މިހާތަނަށް އެންމެ ގިނައިން ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރު

ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނައިން ދަށު ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރު ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުގެ ހިސާބުތަކުން ދައްކައިފި އެވެ.


ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ނިސްބަތާއި މައްސަލަތައް ބަލައި ނިންމި މިންވަރު ހިމެނޭ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކުރިން ދުވަހަކު ކޯޓަށް މައްސަލަ ހުށަނާޅާހާ ގިނައިން މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން 20،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ކޯޓުތަކަށް ހުށަހަޅާފައި ވެ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން 2015 އަހަރު ކޯޓުތަކަށް ހުށަހަޅާފައިވަނީ 17،700 އަށް ވުރެ ގިނަ މައްސަލަ އެވެ.

އެހެން އަހަރުތަކާ އަޅާބަލާއިރު، ސުޕީރިއާ އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި މައްސަލަތައް ވެސް ވަނީ އިތުރުވެފަ އެވެ. ސުޕީރިއާ ކޯޓުތަކަށް 2015 ވަނަ އަހަރު 6،828 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 8278 ގަ އެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި މައްސަލައިގެ އަދަދު ވެސް 2015 ވަނަ އަހަރާ އަޅާބަލާއިރު މިިދިޔަ އަހަރު ވަނީ ނުވަ ޕަސެންޓަށް އިތުރުވެފަ އެވެ.

ހުށަހެޅި މައްސަލަތައް އިތުރުވި ފަދައިން އެންމެ ގިނައިން މައްސަލަތައް ނިންމާފައިވަނީ ވެސް މިދިޔަ އަހަރު އެވެ. އެގޮތުން ކުރީ އަހަރުތަކުގައި ހުށަހަޅާފައިވާ މައްސަލަތަކާއެކު މިދިޔަ އަހަރު 20،000 އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކުން ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. އެ ކޯޓަށް މިދިޔަ އަހަރު 2،732 މައްސަލަ ހުށަހެޅި އެވެ. އަދި 3،326 މައްސަލަ ނިންމާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ސިވިލް ކޯޓުގައި 2015 ގައި ނުނިމި އޮތް 1،243 މައްސަލަ އާއި 2016 ގައި ހުށަހެޅި 2،732 މައްސަލައިގެ ތެރެއިން 2016 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމި ބާކީ އޮތީ 649 މައްސަލަ އެވެ.

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 1،408 މައްސަލަ އެވެ. މިއީ 2015 ވަނަ އަހަރާ ބަލާއިރު 75 ޕަސެންޓް އިތުރުވުމެކެވެ. އެ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 806 މައްސަލަ އެވެ.

"ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތައް މިހާ ބޮޑުތަން އިތުރުވެފައިވާއިރު، ކްރިމިނަލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތް %61 މައްސަލަ އެ ކޯޓުން ނިންމާފައިވާކަން ފާހަގަކުރެވެ އެވެ،" ރިޕޯޓުގައި ވެ އެވެ.

މި އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގައި ނުނިމި އޮތީ 1،438 މައްސަލަ އެވެ. އެ ކޯޓުގައި 2015 ގައި ނުނިމި އޮތް 890 މައްސަލަ އާއި 2016 ގައި ހުށަހެޅި 1،408 މައްސަލައިގެ ތެރެއިން ޖުމްލަ 860 މައްސަލަ ނިންމި އެވެ. އެއީ 37 ޕަސެންޓެވެ.

ކްރިިމިނަލް ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވެސް 85 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އަދި ހުށަހެޅި މައްސަލައިގެ ނިސްބަތުން 67 ޕަސެންޓް މައްސަލަ ޖުވެނައިލް ކޯޓުން ނިންމި އެވެ.

ޖުވެނައިލް ކޯޓަށް 2015 ގައި 25 މައްސަލަ ހުށަހެޅި ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 46 އަށް އަރައިފަ އެވެ. އެ ކޯޓުގައި 2015 ވަނަ އަހަރު ނިމުނުއިރު ބާކީ އޮތީ ހަ މައްސަލަ އެވެ. އެ ހަ މައްސަލަ އާއި މިދިޔަ އަހަރު ޖުވެނައިލް ކޯޓަށް ހުށަހެޅި 46 މައްސަލައިގެ ތެރެއިން 31 މައްސަލަ އެ ކޯޓުން މިދިޔަ އަހަރު ނިންމި އެވެ. މިދިޔަ އަހަރު ނިމުނުއިރު، ޖުވެނައިލް ކޯޓުގައި ބާކީ އޮތީ 21 މައްސަލަ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 99 ޕަސެންޓް މައްސަލަ މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.

ފެމިލީ ކޯޓަށް މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 2،569 މައްސަލަ އެވެ. އަދި 2،562 މައްސަލަ ނިންމި އެވެ.

"2015 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގައި ނުނިމި އޮތް 557 މައްސަލަ އާއި 2016 ވަނަ އަހަރު ހުށަހެޅުނު 2569 މައްސަލައާ އެކު ޖުމްލަ 3124 މައްސަލައިގެ ތެރެއިން %89 މައްސަލަ (2562 މައްސަލަ) އެ ކޯޓުން 2016 ވަނަ އަހަރު ނިންމާފައިވެ އެވެ. އަދި އަހަރު ނިމުނުއިރު ބާކީ އޮތީ 564 މައްސަލަ އެވެ،" ޖުޑީޝަލް ޑިޕާޓްމަންޓުގެ ރިޕޯޓުގައިވެ އެވެ.

ޑްރަގް ކޯޓުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ 67 ޕަސެންޓް އިތުރުވެފަ އެވެ. ޑްރަގް ކޯޓަށް ހުށަހެޅި މައްސަލައިގެ ނިސްބަތުން 84 މައްސަލަ ނިންމި އެވެ.

ޑްރަގް ކޯޓަށް 2015 ގައި ހުށަހެޅީ 912 މައްސަލަ ކަމުގައި ވިޔަސް 2016 ގައި އެ އަދަދު ވަނީ 1،523 އަށް އަރައިފަ އެވެ. އެއީ 2015 އާ އަޅާ ބަލާއިރު 67 ޕަސެންޓުގެ އިތުރުވުމެކެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ އައްޑޫގެ ކޯޓުތަކަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމާފައި ވަނީ ވެސް އައްޑޫގެ ކޯޓުތަކުންނެވެ.

ރިޕޯޓުގައިވާ ގޮތުން ދަށު ކޯޓުތަކުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަތަކުގެ ނިސްބަތް މިދިޔަ އަހަރު ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ.