ބިރުގަންނަންވީ ހާލަތަކަށް ނުދޭ، ރައްކާތެރިވާންވީ: އެޗްޕީއޭ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާދަޔާހިލާފަށް ފެތުރެމުންދާ ހުމާއި އަރިދަފުސްރޯގާއާ އެކު އެޗްވަންއެންވަން އަށް ބައެއް މީހުން ޕޮޒިޓިވްވި ނަމަވެސް ބިރުގަންނަންވީ ހާލަތަކަށް ނުދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


ރާއްޖޭގައި ސްވައިން ފްލޫ ފެތުރޭތީ ރައްޔިތުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، އައިޖީއެމްއެޗާއި އޭޑީކޭގެ ޑޮކްޓަރުންނާ އެކު އެޗްޕީއޭ އިން ބޭއްވި ނިއުސް ކޮންފަރެންސްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ސްކޫލްތައް ބަންދުކޮށް، ތަންތަނަށް ފުރުން މަނާކޮށް، އިމަޖެންސީ އިއުލާންކުރާ ހާލަތަކަށް ނުދާ ކަމަށެވެ. މިހާރު އޮތް ހާލަތަކީ، "ވަރަށް ކަންބޮޑުވާން ޖެހޭ ހާލަތަކަށް ބެލުން ރަނގަޅު ނޫން ކަމަށާއި އެޗްވަންއެންވަން އަކީ މިހާރު ނުރައްކާތެރި ބައްޔެއް ނޫން ކަމަށް" ވެސް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، އިންފުލުއެންޒާ އަށް ޓެސްޓުކުރުމުގެ ނިޒާމް 2015 ވަނަ އަހަރު ރާއްޖޭގައި ގާއިމްކޮށް 2016 ގެ ނިޔަލަށް އެޗްވަންއެންވަން އަށް 475 މީހުން ޓެސްޓުކުރި އެވެ. ދެ އަހަރުގެ ތެރޭގައި އެޗްވަންއެންވަން އަށް ޕޮޒިޓިވްވީ 16 މީހުން ނަމަވެސް މި އަހަރުގެ މިހާތަނަށް 208 މީހަކު ޓެސްޓުކުރިއިރު 27 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެތަނުން ބުންޏެވެ.

"ކުރީ އަހަރުތަކަށް ވުރެ ރޭޓު ގިނަ ކަން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ،" ނިޔާފް ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ އެޗްވަންއެންވަން އަށް ވަކި ހާއްސަ ފަރުވާއެއް ވެސް ދޭން ނުޖެހޭ ކަމަށެވެ. ބައެއް މީހުންގެ ގައިން އަލާމާތްތައް ފެނި، އެ މީހުންގެ ޓެސްޓުތައް ހަދަން ނަގާ މުއްދަތުގައި ވެސް ބޭސްދީގެން ރަނގަޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މި ފެންނަނީ މުޅިން އާ ބާވަތެއްގެ ބައްޔެއް ނޫން، މި ފެންނަނީ ފެތުރެމުންދާ ބައްޔަކަށް ވި ނަމަވެސް ގިނައީ ނުރައްކާތެރި މަރުހަލާގައި ތިބި މީހުން ނޫން. އާއްމުކޮށް ފެތުރިގެންދާއިރު ވެސް އާދައިގެ ފަރުވާތަކަކުން ރަނގަޅުވެގެން ދޭ. ހާއްސަ ފަރުވާ ދޭން ޖެހޭ ކުދިންނަށް ނުވަތަ މީހުންނަށް އެ ފަރުވާ ދެވޭނެ ގާބިލްކަން ވެސް އަޅުގަނޑުމެންގެ އެބަހުރި،" ނިޔާފް ވިދާޅުވި އެވެ.

