނަވެ، ފްލެޓް ލިބުން ލަސްވުމުގެ އިތުރުން ފްލެޓް އަމިއްލަ ކުރަން ރައްޔިތުން ދައްކަން ޖެހޭ ފައިސާގެ އަދަދު ދެ ގުނަ ބޮޑުވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.