އިދިކޮޅު ލީޑަރުންގެ ކަންބޮޑުވުންތައް އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރާ ހިއްސާކޮށްފި

އިދިކޮޅު ފަރާތްތައް ގުޅިގެން އިސްލާހީ މަސައްކަތްތައް ފެށުމާ އެކު، ސަރުކާރުން ކުރިމަތި ކުރަމުން އަންނަ ސިޔާސީ ގޮންޖެހުންތައް ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޮޑައާ މިއަދު ހިއްސާކޮށްފި އެވެ.


ޝޮކޯ ނޮޑާއާ އެކު ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ބައިވެރިވެވަޑައިގަތެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭ މައުލޫމާތު ޝޮކޯއާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރި ހުރަސްތަކާ ބެހޭ މައުލޫމާތު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާއި އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތް ހިންގަން ޖާގަ ނުލިބޭތީ އެކަން [ރެޒިޑެންޓް ކޯޑިނޭޓަރު] ސަމާލު ކަމަށް ގެނައީ. ކަންބޮޑުވުންތައް އަޑުއެއްސެވި،" ރިޔާޒް ވިދާޅުވި އެވެ.

އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފަށަން ސަރުކާރުން ގޮވާލާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވޭނީ ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ލީޑަރުންގެ މަންދޫބުންނަށް ތަމްސީލް ވެވޭ ގޮތަށް ސަރުކާރުން އެއްބަސްވުމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ދާނީ ސަރުކާރުގެ ނިޔަތް ރަނގަޅު ނަމަ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތައް އިންޑިއާ ސަރުކާރާ ހިއްސާކުރުމުގެ ގޮތުން ސިޔާސީ ބައެއް އިސް ވެރިން އިއްޔެ ވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުރައްވައިފަ އެވެ. އިދިކޮޅު ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތުތައް އެ ބައްދަލުވުމުގައި ހިއްސާ ކުރި އެވެ.

އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގާ ކަންކަމާ މެދު ކަންބޮޑުވާ ކަމަށް ބައެއް ގައުމުތަކުން ވަނީ ބުނެފަ އެވެ. އެކަމަކު ސަރުކާރުން ބުނަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން ސަރުކާރުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.