ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަ ކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޕޭ ކޮމިޝަނުން މިރޭ ބުނެފި އެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަ ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.
އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް އާ އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 ޕަސެންޓު މުއައްސަސާ ވަނީ އެ އޮނިގަނޑުގެ ދަށަށް ބަދަލުކޮށްފަ އެވެ.
ޕޭ ކޮމިޝަނުން މިރޭ ބުނީ، އާ އޮނިގަނޑަށް ހިޖުރަ ކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.
މިގޮތުން، އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް، އެ ކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ބުންޏެވެ.
އަދި ބާކީ ހުރި މުއައްސަސާތައް މުސާރައިގެ އާ އޮނިގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި، ވާން ޖެހޭ ފަންނީ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަސާސީ މުސާރައަށް ގެނައި ބަދަލުތަކުން ސިވިލް ސާވެންޓުންނަށް 15-150 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް، ޕޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އާ ފްރޭމްވޯކު އެކުލަވައިލިއިރު ބަލާފައިވާ މެޓްރިކްސްތަކުގެ ސަބަބުން ލިބޭ މުސާރަ އާއި އިނާޔަތްތައް ކުޑަވާކަމަށް ބުނެ ބައެއް އިދާރާތަކުގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.