އެއް ދުވަހުގެ ރަސްމީ ދަތުރުފުޅާ އެކު ފަސް ދުވަހުގެ ޗުއްޓީ އަކަށް ރާއްޖެ ވަޑައިގަތުމަށް ނިންމެވި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ރާއްޖެ އަށް ގެނައި ގިނަ އަދަދެއްގެ ސާމާނު އަނބުރާ ސައޫދީ އަރަބިއްޔާ އަށް ގެންދަން ފަށައިފި އެވެ.
އޭޝިއާގެ ފަސް ގައުމަކަށް ފެއްޓެވި ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮތުގައި އިއްޔެ ދިވެހިރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް ފަހުވަގުތު އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ. އެއީ، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫއާ ހެދި ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ރަސްގެފާނުގެ ޗުއްޓީ އަށް މާލެ އަތޮޅުގެ ތިން ރިސޯޓެއް 10 ދުވަހަށް ބުކްކޮށްފައިވާއިރު، އެމަނިކުފާނު ހުންނެވުމަށް ނިންމެވީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ. އެ ރިސޯޓުގެ އިތުރުން ރަސްގެފާނުގެ ޗުއްޓީ އަށް ކޮކޯ ޕާމް ބޮޑުހިތި އާއި ޝެރަޓަން މޯލްޑިވްސް ފުލް މޫން ވެސް ބުކްކުރި އެވެ.
ފަސް ދުވަހުގެ ޗުއްޓީ އަށް ހާއްސަކޮށް، ސައުދީ އަރަބިއްޔާގެ ޗާޓަރު ފްލައިޓުތަކުގައި ރާއްޖެ އަށް އެތެރެކުރި ވަރަށް ގިނަ އަދަދެއްގެ ސާމާނު ކޮންޓެއިނާތަކުގައި ރިސޯޓުތަކަށް ގެންދިޔަ އެވެ. އޭގެތެރޭގައި އެމަނިކުފާނު ހުންނަވާ ކޮޓަރިކޮޅަށް ބޭނުންވާ ފަރުނީޗަރާއި ކާބޯތަކެއްޗާއި ސިއްހީ ފަރުވާ އަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް ފަދަ ތަކެތި ހިމެނެ އެވެ.
ރަސްގެފާނަށް ހާއްސަކޮށްގެން ރީތި ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވެސް ހެދި އެވެ. އެކި ފަރުވާތަކަށް ބޭނުންވާ މެޝިނަރީޒްތައް ވެސް ސައުދީ އަރަބިއްޔާ އިން އެ ރިސޯޓަށް ގެންދިޔަ އެވެ.
"ހުރިހާ ސާމާނެއް މިހާރު ވަނީ ބަންދުކޮށް ނިންމާފައި، ބައެއް ތަކެތި ގެންގޮސްފި،" މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުންޏެވެ.
ރާއްޖެއާ އެކު ބާއްވަވަން ނިންމެވި ރަސްމީ ބައްދަލުވުންތަކަށް ހާއްސަކޮށްގެން މާލެ އަށް ވެސް ގިނަ އަދަދެއްގެ ސާމާނު ގެނަ އެވެ. އޭގެތެރޭގައި ރަސްގެފާނަށް ހާއްސަކޮށް ގެނައި ދެ ކާރުކޮޅު ހިމެނެ އެވެ. އޭގެއިތުރުން، ރަސްގެފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަކޮށް، ދެ ހެލިކޮޕްޓަރު ޖެއްސޭ މަނަވަރަކާއި އެމަނިކުފާނުގެ ޔޮޓްކޮޅު ވެސް ރާއްޖެ އައެވެ.
ސްވައިން ފްލޫއާ ހެދި ރާއްޖޭގެ ދަތުރުފުޅު ފަސްކުރައްވާފައިވާއިރު، ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވަނީ ވިދާޅުވެފަ އެވެ.
ރަސްގެފާނުގެ ދަތުރުފުޅުގައި މެލޭޝިއާ، އިންޑޮނީޝިއާ، ޖަޕާން އަދި ޗައިނާއަށް ވަނީ ވަޑައިގެންފަ އެވެ. ރާއްޖޭގެ ދަތުރުފުޅު ކެންސަލްކުރައްވައި އެމަނިކުފާނު އިއްޔެ ވަނީ އެނބުރި ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފަ އެވެ.
ވިޔަފާރި އާއި އިގްތިސާދާއި އަސްކަރީ ގުޅުންތައް ބަދަހިކުރެއްވުމުގެ ދަތުރުފުޅެއްގެ ގޮތުގައި ބެލެވެނު ދަތުރުފުޅުގައި ސައޫދީ އާއި ޗައިނާއާ ދެމެދު 65 ބިލިއަން ޑޮލަރުގެ އެއްބަސްވުންތައް ގާއިމުކޮށްފައިވެ އެވެ. މެލޭޝިއާއާ އެކު ދެ ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި އެވެ. އަދި މެލޭޝިއާގައި ހިންގުމަށް ހަަމަޖެހިފައިވާ ތެލުގެ ވިޔަފާރީގެ ޕްރޮޖެކްޓެއްގެ 50 ޕަސެންޓް ހިއްސާ ސައޫދީގެ ތެޔޮ ކުންފުނި އަރަމްކޯއިން ހަތް ބިލިއަން ޑޮލަރަށް ގަތުމަށް ވަނީ އެއްބަސްވެފަ އެވެ.