ހުމާއި ރޯގާއާ ގުޅޭގޮތުން އައިޖީއެމްއެޗުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗާއި އޭޑީކޭގެ ޑޮކްޓަރުންގެ އިތުރުން އެޗްޕީއޭގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހުން އަންނަ ކޮންމެ މީހަކު އިންފުލުއެންޒާ އަށް ޓެސްޓުކުރާކަށް ނުޖެހޭނެ އެވެ. އެ ޓެސްޓު ހަދާނީ، ނުރައްކާތެރި ހާލަތަކަށް ބަލި މީހާ ގޮސްދާނެ ކަމަށް ފެންނަ އަލާމާތްތަކާ އެކު ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި އެ ޓެސްޓަށް ޕޮޒިޓިވް ވިއަސް ވަކި ހާއްސަ ބޭހެއް ދޭން ނުޖެހޭ ކަމަށެވެ.

"އިންފުލުއެންޒާ އަށް ޕޮޒިޓިވްވެ ނުރައްކާތެރި ހާލަތަށް ގޮސްދާނެ ކަމުގެ އަލާމާތްތައް ފެންނަން ހުރި ނަމަ އެކަނި، ހާއްސަ ބޭހެއް ދޭން ޖެހޭނީ،" ނިޔާފް ވިދާޅުވި އެވެ.

އެޗްވަންއެންވަން އަކީ މާބޮޑު ނުރައްކަލެއްގެ ގޮތުގައި ވިސްނައި، އެންމެން ހޮސްޕިޓަލަށް ޖަމާވެއްޖެ ނަމަ، ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވެ، ފަރުވާ ކޮންމެހެން ދޭން ޖެހޭ މީހުންނަށް އަޅާނުލެވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ ސްކޫލްތައް ބަންދުކުރުމާ ގުޅޭގޮތުން ކަމާއިދާރާގުޅޭތަކުން މަޝްވަރާކޮށްފައިވީ ނަމަވެސް އެކަން ކުރަން އަދި ނުފެންނަ ކަމަށެވެ. އެއީ، ސްކޫލްތައް ބަންދުކޮށްގެން އެކަނި ބަލިފެތުރުން ނުހުއްޓޭނެތީ ކަމަށާއި ދަރިފުޅު ބަލިވެއްޖެ ނަމަ އެންމެ ރައްކާތެރި ގޮތަކީ ދަރިފުޅު ސްކޫލަށް ނުފޮނުވުން ކަން ބެލެނިވެރިންނަށް އެނގެން މުހިއްމު ކަމަށް އެއަށްވުރެ މުހިއްމު ކަމަށް ވިދާޅުވި އެވެ.

ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަންކަން:

- އަރިދަފުސްރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގަ އާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން.

- ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން.

- ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން،

- ރޯގާޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެ ކުދިން އުރައި ނުހެދުން.

- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލްނުކުރުން.

ހުން އަދި އަރިދަފުސްރޯގާ ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ފަރުވާ

- ގިނައން ދިޔާތަކެތި ބޭނުންކުރުން، އަރާމުކުރުން، ހުން ގަދަ ނަމަ ގައިގައި ފެން ހޭކުން، ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން. ބަލީގައި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު ނިޔާޝާ އިބްރާހިމް ވިދާޅުވީ ރާއްޖޭގައި މި ފެތުރެނީ ބާޑް ފްލޫ ނުވަތަ ސްވައިން ފްލޫއޭ ކިޔަސް އެޗްވަންއެންވަން އަކީ ބާޑް ފްލޫއެއް ނޫން ކަމަށެވެ. ބާޑް ފްލޫއަކީ އެޗްފައިވް ކަމަށާއި މި ފެތުރެނީ އެ ވައްތަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލޫ ކްލިނިކްތަކާއި ޓާސްކްފޯހެއް އެކުލަވާލައި ރައްޔިތުންނަށް މައުލޫމާތު މައުލޫމާތު ދިނުން ފަދަ ކަންކަން ކުރިއަށް ގެންދަނީ، ނިޔާޝާ ވިދާޅުވި ގޮތުގައި، މިހާރު އޮތް ހާލަތުން، ވެސް ކަމާބެހޭ އިދާރާތައް ސީރިއަސްވެ، ރައްކާތެރިވުމުގެ ފޔަވަޅު އަޅާތީ އެވެ.