މިސްކިތުގައި ނަމާދު ކުރާއިރު ޖަމާއަތް ބޮޑުވި ވަރަކަށް އިމާމު މީހާގެ ކިޔެވުން ކުރުކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޒުވާން ހަތީބުންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކޮންމެ މުސްލިމަކީ އިމާމަކަށް ވުމުގެ ގާބިލްކަން ހުރި މީހަކަށް ވާންޖެހޭ ކަމަށެވެ.
އެގޮތުން އިމާމުވެ ނަމާދު ކުރާއިރު، ޖަމާއަތުގެ މަސްލަހަތައް އިސްކަންދިނުން މުހިންމުކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ ގުރުއާން ރީތިކޮށް ކިޔެވިނަމަ ވެސް ޖަމާއަތް ބޮޑުވާ ވަރަކަށް ކުރުކޮށް ކިޔެވުމަކީ ސުންނަތުން ފެންނަން އޮތް ގޮތް ކަމަށެވެ.
ކިތަންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ނަމަވެސް ޖަމާއަތް ބޮޑުވި ވަރަކަށް އެ މީހެއްގެ ކިޔެވުން ނަމާދުގައި ކުރުކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިއްސާރަވުމާއި ހޫނު ގަދަވުން ފަދަ ކަންތައްތަކާއި ހާއްސަ ހާލަތްތައް މެދުވެރިވާ ވަގުތުތަކުގައި އިމާމުން އެހެން މީހުންގެ މަސްލަހަތަށް ބަލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ބައެއް ފަހަރު ޝަކުވާކުރާ އަޑު އިވޭ މިވެނި މީހަކު ނަމާދުގައި ވަރަށް ދިގުކޮންނޭ، ކިޔަވަނީ ނަމާދުގެ މަސްލަހަތަށް ވަަރަށްބޮޑަށް ވިސްނަން ޖެހޭނެ. ޖަމާއަތުގައި ތިބޭނެ ބަލި މީހުން، ކޮއްޅަށް އެހާ ގިނައިރު ނުތިބެވޭ މީހުން، ދަތުރުވެރިން، އެކިއެކި އުޒުރުތަކުގެ އަހުލުވެރިން،" މިނިސްޓަރު ވިދާޅުވި އެވެ.
"ނަމާދަށް ޖަމާއަތަށް މި އަންނަނީ ލޯބިން ޖަމާއަތުގައި ބައިވެރިވުމުގެ ސަވާބު ހޯދުމަށްޓަކައި، 27 ގުނަ ސަވާބު ހޯދުމަށް މި އަންނަނީ. ނަމާދުކޮށް ނިމިގެން އެ މީހާ ގެއަށް ދާއިރު މި އޮންނަނީ އެ މީހާ ވަަރަށް ބޮޑަށް ވަރުބަލިވެ ނޫނީ ގެއްލުން ވެފައި."
މިނިސްޓަރު ވަނީ މުޖުތަމައުގައި އުޅޭއިރު ނަމޫނާ ބަޔަކަށް ޒުވާން ހަތީބުން ވުމަށް ގޮވާލައްވައި، އިސްލާމް ދީނުގެ ކަންކަމުގައި އަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭ އިރުޝާދު ދެއްވައިފަ އެވެ.
އިސްލާމީ އުއްމަތުގެ ބައެއްގެ ގޮތުގައި ދިވެހިން ނުވަ ގަރުނު ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިއާރު ފާޅުކުރުމުގައި ދެމިއޮތުމުގެ ސަބަބުން ކަމަށާއި ހަތީބުން ބިނާކުރުމުގެ މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިއާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް، މިއަދު ފެށި ޒުވާން ހަތީބުންގެ މަހާސިންތާގައި 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވި އެވެ. އެ މަހާސިންތާގައި މައްކާގެ ހަރަމްފުޅުގެ އިމާމު ޑރ. ޔާސިރު އައްދައުސަރީ ބައިވެރިވެޑައިގަންނަވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.