ރައްޔިތުންގެ މަޖިިލީހުގެ މެމްބަރުންގެ މެދުގައި ތަފާތު ކުރުންތައް ބޮޑުވެފައިވާ ކަމަށާއި މަޖިލީހުގެ ރައީސް މަސީހު ވަކިކުރަން މަސައްކަތް ކުރެއްވުމަކީ ފެއްޓެވި ޖިހާދެއް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވި ގޮތުގައި އެ ޖިހާދަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓައި، ދަމަހައްޓައި މިނިވަންކަން އެންމެ ފުރިހަމަ ގޮތެއްގައި ލިބިދޭން އެޅި ފިޔަވަޅެކެވެ.
ވައްޑެ ވިދާޅުވީ މަޖިލީހުގެ ހުރިހާ މެމްބަރުން ކުރައްވާފައިވާ ހުވާގެ މަތީގައި ދެމިތިއްބަވާ ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެ މެމްބަރެއްގެ ޒިންމާއަކަށް ހައްދަވައިގެން މަޖިލީހުގެ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނުއަސާސީއެއް އެބައޮތް، އެކަމަކު ގާނޫނުއަސާސީ އަށް އަމަލު ކުރަނީ ކޮންތާކުން، ކޮން ފަރާތަކުންތޯ ސުވާލު ކުރައްވާ، ގާނޫނުތައް އެބަހުރި، ގާނޫނުތަކުގެ ތެރެއިން މަސައްކަތް ކުރައްވަނީ ކޮން ބައެއް ކޮންތާކުންތޯ ސުވާލު ކުރައްވާ،" ވައްޑެ ވިދާޅުވި އެވެ.
ހަމައެއާއެކު، މެމްބަރުންގެ މިނިވަންކަން ގެއްލި ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހެދުމުގައި އެއްވެސް ޖާގައެއް ނުދީ އަވަސް އަރުވާލައިގެން މަސައްކަތް ކުރާތީ ވައްޑެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ދީން އިސްކޮށް ބާއްވައިގެން ކަންކަން ކުރަމުން ދަނީ މުޅިން ތަފާތުކޮށް، އެހެންވީމަ މިކަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައި ހަދައިގެން މަސައްކަތް ފެށީ،" އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް ވިދާޅުވީ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ގޮސް، މިނިވަން މާހައުލެއް ގާއިމު ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 26 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމާ ބެހޭ ބަހުސްގައި ބައިވެރިވެ ދިފާއުވުމުގެ ހައްގު ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެ މީހަކު މަގާމުން ވަކި ކުރަން ނަގާ ވޯޓެއްގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.
މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ހުށަހެޅި ގަޑީގައި އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ވަނީ މަޖިލިސް ކުރާ ގޭ ސަރަހައްދަށް އެއްވެ، މަސީހުގެ އިސްތިއުފާއަށް ގޮވައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލައިފަ އެވެ.