ހުމަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފި

މާލޭގައި މިހާރު ފެތުރެމުންދާ ހުމަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި "ފްލޫ ކްނިކް"އެއް މިއަދު ހުޅުވައިފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުއި ކަމާއެކު ފެތުރެމުންދާ ކަމަށެވެ.

އެހެންވެ، މާލޭގައި ތިބި ބަލި މީހުންނަށް ފަރުވާ ދިނުމަށް މިއަދުން ފެށިގެން ވަކި ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވާފައިވާ ކަމަށް އެތަނުން ބުންޏެވެ.

މި ކްލިނިކުގައި މިއަދު ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ހަވީރުން ފެށިގެން ރޭގަނޑު ދިހަ އަކަށް ނަމަވެސް މާދަމާއިން ފެށިގެން، ހެނދުނު އަށަކުން، ރޭގަނޑު 12އާ ހަމައަށް ފަރުވާ ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ އެޖެންސީގެ ބަޔާނުގައި ބުނީ މިހާރު ފެތުރެމުންދާ ރޯގާގައި ބައެއް ފަހަރު ބަލި މީހާގެ ހާލު ވަރަށް ދަށްވާ ކަމަށެވެ. އެހެންވެ، ހުން އައިސް، ކަރާއި ބޮލުގެ އިތުރުން ގައިގައި ރިހޭ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެތަނުން ބުންޏެވެ.

ފަސޭހައިން ގަޔަށް ގަޔަށް އަރާ މި ރޯގާ ކުޑަކުދިންނަށް ޖެހިއްޖެ ނަމަ، އެ އަލާމާތްތަކުގެ އިތުރުން ކެއިންބުއިން މަދުވުމާއި މާގިނައިން ނިދުމާއި އާދަޔާހިލާފަށް ގިނައިން ރުއިން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ސަމާލުކަން ދޭން ޖެހޭ ބައެއް ކަންތައްތައް

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން

- ސައިބޯނި ލައިގެން އަތްދޮވުން ފަދަ އާއްމު ސާފުތާހިރުކަމަށް ސަމާލުވުން

- ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، އަދި ކުޑަކުދިން އެ ފަދަ ތަންތަނަށް ނުގެންދިޔުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާ އެއްޗެހި ބޮއެ، ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރުގެ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.