މިއަހަރުގެ ރޯދަ މަހާއި ޕީކް ސީޒަނަށް ތައްޔާރުވާން ސްޓެލްކޯއިން ރަށްރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރަން އަލަށް ގެނައި ޖަނަރޭޓަރު ސެޓްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މިމަހު 14 ވަނަ ދުވަހު އެވެ.
އެ ކުންފުނިން ބުނީ އޭގެ ސަބަބުން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވާން ކުރި މަސައްކަތް
- ވ. ތިނަދޫ އިންޖީނުގެއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް، މިހާރު ވަނީ ހިދުމަތް ދޭން ފަށާފައި. އެ ޖަނަރޭޓަރާއެކު ތިނަދޫ ޖަނަރޭޝަން ކެޕޭސިޓީ 1،539 ކިލޯވޮޓަށް ވަނީ އިތުރުވެފައި.
- އއ. މަތިވެރިއަށް 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރުސެޓެއް ގެންގޮސް މިހާރު ދަނީ ބޭނުން ކުރަމުން. އާ ޖަނަރޭޓަރު ސެޓާއެކު މަތިވެރީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 1،650 ކިލޯވޮޓަށް ވަނީ އިތުރުވެފައި.
- އއ. އުކުޅަހަށް 1،000 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސް، މިހާރު ދަނީ ބޭނުން ކުރަމުން. އަދި އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2،564 ކިލޯވޮޓަށް އިތުރުވެފައި.
- އއ. ތޮއްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް، ޕީކް ސީޒަނަށް ތައްޔާރުވުމަށް 1،000 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައި. އެއާއެކު ތޮއްޑޫގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 3،592 ކިލޯވޮޓަށް އިތުރުވެފައި.
- މާލެ ސަރަހައްދުގައި އިތުރު 15 ޖެންސެޓް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށާފައި.
- ކ. ގުރައިދޫގައި 1،000 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓު ބަހައްޓައި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައި. އާ ޖަނަރޭޓަރު ސެޓާއެކު ގުރައިދޫގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2،960 ކިލޯވޮޓަށް އިތުރުވެފައި.
- ވިލިމާލޭގައި އިތުރު 1،200 ކިލޯވޮޓްގެ ޖެންސެޓެއް ބަހައްޓައި ބޭނުންކުރަން ފަށާފައި.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ސަބަބުން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާއި އިރުވައި މޫސުން ފެށޭ ދުވަސްވަރަކީ އާއްމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެކެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.