މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.
ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރޯދަމަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނީ މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެ އާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާތީ އާއި ބައެއް އިސްލާމީ ގައުމުތަކަށް މި އަހަރުގެ ރޯދަ މަހުގެ ހަނދުނު ފެނުނު ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.
އެހެންވެ، ހަނދު ސާބިތުކުރުމުގައި ރާއްޖެ އިން އަމަލުކުރާ އުސޫލުގެ ދަށުން މާދަމާއަކީ މުލަ ރޯދަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށް ގަރާރުގައި ބުންޏެެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު ބައެއް ގައުމުތަކުގައި މިހާރު ވެސް ވަނީ ރޯދަމަސް ފެށޭނީ 19 ވަނަ ދުވަހު ކަމަށް ބުނެފަ އެވެ.
ރާއްޖެއަށް ބަލާއިރު މާލެއަށް މިއަދު އިރު އޮއްސުނުއިރު ހަނދު ފެންމައްޗަކު ނެތެވެ. އެކަމަކު ރާއްޖޭގެ އެންމެ ދެކުނުން، އައްޑު އަށް އިރު އޮއްސޭއިރު މިނެޓަކަށް ވުރެ ކުޑަ އިރުކޮޅަކު ހަނދު ފެންމަތީ ހުއްޓެވެ.
އެހެންވެ ހަމަ ލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، ފަލަކީ ގޮތުން ބަލާއިރު ރާއްޖެއަށް ރަމަޟާން މަސް ވަނީ ފެށިފަ އެވެ. އަދި ސައޫދީ އަރަބިއްޔާއަށް ވެސް މިއަދު އިރު އޮއްސުނުއިރު ހަނދު ފެންމަތީގައި ހުރުމުން މާދަމާއަކީ އެ ގައުމުގައި ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.