ކޮޅު ބަދަލުކުރުމާއެކު ސައުދުﷲ ގެ ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރަން ފަށައިފި

ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދުﷲ ހިލްމީގެ ސިޔާސީ ވިސްނުން ބަދަލުކުރެއްވުމާ އެކު، ސަރުކާރުގެ މަޝްރޫއުތައް އޭނާގެ ހިއްސާ އޮންނަ ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކުރަން ފަށައިފި އެވެ.


ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވާ ސަރުކާރުގެ މަޝްރޫއުތައް ވަނީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރެއްވުމަށް ސައުދުﷲ ކުރިން ނިންމެވުމާ ގުޅިގެން ހުއްޓުވައިފަ އެވެ. އެކަމަކު ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފަޅިއަށް ސައުދުﷲ ބަދަލުވުމާއެކު، ސަރުކާރުގެ މަޝްރޫއުތައް އަލުން ވަނީ އެ ކުންފުންޏާ ހަވާލުކުރަން ފަށައިފަ އެވެ.

ސްވިފްޓް އިންޖިނިއަރިންގެ ޑިރެކްޓަރު މުހައްމަދު ޒުބައިރު މިއަދު ވިދާޅުވިގޮތުގައި، ހދ. މަކުނުދޫ ސްކޫލްގެ ޖާގަ އިތުރުކޮށް 10 ކްލާސް ރޫމް އެޅުމަށް އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަށް 9.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހެޅީ،" ޒުބައިރު ވިދާޅުވި އެވެ.

މަކުނުދޫގައި 10 ކްލާސް ރޫމް އެޅުމަކީ މުޅިން އަލަށް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކުރި ޕްރޮޖެކްޓެކެވެ.

މައުމޫންގެ ފެކްޝަނާ ސައުދުﷲ ގުޅިވަޑައިގެންނެވި ފަހުން، ސްވިފްޓް އިންޖީނިއަރިންއާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް އަތުލިއިރު، ދެ ޕްރޮޖެކްޓެއް ފިނޭންސް މިނިސްޓްރީން ވަނީ އަލުން ބިޑަށް ލައިފަ އެވެ. އަލުން ބިޑަށްލީ ދ. ކުޑަހުވަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ ކްލާސްރޫމްގެ ތިން ބުރީގެ އިމާރާތެއް އެޅުމަށާއި ފ. ނިލަންދޫ ސްކޫލުގައި އަށް ކްލާސްރޫމާއި ދެ ލެބޯރެޓަރީ އާއި ހޯލެއް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށެވެ. ސްވިފްޓުން ބުނީ ބިޑަށްލި ދެ މަޝްރޫއަށް އަލުން ކުރިމަތިލާފައިވާ ކަމަށެވެ.

ދެ ޕްރޮޖެކްޓު ބިޑަށްލިއިރު ޅ. ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުމާއި ޅ. ނައިފަރާއި ލ. މާވަށުގައި ސްކޫލް އިމާރާތެއް އެޅުމާއި ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އަޅަން ސްވިފްޓާ ހަވާލުކުރި ޕްރޮޖެކްޓްތައް ވެސް ސަރުކާރުން ވަނީ އަތުލައިފަ އެވެ.

ސްވިފްޓް އަތުން އަތުލި މަޝްރޫއުތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ. އެ މަސައްކަތްތައް ހުއްޓާލަން ސަރުކާރުން އެންގިއިރު، ބައެއް ޕްރޮޖެކްޓްގެ މަސައްކަތް ދިޔައީ ހިނގަމުންނެވެ.

މައުމޫންގެ ފެކްޝަނާ މަޖިލީހުގެ މެމްބަރުންތަކެއް ގުޅުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު އެ ބައްދަލުވުމުގައި ސައުދުﷲ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާއިރު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޑަ ވަގުތުކޮޅަކަށެވެ.

ސްވިފްޓަކީ 2010 ގައި ކޮންސްޓްރަކްޝަން ދާއިރާ އިން ގައުމީ އިނާމް ލިބިފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް އިމާރާތެއް އެ ކުންފުނިން އަޅާފައިވެ އެވެ.