ފަސްޓް ލޭޑީގެ އޮފީހުން ބޭސް ބަހަނީ އެސްޓީއޯއިން ގަނެގެން: ރިފާއު

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައްސަވާ ބޭހަކީ އެސްޓީއޯގެ ބޭސް ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެއީ ބައްލަވައިގެންފައި ހުރި ބޭސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.


ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 އާ ގުޅިގެން ފަސްޓް ލޭޑީގެ ފަރާތްޕުޅުން ދަނީ ބޭހާއި މާސްކް ފަދަ ތަކެތި ހިލޭ ބައްސަވަމުންނެވެ.

ރިފާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެސްޓީއޯ އަކީ ބޭސް އެތެރެކުރާ ފަރާތް ކަމަށާއި ފަސްޓް ލޭޑީގެ އޮފީހުން އެ ބޭސް ބަހަނީ ގަނެގެން ކަމަށެވެ. އެކަމަކީ ފަސްޓް ލޭޑީއަށް ޝުކުރު ހައްގު ކަމެއް ކަމަށް އެ ޓްވީޓްގައި ރިފާއު ވިދާޅުވެފައިވެ އެވެ. ރިފާއު ވަނީ އެސްޓީއޯއިން ބޭސް ގަނެ، ފައިސާ ދައްކާފައިވާ ކަމުގެ އިންވޮއިސް ޓްވީޓް ކުރައްވައިފަ އެވެ. އެ އިންވޮއިސްގައި އޮތް ގޮތުން ފައިސާ ދައްކާފައި ވަނީ މިއަދު އެވެ. ޕެނަޑޯލް ސިރަޕާއި ޕެނަޑޯލް ގުޅަ ގަތުމަށް 61،788ރ. ދައްކާފައިވެ އެވެ. އެއީ 1284 ފުޅި ބޭހާއި 50،400 ގުޅަ ބޭހަށް ދައްކާފައިވާ އަދަދެވެ.

ފަސްޓް ލޭޑީގެ އޮފީހުން ދަނީ ބޭހާއި މާސްކުގެ އިތުރުން ބައްޔަށް ހޭލުންތެރިކުރާ ލީފްލެޓް ވެސް ބަހަން ތައްޔާރުވަމުންނެވެ. އެ މަސައްކަތުގައި މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ފަސްޓްލޭޓީގެ އޮފީހުން ބޭސް ބެހުމަށް އެސްޓީއޯ އިން ބޭސް ގަތް އިންވޮއިސް.

މީގެކުރިން ވެސް ފަސްޓް ލޭޑީގެ ފަރާތްޕުޅުން ވަނީ އިޖްތިމާއީ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދެއްްވައިފަ އެވެ. މި އަހަރުގެ ދިރާސީ އަހަރު ފެށުމާ ދިމާކޮށް ސްކޫލް ދަބަސް ފަދަ ތަކެތި ހިލޭ ބަހާފައިވާއިރު ރޯދަ މަހާ ދިމާކޮށް، ކަދުރު ވެސް ބެއްސެވި އެވެ. އަދި ސްކޫލް ބަންދު ތެރޭގައި ޚިތާނީ ކޭމްޕެއް ވެސް ބޭއްވެވި އެވެ.

ރޯގާ ފެތުރޭތީ ބޭހާއި މާސްކް ބެހުމަށް އެކި ރަށްރަށް ފޮނުވަން ތައްޔާރުކުރުމުގެ މަސައްކަތުގައި މެންބަރުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ޓްވިޓާ ފޮޓޯ: އަހްމަދު މުބީން

މިހާރު ފެތުރެމުންދާ އެޗް1އެން1 އަށް 114 މީހަކު ޕޮޒިޓިވް ވެފައިވާއިރު ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައް ބަންދުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފަ އެވެ.