ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމުގެ ވޯޓާ ގުޅިގެން، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންނަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު ވަރުގަދަ އިންޒާރެއް ދެންމެ ދެއްވައިފި އެވެ.
"ހޫނު ފެނުގައި އަތްލާން ބޭނުމިއްޔާ [މަސީހު ވަކިކުރަން] ވޯޓުލާންވީ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ. ބޭރުން ވެސް އައިސް ވެސް މި ވޯޓުގައި އަތްލާނީ، ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ،" ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގައި އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.
އިލްހާމް ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިޔަ ނުދެއްވާނެ އެވެ.
"ކުޅަދާނަކަމެއް ނޫން ނޯ ކޮންފިޑެންސް ވޯޓު ނަގަން. މުޅި އުމުރު ދުވަހު އުޅުނަސް ނުނެގޭނެ. ގެއަށް ވަޑައިގަންނަވާ. އެ ނޫން ގޮތެއް ނެތް" އިލްހާމް ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ އަށް އިޝާރާތްކުރައްވައި އިލްހާމް ވިދާޅުވީ މި ވޯޓާ ދިމާކޮށް، އޯޑިއޯތައް ވެސް ލީކުކުރަމުންދާ ކަމާށާއި މޭޒުމަތީގައި ދައްކާ ވާހަކަތައް އާއްމު ކުރަނީ އަގު ވައްޓާލަން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭ 1، 2015 ގައި ވެސް ބޮޑު މުޒާހަރާއެއްކޮށް އިދިކޮޅު ފަރާތްތަކުން މި ސަރުކާރު ވައްޓާލަން ކަލްކިއުލޭޝަން ހެދި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ ދުވަހު ވެސް ހިސާބު ހެއްދެވީ ގޯސްކޮށް ކަމަށް ވިދާޅުވި އެވެ.
"ގޯސްކޮށް ކަލްކިއުލޭޝަން ހަދަނީ އިނގޭތޯ. މި ވެރިކަމެއް ނުވެއްޓޭނެ" އިލްހާމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ސަރުކާރާ ތޮޅެން ކަމަށާއި އެކަމެއް ނުވާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ހަދާ ކަލްކިއުލޭޝަންތައް ފެއިލްވަނީ، ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ހިސާބުތައް ހައްދަވަން ފަހުގެ ތާރީހެއްގައި ރާއްޖެ ދެކެފައި ނުވާވަރުގެ ކުޅަދާނަ ބޭފުޅަކަށްވާތީ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަނީ ކެރިވަޑައިގެން ހުންނަވަ އެވެ. މިސާލަކީ ކާޑޫގެ އަގު ބޮޑުކުރުން ކަމަށާއި އެއްވެސް ރައްޔިތަކު މިހާރު ކާޑުގެ އަގުބޮޑުވެގެން ނޫޅޭ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކާޑޫގެ އަގު ހަގީގަތުގައި ބޮޑެއް ނުވެ އެވެ. އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.