އެހެން ބަލިތަކުގެ މީހުންނަށް ވެސް އިންފްލުއެންޒާ ވެކްސިން ޖަހައިދެނީ

ހުމުގެ ރޯގާ ޖެހޭ މީހުންނަށް ހާއްސަ އިންފްލުއެންޒާ ވެކްސިން އިތުރު ފަރާތްތަކަށް ވެސް ޖަހައިދޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހަމަޖައްސައިފި އެވެ.


އެ އިދާރާ އިން ކުރިން ހަމަޖައްސާފައި އޮތީ މާބަނޑުމީހުންނަށް އެކަނި އެ ވެކްސިން ޖަހައިދޭ ގޮތަށެވެ.

ނަމަވެސް އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އިންފްލުއެންޒާ ވެކްސިން އިތުރު ފަރާތްތަކަށް ވެސް މިހާރު ޖަހައިދޭނެ އެވެ.

އެ ވެކްސިން ޖަހައިދޭން މިހާރު ނިންމާފައި ވަނީ މާބަނޑުމީހުންނާއި އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލިސިސް ހަދަމުންދާ މީހުން އަދި އުމުރުން 65 އަހަރުގެ މީހުންނަށެވެ.

އެޗްޕީއޭ އިން ވަނީ މާލެ އާއި ރަށްރަށުގައި ވެކްސިން ޖަހައިދޭނެ ހާއްސަ ތަންތަން ވެސް ކަނޑައަޅައިފަ އެވެ.

ރަށްރަށުން ވެކްސިން ޖަހައިދެނީ މައިގަނޑު ގޮތެއްގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުންނެވެ. ނަމަވެސް މާލޭގައި ވެކްސިން ޖަހައިދޭނެ ހާއްސަ ތަންތަން އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ. އެއީ:

1- މާބަނޑު މީހުންނަށް (އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް)

2- އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)

3- ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)

4- ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)

5- ޑައިލިސިސް ހަދާ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)

6- އުމުރުން 65 އަހަރުން މަތީގެ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)

ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑާއި ޑޮކްޓަރުގެ ލިޔުން އަދި މާބަނޑު މީހެއް ނަމަ، އެ މީހުންނަށް ހާއްސަ ކާޑު ގެންދިއުމަށް އެޗްޕީއޭ އިން އެދެ އެވެ.