ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު މިއަދު ފަސް ކުރައްވައިފި އެވެ.


ރައީސް އޮފީހުގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ދެންމެ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށެވެ.

"މި ދަތުރުފުޅު ފަހުގެ ތާރީޚަަކަށް ހަމަޖެހުމުން އެ ތާރީޚު ވެސް އިއުލާން ކުރާނެ ވާހަކަ އެންމެހައި ބޭފުޅުންނަށް ދަންނަވަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ސަލްމާން ރަސްގެފާނު މާދަމާ ރާއްޖެ ވަޑައިގަންނަވާތީ ވަރަށް ގިނަ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ. އެމަނިކުފާނު މާލެ ވަޑައިގަންނަވާތީ، މާލޭ ރަސްމީ ފާލަން ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، އަދި މީގެ ތިން ދުވަސްކުރިން ފެށިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވެސް ވަނީ ބަލަހައްޓަން ފަށައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނާއި ވަފުދު ތިއްބެވުމަށް ދެ ރިސޯޓް ހަމަޖައްސައި އެ ބޭފުޅުންނަށް ބޭނުންވާ ވަރަށް ގިނަ މުދާ ވެސް ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވިއިރު، ސައޫދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަޔަކާ އެކު ދެއްކެވި ވާހަކައެއްގެ އޯޑިއޯއެއް ވެސް ވަނީ ރޭގައި ލީކްކޮށްލައިފަ އެވެ. މިއީ ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރަކު މިހާ ތަފުސީލުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު ކަމަށް ވެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފ. އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި އެ އަތޮޅުގައި ސައޫދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ.

ރަސްގެފާނު ރާއްޖެ އަށް ވަޑައިގަތުމަށް ނިންމެވީ، މީގެ ތިން ހަފުތާ ކުރިން ފެއްޓެވި އޭޝިޔާގެ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރަސްގެފާނު މިހާރު ވަނީ މެލޭޝިޔާ، އިންޑޮނީޝިއާ އަށް ޖަޕާން އަދި ޗައިނާ އަށް ވެސް ވަޑައިގެންފަ އެވެ.