ގާސިމް ހައްޔަރު ކުރުމަކީ ސިޔާސީ މަރުގެ ސެޓްފިކެޓްގައި ސޮއިކުރުން: އުމަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން އަމިއްލަ އަށް މަރުވުމުގެ ސެޓްފިކެޓްގައި ސޮއިކުރުން ފަދަ ކަމެއް ކަމަށް މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު މ. މާފަންނު ވިލާ އަށް ވަދެ، ގާސިމް ހައްޔަރުކޮށްފަ އެވެ. މިއީ ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ ހައްޔަރުކުރީ ޕްރޮސެކިއުޓަ ޖެނެރަލްގެ ބަހެއް ނެތި ކަމަށް ވާތީ، ހައި ކޯޓުން އޭނާ ދޫކޮށްލުމުން، މިފަހަރު ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޕީޖީ އައިޝަތު ބިޝާމް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ގާސިމް ހައްޔަރުކުރުމުން ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ގެންދަވަނީ އެކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރައްވަމުންނެވެ. އެގޮތުން އުމަރު ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން މިހާތަނަށް އެއްވެސް ވެރިޔަކު ދެވަނަ ފަހަރަށް ރައީސް ކަމަށް އިންތިޚާބުވެފައި ނުވާ ކަމަށެވެ. އެހެންވެ، މިއީ ސިޔާސީ ގޮތުން އަމިއްލަ މަރުގެ ސެޓްފިކެޓްގައި ސޮއިކުރުން ފަދަ ކަމެއް ކަމަށް، ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކުރައްވާ، އޭނާ ވިދާޅުވި އެވެ.

އުމަރު އެގޮތަށް ޓްވީޓްކުރެއްވި އިރު، 2008 ގެ ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އާއި 2013 ގެ އިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ގާސިމް ހައްޔަރުކުރި އެވެ.

ގާސިމް ހައްޔަރުކުރުމާ ގުޅިގެން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ. އަދި ގާނޫނާ ޚިލާފަށް ގާސިމް ހައްޔަރުކުރުމަކީ ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވި އެވެ.

ގާސިމްގެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި ރައީސް މައުމޫންއާ އެކު ބައިވެރިވެ، ސަރުކާރާ ދެކޮޅަށް މިހާރު މަސައްކަތްކުރަމުން އަންނަ އަދާލަތު ޕާޓީން ބުނީ ސިޔާސީ ވާދަވެރިންނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ގާސިމް ވަގުތުން ދޫކޮށްލަން ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި ގާސިމް ހައްޔަރުކޮށް، މުއްދަތު އިތުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ކުރިން ކަނޑައަޅާފައި އޮއްވާ އަނެއްކާވެސް އެ އަމަލް ހިންގި ފަރާތްތަކުން ލަދުވެތިވާން ޖެހޭނެ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސް ވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ. އެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އާދިއްތަދުވަހު އެވެ. އެންމެ ފަހުން ކުނޫޒުގައި އޮތް ޖަލްސާގައި ގާސިމް ވިދާޅުވީ ހައްޔަރުކުރިޔަސް ގައުމު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހުރި އެއްޗެއް ވިއްޔާ ނެގިދާނެ. ނަންގަވާ ނަންގަވާ. ހުސްވަންދެން ވެސް ނަންގަވާ. ހުންނާނީ ފެންނަ ގޮތަށް، ދިވެހި ރައްޔިތުންނަށް ފެންނަ ގޮތަށް. އަވަހަށް ނަންގަވާ، އަވަސް ކުރައްވާ. އެވަރުން ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާތޯ ބައްލަވާ އަޅުގަނޑު ޖަލަށް ނުގެންގޮސް،" ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"މަރާލައްވާ އިނގޭތޯ. މަނިކުފާނަށް ކުރެވިދާނެ. އޭކޭ 47 ގެނެސް މަގޭ ގަޔަށް ޖެހިދާނެ. މި އަޒުމެއް ނުގުޑާނެ."