ދަރިވަރުންގެ ތަރިކައިގެ ނަމުގައި މަހާސިންތާއެއް ބާއްވަނީ

ރާއްޖޭގެ ތާާރީޚާއި ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ތައުލީމީ ދާއިރާ އިން ކުރާނެ ކަންތައްތައް ކަނޑައެޅުމަށްޓައި ދަރިވަރުންގެ ވިސްނުން ދެނެގަތުމަށްޓަކައި "ދަރިވަރުންގެ ތަރިކަ" އިގެ ނަމުގައި މަހާސިންތާއެއް ބާއްވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅިވެއްޖެ އެވެ.


މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެ މަހާސިންތާ ބޭއްވުމުގެ މަސައްކަތްތައް މިހާރު ކުރަމުން ކަމަށެވެ.

ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އާއިޝަތު ޝިހާމް ނުދެއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަން ވެގެންދާނެ ގޮތުގެ 15 އަހަރު ދުވަހުގެ ތަސައްވުރެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިންނެވެ.

ގްރޭޑް 10 ނިންމައި އިތުރު ދެ އަހަރުގެ ތައުލީމާ އެކު، މަތީ ތައުލީމަށް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 80 ޕަސެންޓު އިތުރު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށް، ސްކޫލުތައް އިންޓަނެޓް ވިއުގައަކުން ގުޅާލައިގެން ފަސޭހަކަމާއި ކަރިކިއުލަމް ތަންފީޒުކޮށް، ވާޗުއަލް ކޮށް އުނގެނުމުގެ މާހައުލުތަކެއް ގާއިމް ކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ މީހުންނާ ގުޅިގެން ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި، ތަހުޒީބުކޮށް މީހުން ދިރިއުޅޭތަން ފެނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"އަދި ހަމަަމިއާ އެކު ރާއްޖޭގެ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ތަފާތު ސަގާފަތްތަކުގެ މީހުންނާ ގުޅިގެން ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި ތަހުޒީބުކޮށް މީހުން ދިރިއުޅެމުންދާ ތަން ފެނުމަކީ ނުހަނު ބޭނުންތެރި ކަމެއް،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.