އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އިންޑިއާގެ ހައި ކޮމިޝަނަރަށް

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތައް އިންޑިއާ ސަރުކާރާ ހިއްސާކުރުމުގެ ގޮތުން ސިޔާސީ ބައެއް އިސް ވެރިން އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.


އިންޑިއަން ހައި ކޮމިޝަންގައި ބޭއްވި މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގެ އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތު، މިޝްރާއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެ ވާހަކަތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިއަން ހައި ކޮމިޝަނަރާ ބައްދަލުކުރެއްވީ އެއީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް އެހީތެރިވެދޭ ގައުމަކަށް ވާތީ އެވެ. އަދި ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިންޑިއާއާ މެދު ގާތްކޮށް ދެކޭ ކަމަށް ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އެ ބައްދަލުވުމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ހުރި ކަންބޮޑުވުންވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން މި ކުރާ އިސްލާހީ މަސައްކަތްތަކުގައި ހުރި އުނދަގޫތައް ވެސް ވާނީ ހިއްސާކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިދުވަސްވަރު އަނެއްކާވެސް ހަލަބޮލިވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި، ޝަރީއަތް ވަނީ ފަށައިފަ އެވެ. އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ގާސިމްގެ ގެކޮޅާއި އޭނާގެ ކުންފުނީގެ މައި އޮފީހަށް އިއްޔެ ފުލުހުން ވަދެ، ފާސްކޮށްފައިވެ އެވެ. އެކަމަކު ގާސިމްގެ މައްޗަށް ކުރާ ތުހުމަތާ ބެހޭ އެއްވެސް ހެއްކެއް އެއިން އެއްވެސް ތަނަކުން ފެނިފައިނުވާ ކަަމށް އޭނާ ވިދާޅުވި އެވެ.