ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތް ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް މި މަހުގެ 18 ވަނަ ދުވަހު ފަށާއިރު، އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.
އެ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހެ އެވެ. އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރަން ވާނެ ސާކިއުލާގައި އަންގާފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން އިނާޔަތުގެ ގޮތުގައި 3،000ރ. ދޭން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވާ އިތުރު ކަންކަން
- މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ފައިސާ ދޭއިރު، އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ހަމައެކަނި އެ އިނާޔަތް ދިނުން.
- ރޯދަމަސް ފެށޭއިރު އެ އޮފީހަކަށް ހިދުމަތް ނުލިބޭ ގޮތަށް، ޕޭ ލީވް (ސްކޮލަޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވް މުވައްޒަފުން، އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުން.
- އެފަދަ ލީވެއްގައި ހުރި މުވައްޒަފަކު ރޯދަމަސް ތެރޭގައި ވަޒީފާ އަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް ރޯދަ އިނާޔަތުގެ ފައިސާ ދިނުން.