ސްކޫލަށް މިއަދު ދިޔަ ދަރިވަރުންގެ އަދަދު އަދި މާ މަދު!

ސްވައިން ފްލޫ ކޮންޓްރޯލް ނުވެ ފެތުރެމުން ދަނިކޮށް، ކިޔެވުން ފަށާފައިވީ ނަމަވެސް މިއަދު ހާޒިރުވި ދަރިވަރުންގެ އަދަދު އިއްޔެ އަށް ވުރެ ވެސް މާ މަދު ކަަމަށް ސްކޫލްތަކުން ބުނެފި އެވެ. ސްކޫލްތަކުން ވާހަކަ ދެއްކި ޓީޗަރުން ބުނީ ގިނަ ކްލާސްތަކަށް އެންމެ ދަރިވަރަކު ވެސް ހާޒިރުނުވާ ކަމަށެވެ. އަނެއް ބައި ކްލާސްތަކުގައި ތިބީ 5-10 ކުދިން ކަމަށް ވެސް ބައެއް ޓީޗަރުން ބުންޏެވެ.


"ގިނަ ކްލާސްތައް ހުރީ ހުހަށް، ކިޔަވައިދެވޭ އަދަދަށް ވެސް ދަރިވަރުން ހާޒިރެއް ނުވޭ،" މާލޭގެ ބޮޑު ސްކޫލެއްގެ ޓީޗަރަކު ބުންޏެވެ.

ބައެއް ސްކޫލްތަކަށް އިއްޔެ ވިހި ޕަސެންޓް ދަރިވަރުން ވެސް ހާޒިރު ނުވެ އެވެ. ސުވައިން ފުލޫގެ ބިރުގައި ދަރިވަރުން ސްކޫލަށް ނުފޮނުވި ނަމަވެސް ސްކޫލްތައް ހުޅުވާ މައްސަލާގައި އެޑިއުކޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.

ސްކޫލްތައް ހުޅުވުމާ ދެކޮޅަށް ވާހަކަ ދެއްކި ބެލެނިވެރިން ދެކޭ ގޮތުގައި ސްވައިން ފްލޫ ބާރު ސްޕީޑުގައި އިތުރުވަމުން ދަނިކޮށް، ސްކޫލްތައް ހުޅުވުމަކީ "ސަރުކާރުގެ ސިޔާސީ ނިންމުމެކެ"ވެ. އެއީ، މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މަސީހުގެ ވޯޓަށް "ސިޔާސީ މަގްސަދެއް ހާސިލްކުރަން" ކަމަށް ވެސް ބައެއް ބެލެނިވެރިން ދެކެ އެވެ.

ސްކޫލަތައް ހުޅުވިއިރު ދަރިވަރުންގެ ސިއްހަތާ މެދު ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަން ދީފައިނުވާ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން ސްވައިން ފްލޫ ފެތުރޭ މިންވަރު އަދިވެސް ދަނީ މައްޗަށެވެ.

އެޗްވަންއެންވަންގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 185 މީހަކު ވަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 31 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މި ހިސާބުތައް މިހެން ހުރި ނަމަވެސް އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ ހާލަތު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ.