ޔާމީން މަރާލީ އެތައް ފަހަރަކު އިންޒާރު ދިނުމަށްފަހު!

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު، އޮފީހުގެ މަސައްކަތުގައި ރޭ ވަރަށް ދަންވަންދެން އުޅުމަށް ފަހު ގެއަށް ދިޔައީ ހިނގާފަ އެވެ. މަސައްކަތް ނިންމާފައި ގެއަށް ދަނީ ކަމަށް އެންމެ ފަހުން އޭނާ މެސެޖުކުރީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އޭނާގެ ގާތް އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއާ ހަވާލާދީ ޔާމީންގެ ރައްޓެހިން ބުނިގޮތުގައި އެއީ ރޭ ދަންވަރު 2:34 ހާއިރެވެ.

އޭގެ ފަހުން ޔާމީންގެ އާއިލާ އާއި މުޅި ގައުމު ސިއްސުވާލީ، އަނިޔާވެރިކޮށް އޭނާ މަރާލި ހަބަރުންނެވެ. ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، ގައިގެ އެތަން މިތަނަށް ވަޅިހަރައި މަރާލާފައި އޮއްވާ ފެނުނީ، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރީގައި އޮއްވަ އެވެ.

"ކަރާއި މޭމައްޗާއި ބޮލަށް ވަޅިހަރައި ކަތިލާފައި އޮތީ. ގައިގެ 14 ތަނެއްގައި ޒަހަމްތައް ހުރި،" އައިޖީއެމްއެޗުގައި ހުރި ޔާމީންގެ ގާތް މީހަކު ބުންޏެވެ.

ޔާމީންގެ މަރާ ގުޅިގެން އައިޖީއެމްއެޗްގައި މީހުން އެއްވެފައި

މާފަންނު ބިސްބުރު ކައިރީގައި ހުންނަ ގޭގެ ދެ ވަނަ ބުރީގައި އާއިލާއާ އެކު ދިރިއުޅެމުން އަންނަ ޔާމީން މަރާލާއި، ލޭ ކޯރު ދެމިފައި އޮތް މަންޒަރު ފެނިގެން 2:59 ހާއިރު ފުލުހުންނަށް ރިޕޯޓްކުރީ، އިމާރާތުގައި ދިރިއުޅޭ މީހެކެވެ.

ޔާމީންގެ މަރުގެ ހަބަރާ އެކު، އައްޑޫން މާލެ އައި އޭނާގެ ބައްޕަ ހުސެއިން ރަޝީދު ރާއްޖެ ޓީވީ އަށް ބުނިގޮތުގައި، ޔާމީން ދިރިއުޅޭ ގޭގެ ސީސީޓީވީ ކެމެރާ އެހެން ފަރާތަކަށް އަނބުރާލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެހެންކަމުން، އާއިލާ އިން ލަފާކުރަނީ، ޔާމީނަށް ހަމަލާ ދިނީ ދުރާލައި ތައްޔާރުވެ، އޭނާ އަށް ފާރަލަމުން ގޮހެވެ.

"މިހާރު ގާތް ގަނޑަކަށް ދެތިން ހަފުތާ ވެއްޖެ، އޮފީހުގައި ވަރަށް ދަންވަންދެން މަސައްކަތް ކުރާތާ. އެއީ މި ހަފުތާގައި ނެރެން އުޅޭ އެޕްލިކޭޝަނެއް ނިންމަންވެގެން، ޔާމީނަކީ ވެސް ޕްރޮގްރާމާއެއް. ރޭ ވެސް އެންމެ ފަހުން އޮފީހުން ދިޔައީ ޔާމީން ކަމަށް ވަނީ،" ޔާމީން މަސައްކަތް ކުރާ ސްޓޮކް އެކްސްޗޭންޖުގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަރަށް މަޑުމައިތިރި، އެންމެންނާ ވެސް ގުޅޭ ޔާމީން އެ އޮފީހުގައި މަސައްކަތް ކުރާތާ ގާތް ގަނޑަކަށް ދޮޅު އަހަރު ވެއްޖެ އެވެ. މީގެ ކުރިން ޔާމީން މަސައްކަތް ކުރީ ދިރާގުގަ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ފައިމަގުގައި އާއްމުކޮށް އުޅޭ ޔާމީނަށް މަރުގެ އެތައް އިންޒާރެއް ލިބިފައިވެ އެވެ. އެހެންކަމުން އާއިލާ އާއި ރައްޓެހިންގެ އެދުމުގެ މަތިން ރޭގަނޑު މުޅިން ވެސް އޭނާ ދަތުރު ކުރަނީ ޓެކްސީގައި ކަމަށް ވެ އެވެ.

އެކަމަކު ބައެއް ރައްޓެހިން ބުނިގޮތުގައި، ރޭގަނޑު ހިނގާފައި އުޅޭތާ ގާތްގަނޑަކަށް މިހާރު ދެ ހަފުތާ ވެދާނެ އެވެ. އެ މީހުން ލަފާކުރަނީ، ރޭގަނޑު ހިނގާފައި އުޅެން ފެށީ، ޔާމީނަށް ދެމުން ދިޔަ އިންޒާރުތައް ތަންކޮޅެއް މަދުވުމުންކަމެވެ.

އިންޒާރުތަކާ ހެދި ފުލުހުންގެ ހިމާޔަތަށް އެދުނު

ވަރަށް ގިނަ ދުވަހު އިންޑިއާގައި ދިރިއުޅެ، ތައުލީމް ހާސިލްކޮށްފައިވާ ޔާމީން ގެންދަނީ "ދަ ޑެއިލީ ޕެނިކް" ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުންނެވެ. ރާއްޖޭގެ އެކި މައްސަލަތަކާ ބެހޭ ގޮތުން އޭގައި އޭނާ ލިއުނެވެ. ސަރުކާރުގެ ސިޔާސަތުތަކާއި އިޖުތިމާއީ މައްސަލަތަކާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ވެސް ފާޑުކިޔާފައިވެ އެވެ.

އާއިލާ އާއި ގާތް މީހުން ބުނިގޮތުގައި ވަރަށް މިނިވަން ހިޔާލުގެ، ޔާމީން ސޯޝަލް މީޑިއާގައި ލިޔާ ލިއުންތައް އެއް ބަޔަކަށް އެއްގޮތަކަށް ވެސް ހަޖަމެއް ނުވެ އެވެ. އޭނާގެ ލިއުމެއް ޝާއިއުކުރުމާ އެކު ފުލުފުލުގައި އިންޒާރުގެ މެސެޖްތައް ލިބޭ ކަމަށް އެމީހުން ބުނެ އެވެ.

ގެއްލިގެން ހޯދަމުން އަންނަ ރިލްވާން (ކ) އާއި ޔާމީން

ސަރުކާރަށް ފާޑުކިޔައި ލިޔާ ލިއުންތަކަށް އިޝާރާތްކޮށް، "އެމްޑީޕީ މީހުންނާއި ކަލޭ ވެސް މަރާލާނެ" ކަމަށް ޕްރައިވެޓް ނަމްބަރަކުން ތަކުރާރުކޮށް މެސެޖްތައް ލިބިފައިވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ޔާމީންގެ ގާތް މީހަކު ބުންޏެވެ.

"އެންމެ ފަހުން އިންޒާރު ދީފައި އޮތީ ފޭސްބުކް މެދުވެރިކޮށް. އެއީ ވެސް ބްލޮގުގައި ލިއުނު އާޓިކަލްއަކާ ގުޅިގެން. ފުލުހުންނަށް މި މައްސަލަތައް ލޮޖްކޮށްފައި ހުންނާނެ، ބަލައި ފިޔަވަޅު އަޅައިދޭން،" ޑިސެމްބަރު މަހު ފުލުހުންނަށް ޔާމީން ހުށަހެޅި މައްސަލައެއްގެ ލިއުން ދައްކަމުން އޭނާ ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ އިތުރުން މި އަހަރު ޖެނުއަރީ މަހު ވެސް ފުލުހުންގެ ހިމާޔަތަށް ޔާމީން އެދިފައިވާ ކަމަށް ވެ އެވެ. އޭނާ އަށް ދެމުން ދިޔަ އިންޒާރުތަކުގެ ސީރިއަސްކަމުން، އެ ހުރިހާ ތަފްސީލުތަކާ އެކު ވަކީލުންތަކެއް ލައްވައި ވެސް މައްސަލަ ޕޮލިހަށް ހުށަހަޅަން އޭނާ އޮތީ ލިއުމެއް ތައްޔާރުކޮށްފަ އެވެ. އެ ލިއުން ތައްޔާރުކޮށް ދިިނުމުގައި އެހީތެރިވީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުންތަކެއް ކަން ވެސް "މިހާރު" އަށް އެނގިފައިވެ އެވެ.

"އެކަމަކު އޭތި ރެޑީކޮށްފައި ޕޮލިހަށް އަދި ހުށަނޭޅި އޮތީ. ބްލޮގުގައި ލިޔާ ލިއުންތައް އެކަންޏެއް ނޫން، ރިލްވާން މައްސަލާގައި އިންސާފު ހޯދަން އޭނާ ކުރާ މަސައްކަތާ ހެދި ވެސް ވަރަށް އިންޒާރުތައް ލިބުނު. އޭނައާ ދިމާލަށް ބުނެފައި އެބަހުރި، ތިހެން އުޅެންޏާ ރިލްވާނަށް ހެދި ގޮތަށް ހަދާލާނަމޭ ވެސް،" ޔާމީންގެ ގާތް މީހާ ބުންޏެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ ޔާމީން ހުށަހެޅި މައްސަލަތަކާ ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެންމެ ފަހުން ހުށަހެޅި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ސުވާލުކޮށް ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން ރަޝީދު

"ފުލުހުން ކުރަމުން ދިޔަ މަސައްކަތްތައް ޔާމީނަށް އަޕްޑޭޓް ވެސް ދެމުން އައީ،" ޝިފާން ވިދާޅުވި އެވެ.

ޔާމީނަށް އިންޒާރު ދޭ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ސުވާލުކުރި މީހުން ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ.

އެ ގެއްލުވާލީ އަނެއް ދަރި، ކުށަކީ ހައްގު ބަސް ބުނުން!

ޔާމީނަކީ، މީގެ ދެ އަހަރު ކުރިން، އޮގަސްޓް، 7، 2014 ގައި ވަގަށް ނަގާފައިވާ، އަދި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އާއިލާ އިން ބުނާގޮތުގައި ޔާމީނަކީ ރިލްވާންގެ "ބެސްޓް ފްރެންޑެ"ވެ.

ރިލްވާނަށް ވީ ގޮތެއް ހޯދައިދޭން އެދި އާއިލާ އިން ކުރާ މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅެނީ ވެސް ޔާމީނެވެ. ހުރިހާ ކަމެއް ރާވައި، އިންތިޒާމްކުރަނީ ވެސް އޭނާ އެވެ.

ރިލްވާންއާ ގުޅޭ ގޮތުން ކުރި ގިނަ މުޒާހަރާތަކުގައި އޭނާގެ މަންމައާ އެންމެ ގާތުގައި ހުންނަނީ ވެސް ޔާމީނެވެ. ބަރާބަރަށް އެ އާއިލާގެ ހާލު ބަލައި ހަދަ އެވެ. އޭނާ މަރާލިއިރު، ރިލްވާން ގެއްލުނުތާ ތިން އަހަރު ފާހަގަކުރަން، ހަރަކާތްތަކެއް ހިންގަން ވެސް ޔާމީން ދިޔައީ ރާވަމުން ކަމަށް ރިލްވާންގެ ދައްތަ އައިމިނަތު ޝެހެނާޒް ބުންޏެވެ.

"އެއް ދަރި އަށް އިންސާފު ނުލިބި އުޅެނިކޮށް އަނެއް ދަރިފުޅު ވެސް ރަހުމްކުޑަކޮށް އެ މަރާލީ. އޭނާގެ ކުށަކީ، މި ގައުމުގައި އިންސާފަށް މަސައްކަތްކޮށް ހައްގު ބަސް ބުނުން،" ރިލްވާންގެ ދައްތަ ރޮމުން ބުންޏެވެ.

ޕޯސްޓް މޯޓަމް ހަދަން އާއިލާ އިން ބޭނުންވޭ

ޔާމީންގެ މަރާ އެކު އާއިލާ އަށް ލިބުނު ފުން ހިތާމައާ އެކު، އޭނާ އަށް ދިން އިންޒާރުތައް ބަލައިދޭން އެދުމުން ފުލުހުން "އިހުމާލުވީ" މައްސަލާގައި އާއިލާގެ ޝަކުވާ ބޮޑެވެ.

ޔާމީން މަރާލީ ކޮން ބައެއް ކަމެއް އަދި ހަގީގީ މަގްސަދަކީ ވެސް ކޮބައިކަމެއް އަދި ނޭނގެ އެވެ. އެ މައްސަލާގައި ފުލުހުން މިހާތަނަށް ބުނެފައި ވަނީ، ޔާމީން މަރާލާފައި ވަނީ "ގަސްދުގައި ތޫނު ހަތިޔާރުން ހަމަލަދީ" ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނި ގޮތުގައި ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުމެވެ. ނަމަވެސް އަދި ވަކި ގޮތެއް ނުނިމެ އެވެ.